ﷲ ތަޢާލާ ރަމަޟާންމަސް ލެއްވެވި މަޤްޞަދު މީސްތަކުން ބަދަލުކޮށްފިއެވެ. ތަހައްޖުދު ނަމާދުކުރުމުގެ މަހަކީ މުނިފީހިފިލުވުމުގެ މަހަކަށް ހަދައިފިއެވެ. ޤުރްއާން ކިޔެވުމުގެ މައްސަރަކީ ޣީބަބުނުމާއި ނެތިމޮށުމުގެ މަހަކަށް ހަދައިފިއެވެ. ޞަދަޤާތްކުރުމުގެ މަހަކީ މީރުކޮށް ކައްކައިގެން ކެއުމުގެ މަހަކަށް ހަދައިފިއެވެ. އަޅުކަމުގައި ގިނަވަޤުތުތައް ހޭދަކުރަންޖެހޭ މަހަކީ ދަޢުވަތުދީގެން ގިން ވަޤުތު ބޭކާރުކުރާ މަހަކަށް ހަދައިފިއެވެ.
މީސްތަކުންނޭވެ! ރަމަޟާން މަސް އައުމުން ރަމަޟާން މުބާރިކް، ރަމަމާން ކަރީމްކިޔައި މެސެޖު ފޮނުވުމަކުން ނުނިމޭނެއެވެ. ތިމާއަކީ ރަމަމާން މަހުގެ ބަރަކާތް ޙާޞިލުކުރަން މަސައްކަތްކުރާ މީހަކަށް ނުވެއްޖެނަމަ އެހެން މީހުންނަށް ފޮނުވާ މެސެޖުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
މީސްތަކުންނޭވެ! އުފަލުން ހިނިތުބްވެގެން ހުރެ މަޙްޝަރުބިމަށް ދާން ދެއްވަވާ ފުރުޞަތު ނަގާލާފައި އެދުވަހު ހިތާމަ ކުރަންޖެހޭނެ މީހަކަށްވަނީ އަމިއްލައަށެވެ. މިއަދު ވިސްނައި ނުލަނީއެވެ. ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުންނަން ޖެހޭ ދުވަހު ވިސްނޭނެއެވެ.
ވިސްނޭނީ ކޮންކަމެއް ހެއްޔެވެ؟ ތިމާއަށް ކުރެވުނު ފާފަތައް ފުހެލައި ސުވަރުގެ ވަންނަން ކިތައް ފުރުޞަތު ދެއްވެވިކަމެވެ. ކިތައް އަހަރުގެ ރަމަޟާން މަސް ތިމާއާއި ބައްދަލުކުރިކަމެވެ. ކިތައް އަހަރު ތިމާ ދުނިޔޭގައި ހުރިކަމެވެ. މަރުގެ ވަޤުތު ޖެހެންދެން ތައުބާގެ ފުރުޞަތު ދެއްވވާފައި އޮތްކަމާއި ފުރުޞަތުގެ ބޭނުން ތިމާ ނުހިފައިދޫކޮށްލީކަމެވެ.
މީސްތަކުންނޭވެ! ވިސްނައިލާށެވެ! މިދިއަ އަހަރުގެ ރަމަޟާން މަހުގެ ބޭނުން ރަނގަޅު ގޮތުގައި ހިފިފައިވާނީ ވަރަށް މަދުމީހެކެވެ. ނުހިފުނު މީހުން ބުނަމުން އައީ މިއަހަރުގެ ރަމަމާން މަސް އައުމުން ފުރުބަތުގެ ބޭނުން ހިފާނެކަމަށެވެ. މިއަހަރުގެ ރަމަޟާން މަސް ފެށި މެދަށް ދިއައީއެވެ. އެމީހުން ނިކަން މިއަދު ޖަވާބުދީބަލާށެވެ! މިރަމަޟާން މަހުގެ ބޭނުން އެބަ ހިފޭހެއްޔެވެ؟ ފުރިހަމަ ގޮތުގައި ރޯދަ ހިފޭހެއްޔެވެ؟ އަޅުކަން އެބަކުރެވޭ ހެއްޔެވެ؟
އަހުރެން ޖަވާބު މިދެނީއެވެ! ކުރީ އަހަރު ކަންނެތްވި މީހުންގެ އެންމެ 1 އިންސައްތަ މީހުންނަށް ވެސް މިއަހަރުގެ ރަމަމާން މަހުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފިފައެއް ނުވާނެއެވެ! މިއަހަރުގެ ރަމަޟާން މަސް ނިމުމުން ބުނާނީ ދެން އަންނަ ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފާނެކަމަށެވެ! އެބުނާ ދެންއަންނަ ރަމަމާން މަސް ނައިސްގެން އުޅެނިކޮށް އޮންނާނީ ދުނިޔެ ދޫކުރަން ޖެހިފައެވެ.
މީސްތަކުންނޭވެ! މިދެއްކި ވާހަކަތަކަށް ދެންވެސް ސަމާލުކަންދޭށެވެ! މިރަމަމާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތައާލާ ދެއްވެވި ފުރުޞަތުގެ ބޭނުންހިފައި ނަރަކައިން ސަލާމަތްވާން ގަދައަޅައި މަސައްކަތްކުރާށެވެ!
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން