ޤިޔާމަތް ދުވަހު ﷲ ތަޢާލާ ތިބާގެ ޢަމަލުތައް ބައްލަވާނީ ޢަދަދަކުން ނޫނެވެ! ޢަމަލުތަކުގެ ބުރަދަނުންނެވެ. ޢަމަލުތައް ގުނުއްވަވާނީއެއް ނޫނެވެ. ކިރުއްވަވާނީއެވެ.
މިހެން މިބުނަނީ ކިތަންމެ ގިނަ ހެޔޮ ޢަމަލުތަކެއް ކޮށްފައިވީނަމަވެސް އެއިގައި އެއްވެސް ބުރަދަނެއް ހުންނާނީ ކުރަންވީ ރަނގަޅު ގޮތުގައި ކުރެވިފައިވާނަމަ ކަމަށްވާތީއެވެ. ނޫންނަމަ މީޒާނާއި ހަމައަށް ޢަމަލުތައް ގެންދެވުމުގެ މާކުރިން ﷲ ތަޢާލާ އެމީހާގެ އެބޭކާރުތައް ހިރަފުސްފަދައިން ޖައްވުގެ ތެރެއަށް ބުރުއްސަވައިލައްވަވާނެތެވެ.
ވީމާ ފަހު ދިހަ ފެށިގެންދާއިރު މިކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ! އެމީހެއްގެ ޙާލަތު ހުންނަ ގޮތުން ކުރެވޭ އަޅުކަން މަދުވިނަމަވެސް ވީހައި ފުރިހަމައަށް ކުރަން ސަމާލުކަންދޭށެވެ! އިޚްލާޞްތެރިކަން އިތުރުކުރާށެވެ! ކަމަކަށް ކަމެއް ކުރާ އުޞޫލުން ނުކުރާށެވެ! އެކަމަކީ ކުރަން ވަރަށް ބޮޑަށް ބޭނުންވެގެން ވަރަށް އިޚްލާޞްތެރިކަމާއިއެކުގައި ކުރާ ކަމަކަށް ހަދާށެވެ.
ތަރާވީހް އާއި ދަމުނަމާދުކުރާ މީހުންވެސް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ! ނަމާދަކަށް ނަމާދެއްކުރުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ވީމާ އެމީހަކަށް ކެރިކުޅަދާނަވީވަރަކުން ވީހައި ފުރިހަމައަށް ކުރާށެވެ. "އަހަރެން ތަރާވީޙްވެސް ދަމުނަމާދުވެސް ކުރީމެވެ." ބުނުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ އެއް ނމާދުނަމަވެސް ކުރަންވީ ގޮތުގައި ކުރުމުންނެވެ.
ގިނައިން ކީރިތި ޤުރްޢާން ކިޔެވިމީހަކަށްވުމުގެ ބޭނުމުގައި އަވަސްއަރުވާލައިގެން ގިނަ ޞަފްޙާތަކެއް ކިޔެވުމުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ ކިޔަވަންވީ ގޮތަށް ކިޔެވުމުންނެވެ. ބަލަންވީ ކިޔަވަން ވީހައި ގިނަ ވަގުތުތަކެއް ހޭދަކުރެވޭތޯއެވެ! އެވަގުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފޭތޯއެވެ!
މީހުންނަށް ކާންދިނުމުގައިވެސް ވިސްނާށެވެ! ފޯރުކޮށްދިން މީހުންގެ ޢަދަދު ގިނަކުރަން މަސައްކަތްކުރުމުގެ ބަދަލުގައި އެންމެ މީހެއްގެ ނަމަވެސް ހައިހޫނުކަންފިލާވަރުކޮށްދެވޭތޯ މަސައްކަތްކުރާށެވެ! ފައިދާކުރާނީ އެއިރުންނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން