ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގަ ހިފައިފިނަމަ "ޒީރޯ"ގަ ހުރިމީހާ "ހީރޯ" އަކަށް ބަދަލުވާނެ!: ޝައިޚް މުޙައްމަދު ހޮބްލޮސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގަ ހިފައިފިނަމަ "ޒީރޯ"ގަ ހުރިމީހާ "ހީރޯ" އަކަށް ބަދަލުވާނެ!: ޝައިޚް މުޙައްމަދު ހޮބްލޮސް

މީސްތަކުންނޭވެ! ދަރިންދެކެ ލޯބިވާ މައަކު އޭނާގެ ދަރިފުޅު އަލިފާނަށް އެއްލައިލާނެ ހެއްޔެވެ؟ ނުލާނެއެވެ. ޙަފީޘްފުޅުން އެނގެން އޮތް ގޮތުގައި މައިންނަސްވުރެ އަހަރެމެންދެކެ ﷲ ތަޢާލާ މާބޮޑަށް ލޯބިވެވޮޑިގަންނަވައެވެ. 

އެހެންކަމަށްވާއިރު އެކަލާނގެއަޅުން ނަރަކައަށް އެއްލަވައިލައްވަވަން ﷲ ތަޢާލާ ލޯބިފުޅުވެވޮޑިގަންނަވާނެ ހެއްޔެވެ؟ ނުވާނެއެވެ. ނަމަވެސް އަހަރެމެން އަމިއްލައަށް ނަރަކައަށް ވެއްޓިގަންނަނީއެވެ. 

ﷲ ތަޢާލާގެ ރަޙްމަތްފުޅު އަބަދުވެސް އަހުރެމެންނާއިއެކުގައިވެއެވެ. އަހުރެމެން ލިބިނުގަންނަނީއެވެ. ފާފަތައް ކުރަނީއެވެ. ތައުބާ ނުވަނީއެވެ. ޤުރްއާނުގައި އޮތްގޮތަށް އުޅެން އެންގެވުމުން އަހަރެމެން ޢަމަލުނުކުރަނީއެވެ. ދުނިޔޭގެ އެދުންތަކަށް ހެއްލި ދީނާއިމެދު ޣާފިލުވެވެނީއެވެ. 

ހަނދާންކުރާށެވެ! ސުވަރުގެ ދިއުމަށް އޮތީ އެންމެ މަގެކެވެ. އެއީ ރަސޫލް ގެ ސުންނަތެވެ. (މާނައަކީ ސުންނަތުގައި އޮތީ ﷲ ތަޢާލާގެ މަގެވެ. ޤުރްއާނުގެ މަގެވެ. ސުވަރުގެ ލިބެން އޮތީ ޤުރްއާނަށް ޢަމަލުކޮށްގެންނެވެ.) 

ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގަ ހިފައިފިނަ "ޒީރޯ"ގަ ހުރިމީހާ "ހީރޯ" އަކަށް ބަދަލުވާނެއެވެ. އެހެނީ ސުވަރުގޭގެ ދޮރުކޮޅުތައްވަނީ މަހުގެ ނިޔަލަށް ހުޅުއްވަވައިލައްވަވައިފައެވެ. ވަންނަން ބޭނުންވާ މީހާ ވަންނަންވީއެވެ. އެއްވެސް ހުރަހެއް ނެތެވެ. އެކަމަށް ފަސޭހަކޮށްދެއްވެވުމަށްޓަކައި ބޮޑެތި ޝައިޠޯނުންތައް ވަނީ ކަސްތޮޅު އަޅުއްވަވައިފައެވެ. 

ރޯދަވެރިޔާއަށް ދެ އުފަލެއްވެއެވެ. އެއީ ރޯދަވީއްލާ ވަޤުތުގައާއި ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުންނަން ޖެހޭ ވަޤުތުގައެވެ. ވީމާ ވީހައި ފުރިހަމަ ގޮތުގައި ރޯދަހިފަން ގަދައަޅައި މަސައްކަތްކޮށް ހީރޯއަކަށްވާށެވެ. ރަމަޟާން މަސް އައިއިރު މީހާހުރި ޙާލަތަށް ނުބަލާށެވެ! ރަމަޟާން މަސް ނިމޭއިރު ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ހުންނަން މަސައްކަތްކުރާށެވެ! ރަމަޟާން މަސް ކާމިޔާބުކުރެވުމަކީ އެއީއެވެ! 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

މިއަދު އޮންލައިން