މީސްތަކުންނޭވެ! ރޯދަމަސް ނޫން މަސްތަކުގައިވެސް އަހުރެމެން ރޯދަ ހިފަމުއެވެ. އެއީ ﷲ ތަޢާލާއަށް ލޯބިންނެވެ. ރޯދަމަސް އައުމުން ރޯދަހިފުމަށް ލޯބި އިތުރުވެގެންދެއެވެ. ކޮންމެ ގޮތަކުން ނަމަވެސް ރޯދަހިފަން ބޭނުންވެއެވެ.
އެހެންކަމާއިއެކުވެސް ތަކްލީފެއްގައިވާނަމަ (ބަލިވުންފަދަ) ރޯދަ ނުހިފާށެވެ. ޚާއްޞަކޮށް ރޯދަ ހިފުމުން ޞިއްހަތަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނަނަމަ ރޯދަ ނުހިފާށެވެ! އެކަމުގައި ގޮތް ނިންމުމުގެ އިޚްތިޔާރު އެމީހަކަށްވަނީ ދެއްވަވާފައެވެ. ވީމާ އިޚްލާޞްތެރިކަމާއިއެކު ގޮތް ނިންމާށެވެ!
ވިސްނާލަންވީ ކަމަކީ އެކިއެކި ކަންކަމާއި ގުޅިގެން ﷲ ތަޢާލާ ދެއްވަވާ ދެއްވަވާފައިވާ ލުއިފަސޭހަކަމުގެ ބޭނުން ހިފުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމެވެ. އެއިގެ ތެރޭގައި ބަލިވުމުންނާއި ދަތުރުމަތީގައި ރޯދަނުހިފުން ހިމެނެއެވެ.
މިހެން ބުނި ނަމަވެސް ދަތުރެއްގައި އުޅޭއިރު ތަކްލީފަކަށް ނުވާނަމަ ރޯދަހިފުމަކީ މައްސަލައެއް ނޫނެވެ. މީގެކުރިން ބުނެފައިވާ ފަދައިން ދަތުރުމަތީގައި އަހުރެންވެސް ރޯދަހިފަމެވެ. އެކަން އަހުރެންނަށް ތަކްލީފަކަށް ނުވާތީއެވެ. ތަކްލީފަކަށް ވެއްޖެނަމަ ނުހިފައި ދޫކޮށްލާނީއެވެ.
މުފްތީ މެންކުގެ ދަރުސަކުން