ޢަލީ އިޙްޞާން ފިރާޤް
ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނު:
އުއްމުލް މުއުމިނީން ޙަފްޞަތުގެފާނަކީ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ދަރިކަނބަލެކެވެ. އެކަމަނާގެ މައިކަނބަލުންގެ ނަންފުޅަކީ ޒައިނަބު ބިންތި މަޡްޢޫނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم، ޙަފްޞަތުގެފާނާ ކައިވެނި ބައްލަވައިގެންނެވީ އެކަމަނާގެ ފިރިކަލުން خنيس بن حذافة السهمي އުޙުދު ހަނގުރާމައިގައި ލިބިވަޑައިގެންނެވި ޒަޚަމުފުޅެއް ފަސޭހަނުވެ އަވަހާރަވުމުންނެވެ. ޙަފްޞަތުގެފާނު، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލަކަށްވެވަޑައިގެންނެވިއިރު، އެކަލޭގެފާނުގެ ދެ އަނބިކަނބަލުން ތިއްބެވިއެވެ. އެއީ ސައުދަތުގެފާނާއި ޢާއިޝަތުގެފާނެވެ.
ސައުދަތުގެފާނާއި، ޙަފްޞަތުގެފާނާއި، ޢާއިޝަތުގެފާނަކީ ވަރަށް އެކުވެރި ތިންބޭކަނބަލުންނެވެ. ޙަފްޞަތުގެފާނާއި، ޢާއިޝަތުގެފާނާ ދެކަނބަލުން ސަމާސާފުޅު ކުރެއްވުމުގެ ގޮތުން ސައުދަތުގެފާނު ބިރުފުޅުގަންނަވައިލެއްވުމަށް ކުރެއްވި ކަމެއްގެ ވާހަކަ އަޅުގަނޑުވާނީ އިސްވެދިޔަ ޞަފްޙާތަކުގައި ބަޔާންކޮށްފައެވެ.
ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނާ ދެބޭފުޅުންގެ އެކުވެރިކަން ހާމަވާ ހާދިސާއަކީ މަޝްހޫރު މާމުއިގެ ހާދިސާއެވެ. އެކަމާ ވިދިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم މާމުއި ފަރީއްކުޅުވުން އެކަލޭގެފާނުގެ އަމިއްލަ ނަފްސުގެ މައްޗަށް ޙަރާމް ކުރެއްވެވިއެވެ. ތަޙްރީމު ސޫރަތުގެ ކުރީކޮޅުގެ އާޔަތްތައް ބާވައިލެއްވީ މިހާދިސާއާ ގުޅިގެންނެވެ.
"އޭ ނަބިއްޔާއެވެ! اللَّه، ކަލޭގެފާނަށް حلال ކުރައްވާފައިވާ ކަމެއް، ކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ރުހުން ހޯއްދެވުމަށްޓަކައި ކަލޭގެފާނު حرام ކުރައްވަނީ ކީއްވެގެންތޯއެވެ؟ اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ."
(އައްތަޙްރީމް: 1)
(ވިދިގެންހުރި އާޔަތްތައްވެސް ބައްލަވާށެވެ!)
ޢުޘްމާނުގެފާނުގެ ޤާތިލުންގެ ފަރާތުން ޤިޞާޞު ހިއްޕެވުމަށްޓަކައި، ޢާއިޝަތުގެފާނު ބަޞަރާއަށް ވަޑައިގެންނެވި ލަޝްކަރުގައި ބައިވެރިވެވަޑައިގެންނެވުމަށް ޙަފްޞަތުގެފާނު އުޅުއްވިއެވެ. ނަމަވެސް އެކަމަނާގެ އަޚް އިބްނު ޢުމަރު އަންގަވައިގެން އެކަމަނާ ބަޞަރާއަށް ވަޑައިނުގެން މަޑުކުރެއްވީއެވެ.
ޙަފްޞަތުގެފާނަކީ ވަރަށް ވަރަޢަވެރި ތަޤުވާވެރި ބޭކަނބަލެކެވެ. ވަރަށް ގިނައިން ރޯދަ ހިއްޕަވާ އުޅުއްވި ޞާލިޙު ބޭކަނބަލެކެވެ. ހިޖުރައިން 45 ވަނަ އަހަރު އެކަމަނާ އަވަހާރަވީއިރުވެސް އިންނެވީ ރޯދަފުޅަށެވެ.
ޢާއިޝަތުގެފާނާއި އުއްމުސަލަމަތުގެފާނު:
އުއްމުސަލަމަތުގެފާނުގެ އަސްލު ނަންފުޅަކީ ހިންދު ބިންތި އަބީއުމައްޔަތެވެ. އެކަމަނާ މަޝްހޫރުވެވަޑައިގެންފައިވަނީ އުއްމުސަލަމަތުގެ ނަންފުޅުންނެވެ. އެކަމަނާގެ މައިކަނބަލުންގެ ނަންފުޅަކީ ޢާތިކާ ބިންތި ޢާމިރެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އުއްމުސަލަމަތުގެފާނާ ކާވެނިބައްލަވައިގެންނެވީ އެކަމަނާގެ ފިރިކަލުން އަބޫސަލަމަތުގެފާނު އަވަހާރަވުމަށްފަހުގެއެވެ.
އިމާމު ތިރްމިޒީ ރިވާ ކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم، ޢާއިޝަތުގެފާނުގެ އަރިހުގައި ހުންނަވާ ދުވަސްތަކުގައި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ހަދިޔާ ފޮނުއްވައެވެ. އެކަމާ ކަންބޮޑުވެވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެހެން އަނބިއަނބިކަނބަލުން އުއްމުސަލަމަތުގެފާނުގެ އަރިހުގައި އެވާހަކަ ދެންނެވިއެވެ. އެބޭކަނބަލުން ދެންނެވިއެވެ.
[އޭ އުއްމުސަލަމާއެވެ. މީސްތަކުން ހަދިޔާ ފޮނުވަނީ ޢާއިޝާގެ ދުވަހުގައެވެ. އަޅުގަނޑުމެންވެސް އެފަދަ ހެޔޮކަމަށް އެދެމުއެވެ. ކަމަނާ މާތް ރަސޫލާއާ މިކަމާ ވާހަކަފުޅު ދައްކަވާށެވެ. އަދި ދަންނަވާށެވެ. އެކަލޭގެފާނު ކޮންމެ އަނބިކަނބަލެއްގެ ގޭގައި ހުންނެވި ނަމަވެސް ހަދިޔާ ފޮނުވުމަށް މީސްތަކުންނަށް އަމުރުކުރައްވާށެވެ.]
އުއްމުސަލަމަތުގެފާނު މިވާހަކަ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހުގައި އެންމެ ފުރަތަމަ ދެންނެވުމުން އެކަލޭގެފާނު އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. އެކަމަނާ އެވާހަކަ ތިންވަނަ ފަހަރަށް ތަކުރާކު ކުރެއްވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [އޭ އުއްމުސަލަމާއެވެ. ޢާއިޝަތުގެފާނޭ ކިޔައިގެން ތިމަންކަލޭގެފާނަށް އުނދަގޫ ނުކުރައްވާށެވެ. ތިޔަބޭކަނބަލުންގެ ތެރެއިން އެބޭކަނބަލަކާއެކު، އެއްރަޖައެއްގެ ދަށުގައި އޮންނަވަނިކޮށް ތިމަންކަލޭގެފާނަށް ވަޙީ ބާވައިލެއްވުނު ހަމައެކަނި ފަރާތަކީ ޢާއިޝާއެވެ.]
އުއްމުސަލަމަތުގެފާނަކީ ވަރަށް ޢިލްމުވެރި ބޭކަނބަލެކެވެ. ޢާއިޝަތުގެފާނަށްފަހު އަންހެނުންގެ ތެރެއިން ޢިލްމުވެރިކަމުގެ މައިދާނުގައި ފާހަގަކޮށްލެވޭ ބޭކަނބަލަކީ އުއްމުސަލަމަތުގެފާނެވެ. ޞަޙީޙު މުސްލިމުގައި ބަޔާންވެގެންވާ ދިގު ޙަދީޘެއްގައި ބަޔާންވެގެންވަނީ ޢާއިޝަތުގެފާނަށް އެނގިވަޑައިނުގަންނަވާ ބައެއް މައްސަލަތައް އޮޅުންފިލުމަށް އުއްމުސަލަމަތުގެފާނުގެ އެހީތެރިކަން ހޯއްދަވާކަމަށެވެ.
އުއްމުސަލަމަތުގެފާނު އަވަހާރަވި އަހަރަކާއިމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހިނގައިފައިވެއެވެ. އެކަމަނާ އަވަހާރަވީ ހިޖްރައިން 59 ވަނަ އަހަރުކަމަށާއި 60 ވަނަ އަހަރުކަމަށާއި، 61 ވަނަ އަހަރުކަމަށާއި 62 ވަނަ އަހަރުކަމަށް ރިވާވެފައި ހުންނަ ރިވާޔަތްތައް ހުރެއެވެ. ގިނަ ރިވާޔަތްތަކުން ސާބިތުވަނީ އެކަމަނާ އަވަހާރަވީ ޔަޒީދު ބިން މުޢާވިޔަތުގެފާނުގެ ޚިލާފަތުގެ ދުވަސްވަރު ކަމަށެވެ.