- ޢަލީ އިޙްޞާން ފިރާޤް
އެހެން އުއްމުހާތުލް މުއުމިނީންއާ ބޭއްވި ގުޅުން:
ހިތުތެރޭން ހަސަދައިގެ ޝޫއޫރު މުޅިން ނެރެލެއްވިޔޭ
ހަތުރަނބީން ބެއްލެވީ ދުނިޔޭގެ މިތުރުން ކަމުގަޔޭ
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެހެން އަނބިއަނބިކަނބަލުންނާ، ޢާއިޝާ ރަޟިޔަﷲ ޢަންހާ ވަރަށް ޚާއްޞަ ގުޅުމެއް ބޭއްވެވިއެވެ. އެބޭކަނބަލުންނަށް އެކަމަނާ އިޙްތިރާމު ކުރައްވައެވެ. އެބޭކަނބަލުންވެސް ޢާއިޝަތުގެފާނަށް އިޙްތިރާމު ކުރައްވައި ހެޔޮފުޅުކޮށް ހިއްތަވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެ ވަޑައިގަތުމަށްފަހުވެސް އެބޭކަނބަލުންގެ މެދުގައި އޮތީ ވަރަށް ބަދަހި ގުޅުމެކެވެ. އެބޭކަނބަލުންނަކީވެސް އިންސާނުންކަމުގައިވުމުން ބައެއް ފަހަރު ކުދިކުދި ޚިޔާލު ތަފާތުވުންތައް އުފެދެއެވެ. ނަމަވެސް އެއްބޭކަނބަލަކު އަނެއް ބޭކަނބަލެއްގެ ޙިމާޔަތުގައި ތިއްބަވަނީ ނުހަނު އެކުވެރިވެވަޑައިގެންނެވެ. ހިތްޕުޅު ސާފު ކުރައްވައިގެންނެވެ. ތިރީގައި މިދަންނަވައިލަނީ މާތް ރަސޫލާގެ އަނބިއަނބިކަނބަލުންނާމެދު ޢާއިޝަތުގެފާނު ގެންގުޅުއްވި ސުލޫކާއި، އެކަނބަލުންގެ ޙައްޤުގައި ވިދާޅުވެފައިވާ ބަސްފުޅުތަކެވެ.
ޢާއިޝަތުގެފާނާއި ޚަދީޖަތުގެފާނު:
އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާއަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަލަތު އަނބިކަނބަލުންނެވެ. ޢާއިޝަތުގެފާނު ބަޔާން ކުރައްވާ ގޮތުގައި އެކަމަނާ ދުވަހަކުވެސް ޚަދީޖަތުގެފާނު ދެކެވަޑައެއް ނުގަންނަވައެވެ. ޚަދީޖަތުގެފާނާ ސީދާ ބައްދަލުވެވަޑައި ނުގެންނެވިކަމުގައި ވިޔަސް، ޢާއިޝަތުގެފާނުވަނީ ޚަދީޖަތުގެފާނުގެ މައުލޫމާތު ހޯއްދަވައިގެން މި އުއްމަތަށް އެކަމަނާއާ ބެހޭ ވާހަކަތައް ރިވާކޮށްދެއްވައިފައެވެ.
އިމާމު މުސްލިމު ރިވާ ކުރައްވައިފައިވެއެވެ. ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. ޚަދީޖަތުގެފާނު ދުނިޔޭގައި އިންނެވިހާތަށް ދުވަހަކު، މާތް ރަސޫލާ صلّى اللّـه عليه وسلّم އެހެން އެއްވެސް ބޭކަނބަލަކާ ކާވެނިފުޅެއް ނުބައްލަވައެވެ. އެހެން ބޭފުޅުންނާ ކާވެނިފުޅު ބެއްލެވީ އެކަމަނާ އަވަހާރަވުމަށް ފަހުގައެވެ. (މުސްލިމު، ޞަޙީޙު މުސްލިމު، 2436)
އިމާމު ތިރުމިޒީ ބަޔާން ކުރައްވައިފައިވެއެވެ. ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم، ޚަދީޖަތުގެފާނުގެ އެކުވެރި ރަހުމަތްތެރިނަށް ހެޔޮފުޅުކޮށް ހިއްތަވައި ގާތްގުޅުމެއް ބޭއްވެވިއެވެ. އެކަލޭގެފާނު ބަކަރިއެއް ކަތިލައްވައިފިނަމަ، އޭގެ މަސް، އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާ ގެ ގާތް އެކުވެރިނަށް ފޮނުއްވައި ހައްދަވައެވެ.
ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم، އުއްމުލް މުއުމިނީން ޚަދީޖާ ރަޟިޔަﷲ ޢަންހާގެ ވާހަކަފުޅު ދައްކަވައި، އެކަމަނާއަށް ތާރީފުގެ ބަސްފުޅުތައް ވިދާޅުވަމުން ގެންދެވިއެވެ. އެކަމުގެ ސަބަބުން ޢާއިޝަތުގެފާނުގެ ހިތްޕުޅަށް ޣީރަތްތެރިކަން ވަދެގެންދިޔައެވެ. އެޔާއެކު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ޝަކުވާ ދެންނެވިއެވެ.
[ކަލޭގެފާނު އަބަދު އެ މުސްކުޅި އަންހެނާގެ ވާހަކަދައްކަވައި، ތާރީފުކުރައްވަނީ ކީއްވެގެންތޯއެވެ؟ އެކަމަނާއަކީ، އެހާ ރީތިފުޅު ބޭކަނބަލެއްވެސް ނޫނެއްނޫންތޯއެވެ؟ އެކަމަނާއަށް ވުރެ މާ ރީތި އަނބިއަނބިކަނބަލުން ކަލޭގެފާނަށް ލިބިވަޑައިގެންފައިވޭނޫންތޯއެވެ؟]
ޢާއިޝަތުގެފާނުގެ މި ޝަކުވާ ބަސްފުޅަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ޖަވާބު ދެއްވަމުން ވިދާޅުވެފައިވެއެވެ.
[އެކަމަނާފަދަ އެހެން އަނބިކަނބަލަކު ތިމަންކަލޭގެފާނަށް ލިބިވަޑައިގެންފައެއް ނެތެވެ. މީސްތަކުން ތިމަންކަލޭގެފާނުގެ ނުބުއްވަތާމެދު ޝައްކުކުރަމުން ގެންދިޔައިރު، އެކަމަނާ ތިމަންކަލޭގެފާނުގެ ނުބުއްވަތަށް ހެކިވެވަޑައިގެންނެވިއެވެ. އީމާންވެވަޑައިގެންނެވިއެވެ. އެކަމަނާގެ މުދާ ތިމަންކަލޭގެފާނަށްޓަކައި ހޭދަކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ދަރީން ލިބިވަޑައިގަތީ އެކަމަނާގެ ފަރާތްޕުޅުންނެވެ.]
ބައެއް މުއައްރިޚުން ލިޔުއްވައިފައިވާ ގޮތުގައި ޢާއިޝަތުގެފާނު، އިސްވެދިޔަ އިބާރާތްތައް ޚަދީޖަތުގެފާނަށް ނިސްބަތްކުރެއްވުމުން، މާތް ރަސޫލާ صلّى اللّـه عليه وسلّم ވަރަށް ކޯފާއިސް ކުރެއްވިއެވެ. އެކަލޭގެފާނުގެ މޫނުފުޅުން މިކަން ފާހަގަކުރެއްވުނު ހިނދު ޢާއިޝަތުގެފާނު އެކަމަށް މާފުއެދިވަޑައިގެން ދެން ދުވަހަކުވެސް ޚަދީޖަތުގެފާނުގެ ވާހަކަފުޅު ރަނގަޅުގޮތުގައި މެނުވީ ނުދައްކަވާނެކަމަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި ވަޢުދުވެވަޑައިގެންނެވިއެވެ.
އަދިވެސް ޢާއިޝަތުގެފާނުގެ އަރިހުން ވާރިދުވެގެން އައިސްފައިވެއެވެ. އެއްފަހަރަކު ޚަދީޖަތުގެފާނުގެ އުޚުތު ހާލާ ބިންތި ޚުވައިލިދު، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ގަނޑުވަރަށް ވަޑައިގެން ދޮރުކޮޅުގައި ޓަކިޖައްސަވައި، އެތެރެއަށް ވަދެވަޑައިގެންނެވުމުގެ އިޒުނައަށް އެދިވަޑައިގެންނެވިއެވެ. ހާލާއަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަރިކަނބަލުން ޒައިނަބުގެފާނުގެ ފިރިކަލުންގެ މަންމާފުޅުވެސްމެއެވެ. ހާލާ އިޒުނައަށް އެދިވަޑައިގެންނެވިގޮތުން، އެކަލޭގެފާނަށް ޚަދީޖަތުގެފާނުގެ މަތީން ހަނދުމަފުޅުވިއެވެ. އެކަލޭގެފާނު ހާލާ އެތެރެއަށް ވައްދަވާ ވަރަށް ހެޔޮފުޅުކޮށް ކަންތައްކުރެއްވިއެވެ.
{މައުލޫމާތު ނެގީ، ޢަބްދުލް މަލިކު މުޖާހިދު ލިޔުއްވައިފައިވާ [ގޯލްޑެން ސްޓޯރީސް އޮފް ޚަދީޖާ ރަޟިޔަﷲ ޢަންހާ] މި ފޮތުން}
ޢާއިޝަތުގެފާނާއި ސައުދަތުގެފާނު
އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާއަކީ މާތް ރަސޫލާގެ ދެވަނަ އަނބިކަނބަލުންނެވެ. އެކަމަނާގެ ބަފައިކަލުންގެ ނަންފުޅަކީ ޒަމްޢަތެވެ. މައިކަނބަލުންގެ ނަންފުޅަކީ الشمّوس بنت قيس އެވެ. އެކަމަނާއާއި އެކަމަނާގެ ފިރިކަލުން السَّكْران بن عَمْرو އަކީ އިސްލާމްދީނުގެ އެންމެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި ދެކަނބަލުންނެވެ. އިސްލާމްވެވަޑައިގެން ޙަބަޝާއަށް ހިޖްރަކުރެއްވުމަށްފަހު އެނބުރި މައްކާއަށް ވަޑައިގެންނެވިތަނާ السَّكْران بن عَمْرو އަވަހާރަވެއްޖެއެވެ. އޭގެފަހުން މާތް ރަސޫލާ، ސައުދަތުގެފާނާ ކާވެނިބައްލަވައިގެންނެވިއެވެ.
ސައުދަތުގެފާނަކީ އުމުރުފުޅުން ދުވަސްވެފައިވާ މުސްކުޅިފުޅު ބޭކަނބަލެކެވެ. އެހެންކަމުން އެކަމަނާގެ އަރިހުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ރޭކުރައްވަން ހަމަޖައްސަވައިފައިވާ ދުވަސްތައް ޢާއިޝަތުގެފާނަށް ދެއްވިއެވެ. އެކަމާ ގުޅިގެން ނިސާ ސޫރަތުގެ 128 ވަނަ އާޔަތް ބާވައިލެއްވިއެވެ.
وَإِنِ امْرَأَةٌ خَافَتْ مِن بَعْلِهَا نُشُوزًا أَوْ إِعْرَاضًا فَلَا جُنَاحَ عَلَيْهِمَا أَن يُصْلِحَا بَيْنَهُمَا صُلْحًا ۚ وَالصُّلْحُ خَيْرٌ ۗ وَأُحْضِرَتِ الْأَنفُسُ الشُّحَّ ۚ وَإِن تُحْسِنُوا وَتَتَّقُوا فَإِنَّ اللَّـهَ كَانَ بِمَا تَعْمَلُونَ خَبِيرًا ﴿١٢٨﴾
މާނައީ: [ފިރިމީހާ ދުރުހެލިވެ، ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރު ހީވެއްޖެނަމަ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ صلح ވުމަކުން صلح ވުމާމެދު، އެ ދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. صلح ވުން ހެޔޮކަން ބޮޑެވެ. އަދި (ތިމާގެގާތުން ކުރަންޖެހޭ ހޭދަޔަކާމެދު، އަދި ތިމާޔަށް ލިބެންވީ ލިބުމަކާމެދު) ދަހިވެތިވުން ހިތްތަކުގައި ލައްވާފައިވެއެވެ. އަދި، ތިޔަބައިމީހުން إحسان ތެރިވެ އަދި تقوى ވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކަންތައްކުރާގޮތް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.]
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދޫފުޅުން ދައްޖާލުގެ ފިތުނައިގެ ވާހަކަ އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާވަނީ އަޑު އައްސަވައިފައެވެ. އޭގެ ފަހުން އެކަމަނާ ދައްޖާލުގެ ފިތުނައާމެދު ވަރަށް ބޮޑަށް ބިރުފުޅުގެން ވަޑައިގަންނަވައެވެ. ސައުދަތުގެފާނަކީ ވަރަށް ސާދާ މިޒާޖެއްގެ ބޭކަނބަލެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެހެންބައެއް އަނބިއަނބިކަނބަލުން އެކަމަނާއާ ސަމާސާކުރައްވައި، ބިރުގެންނެވުމުގެ ގޮތުން ދައްޖާލުގެ ވާހަކަ ދައްކަވައި ހައްދަވައެވެ. އެއްފަހަރަކު އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާ ދައްޖާލުގެ ވާހަކަ އެކަމަނާ އިންނެވި ތަނެއްގައި ދެއްކެވިއެވެ. ސައުދާ ރަޟިޔަﷲ ޢަންހާ މިއަޑު އައްސަވައި ވަރަށް ބިރުފުޅުގެންނެވިއެވެ. ދުވެވަޑައިގެންފައި ވަޑައިގެން ވަރަށް އަނދިރި ކޮޓަރިއަކަށް ވަދެއްވަޑައިގެންނެވިއެވެ. އެތަނަކީ ވަރަށް ގިނަ ވާމަކުނު ވާފުރައިފައިވާ ހުރި ތަނެއްވެސްމެއެވެ. ކަންދިމާކުރި ގޮތުން އެތަނަށް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ވަޑައިގެންނެވިއްޖެއެވެ.
ޙަފްޞަތުގެފާނާއި ޢާއިޝަތުގެފާނު ހިނިފުޅުވަޑުވާތަން ފެނިވަޑައިގެން ވީ ކީއްތޯ އެއްސެވުމުން އެދެބޭކަނބަލުން ކަންހިނގައި ދިޔަ ގޮތް މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ވިދާޅުވެދެއްވިއެވެ. ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم ، ސައުދަތުގެފާނަށް ގޮވައިލައްވައި ދައްޖާލު އަދި ފާޅުނުވާކަމަށް ވިދާޅުވިއެވެ. އެއަށްފަހު އިރުކޮޅަކުން އުއްމުލް މުއުމިނީން ސައުދާވެސް ހިނިފުޅުވަޑުވަމުން ނުކުމެވަޑައިގެންފިއެވެ.
{މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 37}
އެހެން ޙާދިޘާއެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އާއި ސައުދަތުގެފާނާއި ޢާއިޝަތުގެފާނު އެއްތަނެއްގައި ވާހަކަފުޅު ދައްކަވަން ތިއްބެވިއެވެ. އެތަށް ޢާއިޝަތުގެފާނު ވަރަށް ޚާއްޞަ ފަރީއްކޮޅެއް ތައްޔާރު ކުރައްވައިގެން ގެންނެވިއެވެ. ގެންނަވައި ސައުދަތުގެފާނު އެއިން ރަހަ ބެއްލެވުމަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އެކަމަނާ އެކަމަށް އިންކާރު ކުރެއްވިއެވެ. ޢާއިޝަތުގެފާނަކީ ވަރަށް ޅަޢުމުރުފުޅެއްގެ ބޭކަނބަލެކެވެ. އެހެންކަމުން، ސައުދަތުގެފާނު ތަކުރާރުކޮށް ފަރީއްކުޅުއްވަން އިންކާރު ކުރައްވަން ފެއްޓެވުމުން އެއިން ކާއެތިކޮޅެއް އެކަމަނާގެ މޫނުފުޅުގައި އުގުޅުއްވައިލެއްވިއެވެ. ކޮންމެއަކަސް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ގަނޑުވަރުގައި މިދެންނެވިފަދަ ސަމާސާކުރުންތައްވެސް އޮވެއެވެ. އެއިންވެސް އެބޭކައުކަނބަލުންގެ ތެރޭގައި އޮންނަ ހަމަޖެހުމާއި ޞުލްޙަ މަސްލަހަތު ދޭހަކޮށްދެއެވެ.
{މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 37}
ސައުދަތުގެފާނުގެ ވާހަކަތައް ނުވަތަ އެކަމަނާގެ ސީރަތު އަޅުގަނޑުމެންނަށް އެންމެ ބޮޑަށް ފެންނާން އޮތީ ޢާއިޝަތުގެފާނު ރިވާކޮށްދެއްވައިފައިވާ ރިވާޔަތްތަކުންނެވެ. ޢާއިޝަތުގެފާނު ވިދާޅުވާ ގޮތުގައި އަންހެނުންގެ ތެރެއިން އެކަމަނާގެ އަރިހުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ފަރާތަކީ ސައުދަތުގެފާނެވެ. މިފަދައިން އިމާމު މުސްލިމު ރިވާކުރައްވައިފައިވާ ޙަދީޘްއެއްގައި ބަޔާންވެގެންވެއެވެ.
ސައުދަތުގެފާނު އަވަހާރަވީ ޢުމަރުގެފާނުގެ ޚަލީފާކަމުގެ ފަހުކޮޅުގައި ހިޖްރައިން 23 ވަނަ އަހަރުގައެވެ. ހިޖްރައިން 54 ވަނަ އަހަރުކަމުގައިވެސް ބުނެވެއެވެ. ނަމަވެސް ގިނަ މުއައްރިޚުން ބުރަވެވަޑައިގަންނަވަނީ އެކަމަނާ އަވަހާރަވީ ހިޖްރައިން 23 ވަނަ އަހަރުގައިކަމަށް ބުނާ ރިވާޔަތަށެވެ.