ކަމަކާ ހިތްހަމަނުޖެހި މައިންބަފައިން ގުޅުން ކަނޑާލިނަމަވެސް ދަރިންނަށް އޮތީ ގުޅުން އުފައްދަން މަސައްކަތްކުރުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 45ސ
ކަމަކާ ހިތްހަމަނުޖެހި މައިންބަފައިން ގުޅުން ކަނޑާލިނަމަވެސް ދަރިންނަށް އޮތީ ގުޅުން އުފައްދަން މަސައްކަތްކުރުމެވެ!

މައިން ބަފައިން ގޯސްކޮށް ކަންކަން ކުރިނަމަވެސް ދަރިންނަށް އޮތީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެގެންދާއިރު މައިންބަފައިންނާއި އޮންނަންޖެހޭ ގުޅުން ރަނގަޅުގޮތުގައި ބާއްވަން އިތުރަށް މަސައްކަތްކުރަންޖެހެއެވެ. އެކަމަށް ކުރެވެންހުރި ހުރިހާ މަސައްކަތްކެއް ކުރަންވާނެއެވެ. 

މައިން ބަފައިން ނުރުހި ތިއްބަސް އެމީހުންނާއި ވާހަކަދައްކައި ހެޔޮލޮށް ކަންކަން ކުރާށެވެ! އެކަމަށް ﷲ ދެއްވަވާނެ ޘަވާބަށް އުންމީދުކުރާށެވެ! 

ދަލީލު: 

މައިންބަފައިންނަކީ ވަރަށް މަތިވެރި މަގާމެއް ދެވިފައިވާ ބަޔެކެވެ. އެމީހުންނާ ދެބަސްވެ ބަޙުޘް ކުރަން ޖެހުނުނަމަވެސް އެކަން ކުރަންވާނީ ވަރަށް އަދަބުވެރި ކަމާއި އެކުއެވެ. ފާއިތުވީ ކަމެއް ނުވާ ކަމަކަށް ނުވާނެއެވެ. ކަންތައް ތިޔައޮތީވެ ނިމިފައެވެ. މަންމަގެ ކިބައިން މާފަށް އެދުނު ކަމީ ތިބާގެ ވާޖިބު އަދާ ކުރި ކަމުގެ ހެއްކެކެވެ. ދެން އޮތީ ތިބާގެ ފަރާތުން ގުޅުން ބޭއްވުމަށް މަސައްކަތް ކުރުމެވެ. އެގޮތުން މަންމަ ކިތަންމެ ރުޅި އައިސްފައި ހުރިނަމަވެސް ތިބާގެ ފަރާތުން މަންމަ އަށް ދޭންޖެހޭ އިޙްތިރާމާއި ޙައްގުތައް ދިނުމެވެ. 

ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވައެވެ. « لاَ تَبَاغَضُوا وَلاَ تَحَاسَدُوا وَلاَ تَدَابَرُوا وَكُونُوا عِبَادَ اللَّهِ إِخْوَانًا وَلاَ يَحِلُّ لِمُسْلِمٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثِ لَيَالٍ يَلْتَقِيَانِ يَصُدُّ هَذَا وَيَصُدُّ هَذَا وَخَيْرُهُمَا الَّذِى يَبْدَأُ بِالسَّلاَمِ »

މާނައަކީ: "ތިޔަބައިމީހުން އެކަކު އަނެކަކަށް ރުޅި ނުވާށެވެ. އަދި އެކަކު އަނެކަކަށް ޙަސަދަވެރި ނުވާށެވެ. އަދި އެކަކު އަނެކަކަށް ފުރަގަސް ނުދޭށެވެ. އަދި ތިޔަބައިމީހުންނީ ﷲ ގެ އަޅު އަޚުންތަކެއް ކަމުގައިވާށެވެ. ތިންދުވަހަށްވުރެ ގިނަދުވަހަށް މުސްލިމް އަޚާދެކެ ރުޅި އައިސްގެން ވާހަކަ ނުދައްކާ ހުރުން ހުއްދަވެގެން ނުވެއެވެ. ދެމީހުން އެކަކު އަނެކަކަށް ބައްދަލުވާ ހިނދު އެކަކު އަނެކަކަށް ފުރަގަސްދެނީއެވެ. މީގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު މީހަކީ ސަލާމް ގޮވާފައި ވާހަކަ ދައްކަން ފަށާމީހާ އެވެ". 

މަންމަ އަށް ހެޔޮވިސްނުން ދެއްވާތޯ ދުޢާ ކުރާށެވެ. އަދި ގުޅުން ކަނޑާލައިގެން ހުރުމުގެ ނުބައިކަން މަންމަ އަށް ވިސްނައިދޭށެވެ. ތިބާގެ ފަރާތުން މަންމަ އަށް ދޭންޖެހޭ ޙައްގުތައް އެންމެ ތަންކޮޅެއްވެސް އުނިނުކޮށް ދެމުން ގެންދާށެވެ. އިންޝާﷲ ކާމިޔާބު ލިބޭނެއެވެ. والله أعلم 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޝައިޚް މިފަދައިން ވިދާޅުވެފައިވަނީ ތިރީގައިވާ ސުވާލުގެ ޖަވާބުގައެވެ. 

"އަޅުގަނޑުގެ މަންމަ އާއި ދެމެދުގައި ހިނގި ކުޑަކުޑަ ބަހުސް އަކަށް ފަހު އަޅުގަނޑުގެ މަންމަ އާއި މިވަނީ ގުޅުން ކެނޑިފައެވެ. މިހާރު އޭގެ ފަހުން 1 އަހަރު ވާން މިވަނީ ކައިރިވެފައެވެ. މި ބަހުސް ހިނގިތާ 5 ވަނަ އަށް ވީ ދުވަހު އަޅުގަނޑު މަންމަ ކައިރިން ވާނީ މަޢާފަށް އެދިފައެވެ. އެހެންނަމަވެސް މަންމަ ވަނީ އަޅުގަނޑަށް މާފް ނުދޭނެކަމަށް ބުނެފައެވެ.  މިކަމުގައި އަޅުގަނޑު މިވަނީ ހަދާނެ ގޮތް ހުސްވެފައެވެ، މި ބަހުސް ކުރެވުނީ މައިން ބަފައިން ނުރުހޭ ކުއްޖަކާއި އަޅުގަނޑު ކައިވެނި ކުރަން އުޅުމުންނެވެ. މިހާރު އަޅުގަނޑު މި އުޅެނީ އެކުއްޖާ އާއި ކައިވެނިކޮށް ގެންނެވެ. މިކަމުގައި އަޅުގަނޑަށް ހައްލެއް ލިބޭނެ ގޮތެއް ބުނެ ދެއްވަފާނަން ތޯއެވެ؟

މިއަދު އޮންލައިން