ޢާއިޝަތުގެފާނުގެ ސީރަތު: "އަނބިންގެ ގައިގައި ތަޅާ އަނިޔާ ކުރާނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ނުބައިމީހާއެވެ.- ޙަދީޘް

ކިޔުމަށް ހޭދަވާނީ 3މ 50ސ
ޢާއިޝަތުގެފާނުގެ ސީރަތު: "އަނބިންގެ ގައިގައި ތަޅާ އަނިޔާ ކުރާނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ނުބައިމީހާއެވެ.- ޙަދީޘް

ޢަލީ އިޙްޞާން ފިރާޤް

 

މާތް ރަސޫލާ صلّى اللّـه عليه وسلّم ރަސޫލުކަމާގެން ފޮނުއްވުނު ޒަމާނުގައި ޢަރަބި ކަރައިގައި އެންމެ ޢިލްމުވެރިކަމަށް ދައުވާ ކުރަމުން ގެންދާބަޔަކީ ޔަހޫދީންނެވެ. އެބައިމީހުންނަކީ ތައުރާތުގެ ޙުކުމްތަކަށް ތަބާވެގެން އުޅޭކަމަށް ދައުވާކުރާ މީހުންނެވެ. ނަމަވެސް އެބައިމީހުންގެ ތެރޭގައިވެސް އަންހެނުންނަށް އަނިޔާ ކުރުމަކީ ހައްދު ފަހަނަ އަޅައިފައިވާ ކަމެކެވެ. 

އުއްމުލް މުއުމިނީން ޞަފިއްޔަތުގެފާނަކީ ޔަހޫދީންގެ ސަރުދާރެއްކަމުގައިވާ ޙުޔައްޔު ބިން އަޚްޠަބުގެ ދަރިކަނބަލެވެ. ޚައިބަރު ހަނގުރާމައިގައި ޞަފިއްޔަތުގެފާނު ހައްޔަރުވެވަޑައިގެންނެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާ މިނިވަން ކުރައްވައިފައި ކާވެނި ބައްލަވައިގެންނެވީއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އެކަމަނާގެ މޫނުފުޅުމަތީން ނޫފައިގެންފައިވާ ތަނެއް ފެނިވަޑައިގެން އެކަމާ ސުވާލު ކުރެއްވެވިއެވެ. އެކަމަނާ ވިދާޅުވީ އެކަމަނާގެ ކުރީގެ ފިރިމީހާ ރުޅިއައިސްގެން އެކަމަނާގެ މޫނުފުޅުގައި ޖެހުމުގެ ސަބަބުން އުފެދުނު ނިޝާނެއްކަމުގައެވެ. 

އަންހެނުންނަށް އަނިޔާކުރުމާއި އެކަނބަލުންނަށް ނަފްސާނީ އަދި ޖިސްމާނީ އެއްވެސް ގެއްލުމެއް ދިނުމަކީ އިސްލާމްދީނުގެ ނަބިއްޔާ صلّى اللّـه عليه وسلّم ވަރަށް ބޮޑަށް ނަހީކުރައްވައިފައިވާ ކަމެކެވެ. އެކަލޭގެފާނު ދުވަހަކުވެސް އަނބިކަނބަލެއްގެ ގައިކޮޅުގައި ޖައްސަވައި އަނިޔާ ކުރައްވައިފައެއްނުވެއެވެ. މިކަމަށް އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންވަނީ އިގްރާރުވެވަޑައިގެންފައެވެ. 

އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. [މާތް ރަސޫލާ صلّى اللّـه عليه وسلّم ދުވަހަކުވެސް ގެންގުޅޭ ޚާދިމަކުގެ ގައިގައިވެސް އަދި އަނބިކަނބަލެއްގެ ގައިކޮޅުގައިވެސް ނުވަތަ އެހެން މީހެއްގެ ގައިގައިވެސް ނުޖައްސަވައެވެ. މާތްﷲ ގެ މަގުގައި ކުރައްވާ ހަނގުރާމައެއްގައި މެނުވީއެވެ.]

{ مسلم (ت ٢٦١)، صحيح مسلم ٢٣٢٨صحيحأخرجه مسلم (٢٣٢٨)} 

القاسِم بن مُحمَّد ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  އަންހެނުންގެ ގައިގައި ޖެހުން މަނާކުރެއްވިއެވެ. އެއްފަހަރަކު އެކަލޭގެފާނަށް ދެންނެވުނެވެ. އަންހެނުންތައް ފާސިދުވެއްޖެއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. [އެކަނބަލުންގެ ގައިގައި (ތަދުނުވާނެހެން) ޖަހާށެވެ. ނަމަވެސް އެކަނބަލުންގެ ގައިގައި ތަޅާ އަނިޔާ ކުރާނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ނުބައިމީހާއެވެ.] 

އިބްނު ސަޢުދު ބަޔާން ކުރައްވައިފައިވެއެވެ. އެއްފަހަރަކު އަންހެނަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް އައެވެ. އޭނާއަކީ އޭނާގެ ފިރިމީހާގެ ފަރާތުން އަނިޔާލިބިފައިވާ މީހެކެވެ. އޭނާގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މާތް ރަސޫލާ صلّى اللّـه عليه وسلّم ތެދުވެވަޑައިގެން މީސްތަކުންނާ މުޚާޠަބު ކުރައްވާ ހަދީޘް ކުރެއްވެވިއެވެ. [އަޅެއްގެ ގައިގައި ތަޅައިގަންނަ ފަދައިން ތިމާގެ އަމިއްލަ އަނބިމީހާގެ ގައިގައި ތެޅުމަށްފަހު ލަދެއްނެތި އޭނާގެ ކައިރިން އުފާ ހޯދަން ގޮސް އުޅޭމީހުންވެސް އުޅެއެވެ.] 

މާތް ރަސޫލާ صلّى اللّـه عليه وسلّم މުސްލިމުންނަށް އެބައިމީހުންގެ އަހުލުންނަށް ހެޔޮކޮށް ހިތުމަށް ބާރުއަޅުއްވަމުން ޙަދީޘް ކުރައްވައިފައިވެއެވެ. [ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ އެމީހާގެ އަހުލުވެރިންނަށް ހެޔޮމީހާއެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ އަލުވެރިންނަށް ހެޔޮމީހާއެވެ.]

{شعيب الأرنؤوط (ت ١٤٣٨)، تخريج المسند ١٢‏/٣٦٥ صحيح أخرجه الترمذي (٣٨٩٥)، والدارمي (٢٢٦٠)، وابن حبان (٤١٧٧) }

މިއަދު އޮންލައިން