ރޯދަ ހިފައިގެން ތިބޭ ކުޑަކުދިންލައްވައިވެސް ޚާއްޞަކޮށް ރޯދަވީއްލާ ވަގުތު ދުޢާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. ކުޑަކުދިންގެ ހިތުގައި އެކަމަށް ޝައުޤުވެރިކަން އުފެދޭނީ މައިންބަފައިން އެކަމަށް މަސައްކަތްކުރުމުންނެވެ.
ކުޑަކުދިންވެސް ކަންކަމަށް ބޭނުންވާނެއެވެ. އެދޭ ބައިވަރު ކަންކަން ހުންނާނެއެވެ. އެކަންކަން ހިންމަވައިދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. މޮޅަށް ކިޔެވޭ ރަނގަޅު ނަތީޖާ ހޯދޭ މޮޅު ކުއްޖަކަށް ވުމަށް އެދިވެސް ދުޢާކުރަންވާނެއެވެ. މައިން ބަފައިންނަށްޓަކައިވެސް ދުޢާކުރަންވާނެއެވެ.
ރަމަޟާންމަހު ދުޢާ ކުރުން ގިނަ ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެހެނީ ރޯދަވެރިޔާގެ ދުޢާ ﷲ ތަޢާލާ އިޖާބަ ކުރައްވަވާނެތެވެ. ޚާއްޞަކޮށް ރޯދަވެރިޔާ ރޯދަވީއްލާ ވަގުތު ކުރާ ދުޢާ ﷲ ތަޢާލާ އިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެތެވެ.
ހަމައެފަދައިން މައިން ބަފައިން ދަރިންނަށްޓަކައިވެސް ހެޔޮ ދުޢާކުރުން ގިނަކުރަންވާނެއެވެ. މައިންބަފައިން މަރުވެފައިވާނަމަ އެމީހުންނަށްޓަކައިވެސް ދުޢާކުރަންވާނެއެވެ. ދަރިންނަށްޓަކައި ބައްޕައިން ދުއާ ކުރުމަކީވެސް ވަރަށް މަތިވެރިކަމެކެވެ.
ދަރިންގެ ކިބައިގައި މި މަތިވެރި އާދަ އަށަގެންނެވުމަށް މައިންބަފައިން ބާރުއަޅަންވާނެއެވެ. އެކުދިން ލައްވައި ދުޢާކުރުވަންވާނެއެވެ!
ގިނަ ބެލެނިވެރިން އިރުއޮއްސެން ކައިރިވުމުން ދަރިން ގޮވައިގެން ދަނީ ފިނިބުރުޖަހާށެވެ. އެނބުރި ގެއަށް ވަންނަނީ ބަންގިއަށެވެ. ގޭގައި ކުދިން ތިބި ނަމަވެސް އެކުދިން ލައްވައި ދުޢާކުރުވަނީ ވަރަށް މަދު ބެލެނިވެރިއެކެވެ. އަދި ރޯދަވީއްލާ ވަގުތު އަމިއްލައަށް ދުޢާކުރަނީވެސް ވަރަށް މަދު ބެލެނިވެރިންނެވެ.
ޒަމާނުންސުރެ އޮންނަ މިއާދަ ބަދަލުކުރަން އެބަޖެހެއެވެ. ރޯދަ ވީއްލާވަގުތު ޖެހުމުގެ ކުރިން ދުޢާކޮށް އެމަތިވެރި ވަގުތު ފައިދާ ލިބިގަންނަން އެބަޖެހެއެވެ. ޢާއިލާ އެކުގައި ތިބެގެން ދުޢާކުރުމުގެ މަތިވެރިކަމާއި ފައިދާ ލިބިގަންނަން އެބަޖެހެއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން