ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުން އަންނައިއރު އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހެނީ ރެއާއި ދުވާލުގެ ކޮންމެ ހިނދުކޮޅެއްވެސް އެމީހެއްގެ ރޯދައަށް، އާޚިރަތަށް ފައިދާކުރާނެ ގޮތަކަށް ވޭތިކުރުމަށެވެ.
ކުރިންވެސް ބުނެފައިވާނެ ފަދައިން އެކަމަކީ އެއިގެ ޒާތުގައި ޙަލާލުކަމެއް ކުރަން ނަމަވެސް އެކަމެއްގައި އުޅެންހަދައިގެން ﷲ ތަޢާލާގެ މަތިން ހަނދުމަނެތިގެންދާނެ ގޮތަށް ކިތަންމެ ކުޑަކުޑަ ކަމެއް ކުރަން ނަމަވެސް ހޭދަކުރެވޭ ކޮންމެ ހިނދުކޮޅެއް އެހޭދަކުރެވެނީ ޙަރާމް ގޮތުގައެވެ. އެއީ މިފަދަ މަތިވެރިކަން ބޮޑު ދުވަސްތަކެއްގައި އެންމެ ހިނދުކޮޅަކަށް ނަމަވެސް ހަނދާނުން ނައްތާލައިގެންވާން އޮތް ކަމެއް ނޫނެވެ.
އަހުރެމެންގެ ތެރެއިން އެންމެ ހެޔޮގޮތުގައި ދުވަސްތައް ހޭދަކުރެވެމުން އަންނަ މީހުންނަށްވެސް އަހަރުގެ 11 މަސް ނިމިގެންދާއިރު ހުންނާނީ ބަދަލުތަކެއް އައިސްފައެވެ. ފާފަތަކެއްވެސް ކުރެވިފައެވެ. ކުރީ އަހަރުގެ ރަމަޟާންމަހު ސުވަރުގެއިން ހޯދުނު ދަރަޖަ ތިރިވެގެންގޮސް އެންމެ ދަށު ދަރަޖައަށް ވެއްޓިފައެވެ.
ﷲ ތަޢާލާ ބޮޑެތި ޝައިޠޯނުންތައް ޗޭނު ޖައްސަވަނީ އަލުން ސުވަރުގޭގެ މަތީ ދަރަޖަތަކަށް ވާޞިލުވުމަށް ފުރުޞަތު ދެއްވެވުމުގެ ގޮތުންނެވެ. އެފުރުޞަތުގެ ބޭނުން ނުހިފާނަމަ އެމީހަކު އެދަނީ ފޭލްވެގެންނެވެ. އެފުރުޞަތުގެ ބޭނުން ނުހިފައިފިނަމަ އެމީހަކު ސުވަރުގެއިން ބޭރުވެގެންދިއުން އޮންނާނީ ވަރަށް ގާތްކަމަކަށްވެފައެވެ.
މިދެއްކީ އެންމެ ބޮޑެތި ތަޤްވާވެރިންގެ ވާހަކައެވެ. އެނޫން މީހުންގެ ޙާލާއިމެދު ވިސްނާށެވެ. އެމީހުން މިބުނި ކަންކަމަށް ސަމާލުނުވެއްޖެނަމަ ނަރަކައިގެ އެންމެ އަޑިއަށް ވެއްޓިފައިވުމަކީ ނުވާނެ ކަމެއްކަމަށް ހީވެސް ނުކުރާށެވެ.
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން