ޢަލީ އިޙްޞާން ފިރާޤް
ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންނަކީ މުއުމިނުތަކުންގެ މައިންކަމުގައެވެ. މިކަން ބަޔާން ކުރައްވައި އަޙްޒާބު ސޫރަތުގެ 6 ވަނަ އާޔަތުގައި އަރަހުށި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.
النَّبِيُّ أَوْلَىٰ بِالْمُؤْمِنِينَ مِنْ أَنفُسِهِمْ ۖ وَأَزْوَاجُهُ أُمَّهَاتُهُمْ ۗ وَأُولُو الْأَرْحَامِ بَعْضُهُمْ أَوْلَىٰ بِبَعْضٍ فِي كِتَابِ اللَّهِ مِنَ الْمُؤْمِنِينَ وَالْمُهَاجِرِينَ إِلَّا أَن تَفْعَلُوا إِلَىٰ أَوْلِيَائِكُم مَّعْرُوفًا ۚ كَانَ ذَٰلِكَ فِي الْكِتَابِ مَسْطُورًا ﴿٦﴾
މާނައީ: [مؤمن ންނަށް އެއުރެންގެ އަމިއްލަ نفس ތަކަށްވުރެން، ނަބިއްޔާ أولى ކަން ބޮޑެވެ. އަދި އެ ނަބިއްޔާގެ އަނބިއަނބިކަނބަލުންނީ، އެއުރެންގެ މައިންނެވެ. مؤمن ންނާއި، مهاجر ންގެ ތެރެއިންވާ މީހުންނަށްވުރެން اللَّه ގެ ފޮތުގައި ކަނޑައަޅުއްވާފައިވާ ގޮތުގައި، ގާތްތިމާގެ މީހުން އޭގެއެއްބަޔަކު އަނެއްބަޔަކާ أولى ކަން ބޮޑެވެ. ތިޔަބައިމީހުންގެ އެކުވެރިންނަށް ހެޔޮކަމެއް ކުރުމުގެގޮތުން ބާއްވާ ގުޅުމެއް މެނުވީއެވެ. ފޮތުގައި (އެބަހީ: اللوح المحفوظ ގައި) ލިޔުއްވާފައިވާ ކަމެއްކަމުގައި އެކަންތައް ވިއެވެ.]
އުއްމުލް މުއުމިނީން އުއްމުސަލަމަތުގެފާނު ވިދާޅުވެފައިވާކަމަށް އިބްނު ސަޢުދު އޭނާގެ ތަބަޤާތުގައި ބަޔާން ކުރައްވައިފައެވެ. އެކަމަނާ މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވެފައިވެއެވެ. أنا أُمُّ الرِّجالِ مِنكُمْ، والنِّساءِ [ތިމަންކަމަނާއަކީ ތިޔަބައިމީހުންގެ ފިރިހެނުންނާއި، އަންހެނުންގެ މަންމައެވެ.]
އަލްޙާފިޡް އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. [އެބޭކަނބަލުން މުއުމިނުންގެ މައިކަނބަލުންކަމުގައިވަނީ އިޙްތިރާމު އަދާކުރުމާއި، މާތްކޮށްހިތުމުގެ ގޮތުންނެވެ. މިމައިވަންތަކަން ފުޅާވެގެން ގޮސް އެބޭކަނބަލުންގެ ދަރިދަރިކައުކަނބަލުންނާ، މުސްލިމުން އަންހެނުންނާއި ފިރިހެނުން ކާވެނިކުރުން ޙަރާމްވާ ދަރަޖައަކަށް ނުދާނެއެވެ.]
