އެކުވެރި ފިރިންނޭވެ! މަސްތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވާ ރަމަޟާން މަސް އައިސް ބައްދަލުކުރުމުން ތިއަބައިމީހުންގެ އަނބިން ލައްވައި ޙަލާލް ކަމެއް ކުރުވަން ޙަރާމް ގޮތުގައި އަނބިންގެ ބޭނުންކުރުވޭކަން އެނގޭހެއްޔެވެ؟
މިހެން ބުނީމާ ތިއަކިޔަނީ ކީކޭތޯ ސުވާލުކުރާނެތީ މިކިޔައިދެނީއެވެ.
އަނބިން ބަދިގެއަށް ވައްދުވައިގެން ކެއްކުވުމަކީ ޙަލާލް ކަމެކެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަމަކު ބުނަންހެއްޔެވެ؟ ރަމަޟާން މަސް އައުމުން އަޅުކަންކުރުން އިތުރުކުރަން ފުރުޞަތުނުދީ މުޅި ދުވަހު އެކަނބަލުންނަށް ބަދިގޭގައި އުޅެން ޖެއްސުވުމަކީ ހަމަ ޙަރާމް ކަމެކެވެ. އެހެން އޮތީ ކޮން ފޮތެއްގައިތޯ ބަލާކަށް ނުޖެހެއެވެ. އެޢަމަލުން ނުކުންނަ ނަތީޖާއަށް ބެލީމާ މިބުނަނީ ތެދެއްކަން އެނގޭނެއެވެ.
ލޮބުވެތި ކަނބަލުންނޭވެ! ރަމަޟާން މަސް އައުމުން މަސައްކަތްކުރަންވީ ފިރިމީހާ އާއި ޢާއި ރުއްސާކަށް ނޫނެވެ. މިބުނަނީ އެމީހުން ރުޅިއަރުވާ ވާހަކައެއް ނޫނެވެ. އެމީހުން ރުއްސަން ބަދިގޭގައި ހަތަރުދަނު ނުއުޅުމަށެވެ. އަދި ރަމަޟާން މަސް އައުމުން ގަދައަޅައި މަސައްކަތްކުރަންވީ ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ތިމާއަކީވެސް ފާފަތައް ފުއްސަވައި ދެއްވަވައި ނަރަކައިން ސަލާމަތްކުރައްވަވާ އަޅަކަށް ވުމަށެވެ.
ކުރިން މިބުނި ފަދައިން ކެއްކުން ޙަލާލެވެ. ނަމަވެސް އަހުރެން ބުނާނީ ރޯދައަށް ހުރެ ކުރަންޖެހޭ އަޅުކަން ނުކޮށް މުޅި ދުވަހު ކައްކަން ބަދިގޭގައި ހޭދަކުރުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ. އެއީ ހެޔޮ ގޮތުގައި ވިސްނައިފި ކޮންމެ މީހަކަށްވެސް އެނގޭނެ ކަމެކެވެ. އަދި އަހުރެން ބުނާނީ ރަމަޟާން މަސް ނޫން މަހެއްގައިވެސް ނަމާދު އަޅައިގެންހުރެ އަޅުކަންކުރުން މުސްލިމުންނަށް ހުއްދަނުވާނެ ކަމަށެވެ.
މީސްތަކުންނޭވެ! ބޭސް ޙަލާލެވެ. އެކަމަކު ފައިދާކުރާނީ ބޭނުންކުރަން އޮންނަ ވަރަކަށް ބޭނުންކުރީމައެވެ. އިތުރަށް ބޭނުންކޮށްފިނަމަ ހަށިގަނޑަށް ލިބޭނީ ގެއްލުމެވެ. ފުރާނައަށް ނުރައްކައުވެ މަރުވެސްވެދާނެއެވެ.
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން