އަޅުގަނޑުމެންނާއި ބައްދަލުކޮށްފައި މިވާ ރަމަޟާންމަހުގެ ޢަޒުމަކީ ކޮންމެ ގޮތަކުން ނަމަވެސް ލައިލަތުލްޤަދްރި ވިލޭރޭގެ މަތިވެރި ޘަވާބާއި ދަރުމަ ލިބިގަތުން ކަމުގައި ހަދާށެވެ! އަދި ގިނަ ބައަކު ރޯދަމަސް ފެށުނީންސުރެ ަމސައްކަތްކުރަނީ އެ ޢަޒުމްގައިކަމަށް ޤަބޫލުވެސް ކުރަމެވެ.
ދެން އޮތީ މިހައިތަނަށް ކަންނެތްވެވިފައި ހުރެވުމެވެ. މިހައިތަނަށް އެކަން ޙާޞިލުނުކުރެވި އޮވެދާނެކަމަށް ހިތާމަކުރާނަމަ އެމީހަކު މި ރަމަޟާން މަހުގައި އެ ފުރުޞަތުގެ ބޭނުން ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ. އެކަން ޙާޞީލުކުރެވެން އޮތީ ފަހު ދިހައަށް މަޑުނުކޮށް މިހާރުންސުރެ އެކަމަށް މަސައްކަތްފަށައިގެންނެވެ.
ސުވާލަކީ މިމައްސަރުގައި މިވާ ރޭތަކުގައި ﷲ سُبحَانَهُ وَتَعَالى ކޮންމެރެއެއްގައި އެއިލާހުގެ އަޅުތަކުންގެ ތެރެއިން އެތައް ބައަކު ނަރައިން މިންޖު ކޮށްދެއްވަވައި ސަލާމަތް ކޮށްދެއްވަވާއިރު ތިމަންނައަކީވެސް އިރާދަކުރެއްވިއްޔާ އޭގެތެރެއިން ނަރަކައިން މުއްތި ކޮށްދެއްވަވައި ސަލާމަތްކޮށްދެއްވަވާފައިވާ މީހުންގެ ތެރޭގައިވާ މީހުންކުރެ މީހަކަށް ވުންއެދި އަޅުގަނޑުމެންގެ ތެރެއިން މި ރަމަޟާންމަހު ބުރަކޮށް މަސައްކަތްކުރަމުން އަންނަ މީހުންގެ ތެރޭގައި ތިމާވެސް ހިމެނޭނެކަމަށް އަމިއްލައަށް ޤަބޫލުކުރެވޭހެއްޔެވެ؟ އެފަދަ މިންވަރަކަށް އެބަ މަސައްކަތްކުރެވޭ ހެއްޔެވެ؟
"މިމައްސަރުގައި އެއްހާސް މައްސަރަށްވުރެ އެރެއެއްގައި އަޅުކަންކޮށްލުމުން ދަރުމައާއި، ޘަވާބު އިތުރުވެގެންވާ لَيْلة الْقَدْر އެދަރަޖަ އުފުލިގެންވާ އެމަތިވެރި ރޭ ހަމަ ޔަޤީނުންވެސް ﷲގެ އިރާދަފުޅާއެކު ހޯދާނޭ މީހަކަށް ތިމަންނަ ވާނަމޭ އެދި އެއުންމީދުގައި" ތިމާއަށް ކުރެވޭ ހއޔޮ އަމަލުތައް އެނގޭނީ ހަމަ އެމީހަކަށެވެ.
"މިރޯދަމަހުގެ ލައަލަތުލްޤަދްރް ޙާޞިލުކުރެވޭނަކަން އަމިއްލަ ނަފްސަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ އޮތީ ކިހައިވަރެއްގެ ޔަޤީންކަމެއް ހެއްޔެވެ؟" މިފަދައިން ސުވާލުކުރުން އެކަން ދެނެވޮޑިގެންވާނީ ހަމައެކަނި ﷲ ތަޢަލާ ކަމަށް ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ޖަވާބެކެވެ. ﷲ ތަޢާލާ ކަންކަން ހިންމަވައި ދެއްވަވަނީ އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ އަޅުންނަށެވެ. ވީމާ ތިމާއަށް އެކަމަށް ކުރެވޭ މަސައްކަތް އެނގޭނީ އެމީހަކަށެވެ. މަސައްކަތް ކުރެވިއްޖެ ނަމަ ދެއްވަވާނެކަން އެއީ އެއްވެސް މިންވަރަކަށް ޝައްކުކުރަންޖެހޭނެ ކަމެއް ނޫނެވެ.
"އަޅުގަނޑުމެންގެ މިނިޔަތް އަޅުގަނޑުމެންގެ މިހިތްތައް އަޅުގަނޑުމެންގެ ޢަޒުމް އަޅުގަނޑުމެންގެ މި އުންމީދު މިގޮތަށް ބަދަލުކުރަން އެބަޖެހެއެވެ. އަޅުގަނޑުމެން މިމައްސަރާ ކުރިމަތިލައިގެން މަސައްކަތްކުރަންވީ އެއްވެސް ޙާލެއްގައި ކުޅިވަރުކުޅެ މަޖާކޮށްލުމަށްޓަކައެއްނޫނެވެ! މުނިފޫހި ފިލުވާކަށް ނޫނެވެ! ނުވަތަ މީރުހައިތަކެތި ކައިބޮއި ހަދައިއުޅުމަށްޓަކައެއްނޫނެވެ!"
--އިސްލާމީ ތިލަފަތުގެ ދަރުސަކުން