މުއުމިނުތަކުންގެ މައިކަނބަލުންގެ ޝަރަފު ލިބިވަޑައިގެންފައިވަނީ 11 ބޭކަނބަލަކަށެވެ. އެބޭކަނބަލުންނަކީ
1. خَدِيجَةُ بِنْتُ خُوَيْلِدِ بْنِ أَسَدِ بْنِ عَبْدِ الْعُزَّى بْنِ قُصَيِّ بْنِ كِلَابٍ
2. سَوْدَةُ بِنْتُ زَمْعَةَ بْنِ قَيْسِ بْنِ عَبْدِ شَمْسٍ الْعَامِرِيَّةُ
3. عَائِشَةُ بِنْتُ أَبِي بَكْرٍ الصِّدِّيقِ
4. حَفْصَةُ بِنْتُ عُمَرَ بْنِ الْخَطَّابِ الْقُرَشِيَّةُ الْعَدَوِيَّةُ
5. أُمُّ سَلَمَة. އެކަމަނާގެ އަސްލު ނަންފުޅަކީ هِنْدُ بِنْتُ أَبِي أُمَيَّةَ الْمَخْزُومِيَّةُ
6. أُمُّ حَبِيبَة. އެކަމަނާގެ އަސްލު ނަންފުޅަކީ رَمْلَةُ بِنْتُ أَبِي سُفْيَان
7. زَيْنَبُ بِنْتُ جَحْشِ بْنِ رِئَابٍ الْأَسَدِيَّةُ
8. زَيْنَبُ بنت خذيمة بْنِ الْحَارِثِ [بْنِ عَبْدِ اللَّهِ] بْنِ عَمْرِو بن عبد مناف بن هلال ابن عَامِرِ بْنِ صَعْصَعَةَ الْهِلَالِيَّةُ
9. جُوَيْرِيَةُ بِنْتُ الْحَارِثِ بْنِ أَبِي ضِرَارٍ الْخُزَاعِيَّةُ الْمُصْطَلِقِيَّةُ
10. صَفِيَّةُ بِنْتُ حُيَيِّ بْنِ أَخْطَبَ الْهَارُونِيَّةُ
11. مَيْمُونَةُ بِنْتُ الْحَارِثِ الْهِلَالِيَّةُ
މީގެ ތެރެއިން ދެބޭކަނބަލަކުވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި އަވަހާރަވެފައެވެ. އެއީ އުއްމުލް މުއުމިނީން ޚަދީޖަތުގެފާނާއި، އުއްމުލް މުއުމިނީން ޒައިނަބު ބިންތި ޚުޒައިމާ ރަޟިޔަﷲ ޢަންހާއެވެ. މިބޭކަނބަލުންގެ ތެރެއިން ޒައިނަބު ބިންތި ޚުޒައިމާ އާއި މައިމޫނަތުގެފާނަކީ އެއްބަނޑުފުޅު ދެބޭފުޅުންނެވެ. މާތް ރަސޫލާ މައިމޫނަތުގެފާނާ ކާވެނިފުޅު ބައްލަވައިގެންނެވީ ޒައިނަބުގެފާނު އަވަހާރަވުމަށްފަހުގައެވެ.
ދެން ތިއްބެވީ ސުއްރިއްޔާއިންނެވެ. ނުވަތަ ޖާރިޔާއިންނެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު އެއްބޭކަނބަލަކީ مَارِيَةُ الْقِبْطِيَّة އެވެ. އެކަމަނާގެ ބަނޑުފުޅުން އިބްރާހީމް އޭ ކިޔުނު ދަރިކަލެއް މާތް ރަސޫލާއަށް ލިބިވަޑައިގެންނެވިއެވެ. އެދަރިކަލުން ތުއްޕުޅުއިރު އަވަހާރަވީއެވެ. ދެން އިންނެވި ޖާރިއާއަކީ رَيْحَانَةُ އެވެ. އެކަމަނާ އިތުރު އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އަވަހާރަވެއްޖެއެވެ. އަދި ހަނގުރާމައެއްގެ ޣަނީމާ މުދަލުގެ ގޮތުން ލިބިވަޑައިގެންނެވި جَمِيلَة އޭ ކިޔުނު ޖާރިޔާއަކާއި ޒައިނަބު ބިންތި ޖަޙުޝް އިތުރު އެކަލޭގެފާނަށް ވެދުމަށް އެރުވި ޖާރިޔާއެއް ހިމެނެއެވެ. މި ޖާރިޔާއިންނަކީ މުއުމިނުތަކުންގެ މައިކަނބަލުންގެ ޝަރަފުވެރި މަޤާމު ލިބިވަޑައިގެންފައިވާ ބޭކަނބަލުންނެއް ނޫނެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުން ޙިޖާބުވެވަޑައިގެން ނެވުމުގައިވެސް އާންމު އަންހެނުންނަށްވުރެ ބޮޑަށް ރައްކާތެރިވެވަޑައިގެންނެވުމަށް ޤުރްއާނުގައި އިރްޝާދު ދެއްވައިފައިވެއެވެ. އެގޮތުން ހިލޭ ފިރިހެނަކު އެކަނބަލުންކުރެ އެއްޗެއް އޮޅުންފިލުވަން ކޮންމެހެން ބޭނުންވެއްޖެނަމަ ސުވާލު ކުރެވޭނީ ޙިޖާބެއް ނުވަތަ ފަރުދާއެއްގެ އަނެއް ފަރާތުގައި ހުރެގެންނެވެ. މާތް ރަސޫލާ ސުވަރުގެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނުގެ އަނބިކަނބަލަކާ ކާވެނިބެއްލެވުންވެސް އެއީ ޙަރާމްކަމެކެވެ. އަޙްޒާބު ސޫރަތުގެ 53 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.
وَإِذَا سَأَلْتُمُوهُنَّ مَتَاعًا فَاسْأَلُوهُنَّ مِن وَرَاءِ حِجَابٍ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ وَمَا كَانَ لَكُمْ أَن تُؤْذُوا رَسُولَ اللَّهِ وَلَا أَن تَنكِحُوا أَزْوَاجَهُ مِن بَعْدِهِ أَبَدًا ۚ إِنَّ ذَٰلِكُمْ كَانَ عِندَ اللَّهِ عَظِيمًا ﴿٥٣﴾
މާނައީ: [އަދި އެކަނބަލުން (އެބަހީ: ނަބިއްޔާގެ އަނބިއަނބިކަނބަލުން) ގެ ކިބައިން ތިޔަބައިމީހުން އެއްޗަކަށް އެދޭނަމަ، ފަހެ، ފަރުދާއެއްގެ އަނެއްފަރާތުން ތިޔަބައިމީހުން އެކަނބަލުންނާ سؤال ކުރާށެވެ! ތިޔަބައިމީހުންގެ ހިތްތަކަށާއި، އެކަނބަލުންގެ ހިތްޕުޅުތަކަށް އެންމެ طاهر ކަންބޮޑީ އެގޮތެވެ. اللَّه ގެ رسول އާއަށް ތިޔަބައިމީހުން އުނދަގޫ ކުރުމެއް، އަދި އެކަލޭގެފާނަށްފަހު ދުވަހަކުވެސް އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާ ކާވެނިކުރުމެއް ތިޔަބައިމީހުންނަކަށް ހުއްދަވެގެނެއް ނުވެތެވެ. ހަމަކަށަވަރުން، އެކަމަކީ، اللَّه ގެ حضرة ގައި ބޮޑުވެގެންވާ ކަމެއްކަމުގައި (އެބަހީ: ފާފައެއްކަމުގައި) ވެއެވެ.]
މިދެންނެވި އާޔަތް ބާވައިލެއްވުނު ސަބަބާމެދު އިމާމު ޤުރްޠުބީ ލިޔުއްވައިފައިވެއެވެ. މުސްލިމުންގެ ތެރެއިން ޒުވާނަކު ބުންޏެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގަތުމުން ތިމަންނާ ޢާއިޝަތުގެފާނާ ކާވެނިކުރާނަމެވެ. މިކަމާ ވިދިގެން މިއާޔަތް ބާވައިލެއްވިއެވެ.
عمر مولى غفرة ވިދާޅުވެފައިވެއެވެ. ޔަހޫދީންނަށް މާތް ރަސޫލާ ގިނައިން ކާވެނި ބައްލަވައިގަންނަވާތަން ފެނުމުން އެކަމަނާ ފާޑުކިޔަންފެށިއެވެ. އެބައިމީހުން ބުންޏެވެ. [ނިކަން މި މީހާއަށް ބަލާށެވެ. ކާތަކެއްޗަކުން މީނާ ބަނޑުފުރޭކަމަކަށްނުވެއެވެ. އަބަދުވެސް ޝައުގުވެރިކަން ހުންނަނީ އަންހެނުންގެ މައްޗަށެވެ. އޭނާއަކީ ނަބީބޭކަލެއްނަމަ އަންހެނުންގެ މައްޗަކަށް އެއްވެސް އެދުންވެރިކަމެއް ނުހުރީހެވެ.] މިފަދަ ނުބައި ވާހަކަތައް ދެއްކުމުގެ އެންމެ ބޮޑު މޭސްތިރިއަކީ حُيَيِّ بْنِ أَخْطَب އެވެ. އަރަހުށި މާތްﷲ އެބައިމީހުންގެ ވާހަކަތައް ދޮގުކުރައްވައި އަދި އެކަލާނގެ ރަސޫލާގެ މައްޗަށްވާ ފަޟުލުވަންތަވެރިކަން ބަޔާން ކުރައްވާ ނިސާ ސޫރަތުގެ 54 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.
أَمْ يَحْسُدُونَ النَّاسَ عَلَىٰ مَا آتَاهُمُ اللَّهُ مِن فَضْلِهِ ۖ فَقَدْ آتَيْنَا آلَ إِبْرَاهِيمَ الْكِتَابَ وَالْحِكْمَةَ وَآتَيْنَاهُم مُّلْكًا عَظِيمًا ﴿٥٤﴾
ނުވަތަ، اللَّه ގެ فضل ވަންތަކަމުގެ ތެރެއިން، އެކަލާނގެ މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން (އެބަހީ: يهودى ން) މީސްތަކުންނަށް حسد ވެރި ވަނީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، إبراهيم ގެފާނުންގެ آل ވެރިންނަށް، ފޮތާއި حكمة، ތިމަންރަސްކަލާނގެ ދެއްވީމެވެ. އަދި، ބޮޑުވެގެންވާ ވެރިކަމެއް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވީމެވެ.
ދާއޫދުގެފާނުގެ ދަރިކަލުން ސުލައިމާނުގެފާނަށް އަރަހުށި މާތްﷲ އެއްހާސް އަނބިކަނބަލުން ދެއްވިއެވެ. އޭގެ ތެރެއިން 700 ބޭކަނބަލުންނަކީ مَهْرِيَّة އިންނެވެ. 300 ބޭކަނބަލުންނަކީ سُرِّيَّة އިންނެވެ. ދާއޫދުގެފާނަށް 100 އަނބިއަނބަލުން ލިބިވަޑައިގެންފައިވެއެވެ. {އިބްނު ސަޢުދު، ޠަބަޤާތު، ތަރުޖަމާ ޑރ ޢާއިޝާ ބިވްލީ، ޞަފްޙާ 143}