މިއަހަރުގެ ރަމަޟާން މަހުގެ ފަހު 10 ފެށެނީއެވެ. ފާއިތުވެގެން މިދާ 20 ދުވަހަށްވުރެ ގިނައިން އަޅުކަންކުރަން ހަމަ ކޮންމެ މުސްލިމަކުވެސް ބޭނުންވާނެއެވެ. އަދި ދުޢާކުރަންވެސް ބޭނުންވާނެއެވެ.
ވީމާ މިގެނެސްދެނީ ސަޖިދައިގައި އޮވެ ދުޢާކުރުމާއި ބެހޭގޮތުންނާއި އަދި ކުރެވިދާނެ ބައެއް ދުޢާތަކެވެ.
އައްޝައިޚް އާދަމް ޝަމީމް ލިޔުއްވާފައިވާ ލިޔުއްވުމެއް ތިރީގައި ނަކަލު ކޮށްލާނަމެވެ.
ސަޖިދައަކީ ދުޢާ އިޖާބަ ކުރެއްވުން ގާތް ވަގުތެއް ކަމުގައި ވާތީ އެވަގުތުގައި ގިނައިން ދުޢާ ކުރުމަށް ކައު އިތުރު ނަބިއްޔާ ﷺ ވަނީ އިރްޝާދު ދެއްވާފައެވެ. އަދި ވަކި ދުޢާއެއް ކުރުމަކަށް ނާންގަވައެވެ. ވީމާ، ސަޖިދާގައި ކިޔާ ތަސްބީޙަތަކުން ތަސްބީޙައެއް ކިޔުމަށްފަހުގައި ދެން ދެ ދުނިޔޭގެ ލާބައާއި މަންފާއަށްޓަކައި ވާ ކޮންމެ ދުޢާއެއްވެސް ކުރެވިދާނެއެވެ.
އެކަލޭގެފާނުން އަންގަވާފައި ވަނީ އެފަދައިންނެވެ. ކީރިތި ޤުރްއާނާއި މޫރިތި ސުންނަތުގައި އައިސްފައިވާ ދުޢާތައްޝައްކެއް ނެތް ގޮތުގައި މާތް ވެފައި ފުރިހަމަ ވެގެން ވެއެވެ. ނަމަވެސް، މީހަކު އަމިއްލަ ކަމަކަށް އެދި ދަންނަވަން ބޭނުން ވެއްޖެ ނަމަ ނަމާދުގައިސަޖިދަ އާއި އައްތަޙިއްޔާތުގައި ސަލާމް ދިނުމުގެ ކުރިން އެމީހަކު ބޭނުންދުޢާއެއް ކުރެވިދާނެއެވެ.
ނަމަވެސް، ޝަރްޠަކީ އެ ދުޢާ ކުރަން ޖެހޭނީ ޢާރަބިބަހުންނެވެ. ނަމާދަކީ އޭގެ ހަރަކާތާއި ކިޔޭ ޛިކްރުތަކާއި ހުރިހައި ކަމެއްބާވައި ލެއްވިފައިވާ ކަމެކެވެ. ވީމައި އެހެން އެއްވެސް ބަހަކުން ނަމާދުގެ އެތެރޭގައި އެއްޗެއް ކިޔައި ދެންނެވުމަކީ ހުއްދަ ކަމެއް ނޫނެވެ.
ސަޖިދާގައި ކިޔުމަށް ސުންނަތުން ވާރިދުވެފައިވާ ދުޢާ ތައް ތިރީގައި މިވަނީއެވެ.
"سُبْحَانَ رَبِّيَ الأَعْلَى (ތިން ފަހަރު).
މާނަ: މިއަޅާހައްދަވައި ބޮޑުކުރައްވާ ގެންގުޅުއްވާ މަތިވެރިވަންތަ ﷲގެ ހުސްޠޯހިރު ވަންތަ ކަމާއެވެ.
سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ, اللَّهُمَّ اغْفِرْلِيْ
މާނަ: މިއަޅާގެވެރި ކީރިތިވަންތަ ﷲ ގެ ހުސްޠޯހިރުވަންތަ ކަމާއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ ﷲ އަށް ޙަމްދު ހުއްޓެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ ފާފަ ފުއްސަވާ ދެއްވާފާނދޭވެ.
سُبُّوْحٌ, قُدُّوْسٌ, رَبُّ الْمَلاَئِكَةِ وَالرُّوْحِ
މާނަ: މިއަޅާގެ ވެރި ކީރިތިވަންތަ ﷲ ގެ ހުސްޠޯހިރުވަންތަ ކަމާއެވެ. އެއިލާހީ އެންމެހައި ޢައިބު ތަކާއި އުނި ޞިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ އިލާހެވެ. އެކަލާނގެއީ މަލާއިކަތް ބޭކަލުންނާއި ޖިބްރީލް ޢަލައިހިއްސަލާމް ހެއްދެވި އިލާހެވެ.
اَللَّهُمَّ لَكَ سَجَدْتُ وَبِكَ آمَنْتُ, وَلَكَ أَسْلَمْتُ، سَجَدَ وَجْهِيَ لِلَّذِيْ خَلَقَهُ, وَصَوَّرَهُ, وَشَقَّ سَمْعَهُ وَبَصَرَهُ، تَبَارَكَ اللهُ أَحْسَنُ الْخَالِقِيْنَ
މާނަ: އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އިބަ އިލާހަށް ސަޖިދަ ކޮށްފީމެވެ. އަދި މިއަޅާ އިބަ އިލާހަށް އީމާންވެއްޖައީމުއެވެ. އަދި މިއަޅާ އިބަ އިލާހަށް ކިޔަމަން ގަންފީމެވެ. މިއަޅާގެ މޫނު، ހައްދަވައި އަދި އޭގައި ކަންފަތާއި، ލޮލާއި އެކަލާނގެ ކުޅަދުންވަންތަކަމާއި ބާރު ލެއްވި ފަރާތަށްޓަކައި ސަޖިދަ ކޮށްފިއެވެ. ފަހެ ޚަލްގު ކުރެއްވުމުގައި އެއްމެ ފުރިހަމަ ރަސްކަލާނގެ ﷲ މާތްވެގެންވެއެވެ.
"سُبْحَانَ ذِي الْجَبَرُوْتِ وَالْمَلَكُوْتِ، وَالكِبْرِيَاءِ وَالْعَظَمَةِ
މާނަ: ގަދަފަދަކަމާއި، ވެރިކަމާއި، ބޮޑުކަމާއި، މަތިވެރިކަމުގެ ވެރިރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ!
"اَللَّهُمَّ اغْفِرْ لِيْ ذَنْبِيْ كُلَّهُ، دِقَّهُ وَجِلَّهُ، وَأَوَّلَهُ وَآخِرَهُ، وَعَلاَنِيَتَهُ وَسِرَّهُ
މާނަ: އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ ހުރިހާ ފާފަ އެއް ފުއްސަވާ ދެއްވާންދޭވެ. ފޮރުވިފައިވާ ފާފަ ތަކާއި ފައުޅު ވެފައިވާ ފާފަ ތަކެވެ. ކުރިންނާއި ފަހުން ކުރެވިފައިވާ ފާފަ ތަކެވެ. ސިއްރާއި ފައުޅުގައި ކުރެވިފައިވާ ފާފަ ތަކެވެ.
"اَللَّهُمَّ إِنِّي أَعُوْذُ بِرِضَاكَ مِنْ سَخَطِكَ, وَبِمُعَافَاتِكَ مِنْ عُقُوْبَتِكَ، وَأَعُوْذُ بِكَ مِنْكَ لاَأُحْصِيْ ثَنَاءًعَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ
އޭ ހައްދަވާ ގެންގުޅުއްވާ އިލާހު! ހަމަކަށަވަރުން މިއަޅާ އިބަ ﷲގެ ރުހިވޮޑިގަތުމުގެ ސިފަފުޅު މެދުވެރިކޮށް އިބަ ﷲގެ ކޯފާއިން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި އިބަ ﷲގެ ޢަފޫކުރެއްވުމުގެ ސިފަފުޅު މެދުވެރިކޮށް އިބަ ﷲގެ ޢުޤޫބާތުން ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި އިބަ ﷲގެ ޙަޟަރަތުންވާ ނުރުހުމަކުން ނުވަތަ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ ﷲގެ ހަޟްރަތަށް ދަންނަވަމެވެ. އިބަ ﷲ އަށް ދަންނަވަންޖެހޭ ތަޢުރީފާއި ޘަނާ މިއަޅާއަށް ޢަދަދު ނުކުރެވޭހާ ގިނައެވެ. އިބަ ﷲއީ އިބަ ﷲގެ އަމިއްލަ ޒާތުފުޅަށް ޘަނާ ވަޙީކުރެއްވި ފަދައިން ޘަނާ ލިބިވޮޑިގެންވާ ފަރާތެވެ.
ސުންނަތް ނަމާދުގެ ސަޖިދާގައި އެމީހަކު ބޭނުން ދުޢާ އެއް ކިތިދާނެއެވެ.واللهأعلم
- ދުޢާ އަދި މާނަ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް