ރަމަޟާން މަހެއް އެމީހަކާއި ބައްދަލުވެ އެމީހެއްގެ ފާފަ ފުއްސަވައި ދެއްވަވާނެ ވަރަށް އަޅުކަން ނުކުރެވިއްޖެނަމަ އެމީހަކީ ގެއްލެނިވެގެންވާ މީހަކުކަން ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތް އިރު އެކަމަށް އެބަ ވިސްނައިލެވޭ ހެއްޔެވެ؟ ތިމާއަކީ ގެއްލެނިވެގެންދާ މީހަކު ކަމުގައި ނުވުމަށް އެބަ މަސައްކަތް ކުރެވޭ ހެއްޔެވެ؟
މިއަދު އަހަރެމެންގެ ޙާލަތަކީ ރޭގަނޑު ދަންވަރު 2:00 އިން ފެށިގެން ނަމަވެސް މީހަކު އެއްޗެއް ބަހާނަމަ ނިދި ނަގާލާފައިވެސް އެ އެއްޗެއް ލިބިގަންނަން ދާނެއެވެ. އެ ނުލިބެނީސް ނިދި ނުވެސް އަންނާނެއެވެ. އަދި ކީއްކުރަންހެއްޔެވެ؟ ބައިވެރިވާ ހިތްވާ، ބަލާހިތްވާ ޕްރޮގްރާމެއް ޓީވީން ކިތަންމެ ދަންވަރަކު އަންނަ ނަމަވެސްމެއެވެ.
"ތިއައީ މާދަންވަރުގެ ވަގުތަކަށްވާތީ ބަލައި ނުދެވޭނެ ކަމަކަށް އަދި އެޕްރޮގްރާމް ނުބެލޭނެ" ކަމަކަށްވެސް ނުބުނާނެއެވެ. އަދި ލިބިގަތުމަށްޓަކައި ކިޔޫގެ އެންމެ ކުރިއަށްވެސް އަރަން މަސައްކަތްކުރާނެއެވެ.
ރަޙްމަތުން ފުރިގެންވާ މި ރަމަޟާންމަހުގައިވެސް ﷲ ތަޢާލާ ރޭ ގަނޑުގެ 3 ބައިން ފަހު ބައިގައި ބިމުގެ އުޑަށް ތަޖައްލީވެ ވޮޑިގަތުމަށްފަހު "ތިމަން ﷲގެ ޙަޟްރަތުން ކަންކަމު އެދެނީ ކޮން ބައަކުތޯ؟ އެދެނީ ކޮން ކަމަކުތޯ؟" މީސްތަކުންނާއި މުޚާޠަބްކުރައްވަވައެވެ. އަދި "އެކަންކަން ފުއްދަވައި ދެއްވުމަށްޓައި ފަތިސްވުމާއި ހަމައަށް ތިމަން ﷲ ބިމުގެ އުޑުގައި ދެމިވޮޑިގެންވާކަން" ކޮންމެ ރެއަކު ބަޔާން ކުރައްވަވަމުން ގެންދަވާއިރު ﷲ ތަޢާލާގެ ވަޙީގެ އަޑުފުޅު އަހަރެމެންނަށް އިވޭ ކަމަކަށް ނުވެއެވެ.
މިހައި ދަށު ދަރަޖައަށް މީސްތަކުން މިވަނީ ވެށްޓިފައެވެ. އެހެން ވިއަ ނުދޭށެވެ! ރަމަޟާން މަސް ދެބައިވީއެވެ! ހޭލާށެވެ! ދަމު ނަމާދުކުރާށެވެ. އަނބިން ދަރިން ފިރިން ލައްވައިވެސް ކުރުވާށެވެ. ނުހޭލާ ނަމަ ލޮލަށް ފެން ބުރުއްސައިގެންވެސް ހޭލައްވުވާށެވެ! ސުންނަތުގައި އޮތީ އެގޮތެވެ! ރަމަޟާން މަހުގެ ފުރިހަމަ ސަވާބާއި ދަރުމަ ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން