ކަށުނަމާދުގައި އަންހެނުންނަށް ޢަމަލީ ގޮތުން ބައިވެރިވެވި ދާނެތޯ؟ ބައިވެރިވެވޭނީ ކިހައި މިންވަރަކަށްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 13ސ
ކަށުނަމާދުގައި އަންހެނުންނަށް ޢަމަލީ ގޮތުން ބައިވެރިވެވި ދާނެތޯ؟ ބައިވެރިވެވޭނީ ކިހައި މިންވަރަކަށްތޯ؟

އަންހެނުން ކަށުނަމާދުގައި ބައިވެރިވުން މަނާ ކުރާނެ އެއްވެސް ދަލީލެއް ނެތެވެ. ސަބަބަކީ، އިސްތިޘްނާ ކުރައްވާފައިވާ ބައެއް ކަންތައްތަކުގައި ފިޔަވާ، ފިރިހެނުންނެކޭ އެއްފަދައިން އެކަނބަލުންނަކީ ވެސް ޝަރީޢަތުގެ ޙުކުމްތަކަށް މުޚާޠަބުވެވިގެންވާ ބަޔެކެވެ. ހުރިހާ ޢިލްމުވެރިންވެސް އިއްތިފާގްވެލައްވާ ގޮތުގައި އަންހެނުން ކަށުނަމާދުގައި ބައިވެރިވުމަކީ ހުއްދަ ކަމެކެވެ. 

ނަމަވެސް، ޖަނާޒާގެ ފަހަތުން ހިނގުމަކީ އަންހެނުންނަށް މަނާވެގެންވާ ކަމެކެވެ. 

فقد أخرج البخاري ومسلم عن أم عطية الأنصارية رضي الله عنها قالت: (نُهِينَا عَنِ اتِّبَاعِ الْجَنَائِزِ ، وَلَمْ يُعْزَمْ عَلَيْنَا) 

މާނައަކީ: އިމާމް ބުޚާރީ އާއި މުސްލިމް އުއްމު ޢަޠިއްޔަތުލް އަންޞާރީ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާކުރެއްވިއެވެ. "ޖަނާޒާގެ ފަހަތުން ދިޔުން ތިމަންމެންނަށް މަނާ ކުރެވުނެވެ. ނަމަވެސް އެހެންކަންތައް މަނާ ކުރެވުނުހާ ވަރުގަދަކޮށް މިކަން މަނަ އެއް ނުކުރެވެއެވެ." 

އިމާމް ގުރްޠުބީ ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "އުއްމު ޢަޠިއްޔާގެ ރިވާޔަތުން ދޭހަވަނީ މިތަނުގައި އައިސްފައިވާ ނަހްޔަކީ ނަހްޔު ތަންޒީހު ކަމަށެވެ. (ޙަރާމްގެ ދަރަޖަ އަށް ނުދާ މަކްރޫހަ ކަންތައް.) މިއީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ. އިމާމް މާލިކް ރަޙިމަހުﷲ ބުރަވެވަޑައިގަންނަވަނީ އަންހެނުންނަށް ޖަނާޒާގެ ފަހަތުން ދެވޭނެ ކަމަށެވެ. އެއީ މަދީނާގެ އަހްލުވެރިންގެ ރައުޔެވެ. ހުއްދަ ކަމުގެ ދަލީލަކީ އިބްނު އަބީ ޝައިބާ އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާ ކުރައްވާފައިވާ ރިވާޔަތެވެ. 

(أَنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ فِيْ جَنَازَةٍ فَرَأَى عُمَرُ امْرَأَةً، فَصَاحَ بِهَا، فَقَالَ: "دَعْهَا يَا عُمَرُ... )الحديث 

މާނައަކީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖަނާޒާ އެއްގައި ހުންނަވަނިކޮށް ޢުމަރު ރަޟިޔަﷲ ޢަންހު އަށް އަންހެނަކު ފެނިވަޑައިގެން ހަޅޭއްފުޅު ލަވައިގެންނެވިއެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އޭ ޢުމަރެވެ. އޭނާ ދޫކޮށްލާށެވެ." 

މި މައްސަލާގައި ބޮޑަށް ރަގަޅު ގޮތަކީ އަންހެނުން ޖަނާޒާގެ ފަހަތުން ނުނިކުތުމެވެ. ކަށުނަމާދުގެ ޖަމާޢަތުގައި ބައިވެރި ނުވެވުނު ނަމަވެސް އެވެ. ޖަނާޒާ އާއި ވަކިން މިސްކިތަށް ގޮސް ކަށުނަމާދުކުރެވިދާނެއެވެ. 

ފަރްޟު ނަމާދު ކުރުމުގައިވެސް އެކަނބަލުންނަށް ބޮޑަށް އެދެވިގެންވަނީ ގޭގައި ކުރުމެވެ. ނަމަވެސް، މިސްކިތުގައި ކުރުމަކުން ފާފަ އެއް ނުވާނެއެވެ. އަދި ނަމާދުގެ ޞައްޙަ ކަމަކަށްވެސް ބަދަލެއް ނާންނާނެއެވެ.  والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން