އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ވަރަށް ޢާންމު ބަހެކެވެ. "މިދުވަސްކޮޅު މިއުޅެންޖެހެނީ ވަރަށް ބުރަކޮށެވެ. ވަރަށް ބޮޑެތި މައްސަލަތަކުގެ ތެރޭގައެވެ. މަސައްކަތް ލުއިވެލައި މައްސަލަތައް ޙައްލުކޮށްލެވުމުން ގިނައިން އަޅުކަންކުރަން ފަށާނަމެވެ."
އެހެންވެ ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ.
"ދުނިޔޭގެ ޙަޔާތުގައި އެއްވެސް މައްސަލައެއް ނުވަތަ ހިތްދަތިކަމެއް ނެތި އެންމެ ދުވަހެއްވެސް ފާއިތު ނުވާނެއިރު މައްސަލަތަކުން ސަލާމަތްވެވުމުން ގިނައިން އަޅުކަންކުރަން މަޑުކުރާ މީހަކަށް ދުނިޔެ ދޫކުރަންޖެހޭނީ ގިނައިން އަޅުކަން ނުކުރެވިއެވެ! އެހެނީ ދުނިޔޭގައި ހުރިހާ ދުވަހަކު މައްސަލަތަކުން ސަލާމަތްވެގެން ހުރެވޭނެކަމެއް ނުއެނގެއެވެ. ސަބަބަކީ މައްސަލަތައް ކުރިމަތިވުމާއި ހިތްދަތިކަން ކުރިމަތިވުމަކީ ދިރިއުޅުމުގެ ބައެކެވެ.
އަދި ކީއްހެއްޔެވެ؟ މައްސަލަތައް ކުރިމަތިވުން މަދުވާނީވެސް ކުރިމަތިމައްސަލަތައް ޙައްލުވާނީވެސް ގިނައިން އަޅުކަންކުރުމުންނެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ.
ހަމަ އެއާއިއެކު ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށް ކުރިމަތިކުރައްވަވާ އިމްތިހާނުތައް ބޮޑުވާނެއެވެ. ގިނަވެސް ވާނެއެވެ. ވީމާ މައްސަލަތަކުން އަރައިގަނެވުމުން ގިނައިން އަޅުކަންކުރަން ހުރުމަކީ އިމްތިޙާނުން ފޭލްވުމެވެ."
އަހުރެންނަށް ވިސްނޭގޮތުން މިއީ ވަރަށް ބުއްދިވެރި ބަސްކޮޅެކެވެ. ކަމުގެ ޙަޤީޤަތެވެ. ވީމާ މައްސަލަތައް ކިތަންމެ ގިނަނަމަވެސް، އަދި ހިތްދަތިކަމުގައި އުޅެންޖެހުނަސް އަޅުކަންކުރާވަރު މަދުނުކުރާށެވެ! ގިނަކުރާށެވެ! އިމްތިހާނިުން ފާސްވެ ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރެވޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން