ކަދުރުން ރޯދަވީއްލައި، މަޣްރިބްނަމާދުކުރުމަށްފަހު ކެއުމަށްވުރެ ޞިއްހަތަށް ފައިދާހުރިގޮތެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކަދުރުން ރޯދަވީއްލައި، މަޣްރިބްނަމާދުކުރުމަށްފަހު ކެއުމަށްވުރެ ޞިއްހަތަށް ފައިދާހުރިގޮތެއް ނެތް!

މިއަދުނޫހުގެ ކިޔުންތެރިންނަށް މިއީ އައުވާހަކައަކަށްނުވާނެއެވެ. ކޮންމެ ރޯދަމަހަކުހެން ހަނދުމަކޮށްދެވޭތީއެވެ.  

މިއީ ދީނީ ޢިލްމުވެރިއެއްގެ ބަސްފުޅެއް ނޫނެވެ. އައިޖީއެމްއެޗްގެ ޑައިޓީޝިއަން އާސިޔާގެ ބަސްފުޅެވެ.  

"ކަދުރުރު ފަދަ މޭވާ އަކާއި ފެންތަށްޓަކުން ރޯދަ ވީއްލުމަށްފަހު އެހެން ތަކެތި ކެއުމުގެ ކުރިން 15 ވަރަކަށް މިނިޓް މަޑުކޮށްލައިފި ނަމަ ކޮހޮރުގެ މައްސަލަތައް ކުޑަވާނެ" 

މާތް ﷲ ގެ ރަޙްމަތްފުޅާއިއެކު ކަދުރުން ރޯދަވީއްލައިގެން ފެންފޮދެއް ބޮއިގެން މަޣްރިބް ނަމާދުކޮށްގެން ބޮޑުރޯދަވީއްލުމުގައި ކާ މީހުން ދަނީ ގިނަވަމުންނެވެ.  

ގިނަ ބައަކު ރޯދަ ވީއްލަން ދަނީ މިސްކިތަށެވެ. މިސްކިތުގައި ރޯދަ ވީއްލަނީ ކަދުރާއި ފެނުންނެވެ. އެއަށްފަހު މަޣްރިބް ނަމާދުކޮށްގެން ގެއަށް ދެވޭނީ 15 ވަރަކަށް މިނިޓް ފަހުންނެވެ. އެހެންކަމުން އާސިޔާ އެވިދާޅުވާ ގޮތަށް އެކަން އޮންނާނީ ކުރެވިފައެވެ.  

ގޭގައި ރޯދަ ވީއްލާ އަންހެނުންނާއި ކުޑަކުދިންވެސް ކަދުރާއި ފެނުން ރޯދަ ވީއްލުމަށްފަހު ކެއުމުގެ ކުރިން މަޣްރިބް ނަމާދުގެ އިހުސުންނަތާއި މަޣްރިބް ނަމާދާއި ފަހު ސުންނަތުގެ 2 ރަކްޢަތް ނަމަވެސް ކޮށްފިނަމަ 15 ވަރަކަށް މިނިޓް އޮންނާނީ ލިބިފައެވެ. އަދި ފަރުޟާއި ސުންނަތް ވެސް އަދާކުރެވިފައެވެ.  

މިއީ ރޯދަ ވީއްލަން ރެސްޓޯރަންޓްތަކަށް ގޮސް ބަންގި ގޮވުމުން ބަނޑުފުރެންދެން ކައި އުޅޭ މީސްމީހުން އިތުރަށް ވިސްނައިލުން ރަނގަޅު ކަމެއްކަން ފާހަގަކުރެވެއެވެ.  

ގިނަ ޤައުމުތަކުގައި ގޭގައި ރޯދަ ވީއްލާ މީހުން ވެސް ރޯދަ ވީއްލުމަށްފަހު ކަނީ ނަމާދުކޮށްގެންނެވެ. ނަމަވެސް ރާއްޖޭގެ ގިނަ ގޭގޭގައި މިގޮތަށް އަމަލު ކުރާކަން އެނގިފައެއް ނެތެވެ. އެހެންކަމުން މިއީ ދިރުވަންޖެހިފައިވާ މުހިންމު އަޅުކަމެއްކަން ޤަބޫލުކުރެއެވެ.

 

 

މިއަދު އޮންލައިން