އަހަރެމެންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވެވީ ﷲ ތަޢާލާއެވެ. ރޯދަހިފަންވީ ގޮތް މީސްތަކުންނަށް ދަސްކޮށް ދެއްވެވީ އަހަރެމެންގެ ލޮބުވެތި ރަސޫލް ﷺ އެވެ. މިރޭ ދައްކަމުން މިއަންނަ ވާހަކައިގެ ތެރެއިން އަހުރެން ފާހަގަކުރާނީ ރޯދަ ވީއްލަން ބޭނުންކުރާ ކާބޯތަކެތީގެ ވާހަކައެވެ.
ތަނަވަސްކަން ހުރިނަމަ ތައްޔާރުކޮށްފައި ހުންނަ ސުފުރާގައި އިތުރު 10 ވަރަކަށް މީހުންނަށް ރޯދަވީއްލޭވަރަށް ކާބޯތަކެތި ތައްޔާރުކޮށް އަތުރާފައި ހުރެއެވެ. ދެން ނިކަން މިގޮތަށް ވިސްނައިލަބަލާށެވެ!
ރޯދަވީއްލަން ފެށިތަނުން ރަސޫލް ﷺ އެތަނަށް ވަޑައިގަތީއެވެ. އަހުރެމެން ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނެ އެއް ކަމަކީ ރަސޫލް ﷺ އާއި ބައްދަލުވުމެވެ. އަހަރެމެންގެ ގެއަށް ރަސޫލް ﷺ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް ދަންނަވަން ބޭނުންނުވާނެ ހުންނާނީ ކޮން މުސްލިމެއް ހެއްޔެވެ؟
އެކަމަކުވެސް ނިކަން ބުނެބަލާށެވެ! މިބުނިފަދައިން ސުފުރާގައި ކާބޯތަކެތި އަތުރާފައި ހުއްޓައި ރަސޫލް ﷺ އެތަނަށް ވަޑައިގެންފިނަމަ ތިމާއަށް ޢަމަލުކުރެވޭނީ ކިހިނަކުންހެއްޔެވެ؟ އެތަކެތި އުކައެއްވެސް ނުލެވޭނެއެވެ. އެހެނީ އިސްރާފްކުރުމަކީ ރަސޫލް ﷺ އެންމެ ބޮޑަށް މަނާކުރައްވަވާފައިވާ އެއްކަންތަކެވެ. އަދި ނުވެސް ފޮރުވޭނެއެވެ. ރަސޫލް ﷺ އަށް އެކަން އެނގިވަޑައިގަންނަވާނެތީއެވެ.
ދެން އޮންނާނީ ލަދުން ފިލުން ނޫންހެއްޔެވެ؟ ނިކަން ބުނެބަލާށެވެ! މިބުނެވެނީ މިކަން އޮތްގޮތް ނޫންހެއްޔެވެ؟ މީސްތަކުންނޭވެ! އަހަރެމެންނަށް ކާމިޔާބު ލިބުން އޮތީ ރަސޫލް ﷺ ގެ ސުންނަތަށް ޢަމަލުކުރިވަރަކުންނެވެ. ރަސޫލް ﷺ ރޯދަވީއްލެވީ ކިރިޔާ ފުދިވަޑައިގަންނަވާ މިންވަރުންނެވެ. އަހުރެމެންނަށްވެސް އޮތީ އެގޮތަށް ޢަމަލުކުރުމެވެ.
އަހުރެން ބުނީތީވެސް ގެއަށް ގޮސް ކައްކާފައި ހުރި ތަކެއްޗަށް ނިކަން ބަލައިލަބަލާށެވެ! ކިރިޔާ ފުދޭވަރަށް ބަހައްޓާފައި އިތުރަށް ހުރިތަކެތި ހިފައިގެން ނުކުމެ އަވަހަށް ފަޤީރުންނަށް ބަހައިލާށެވެ. އެއިރުން އެމީހުންނަށް ރޯދަވީއްލަން ދެވުނީއެވެ. ރޯދަވީއްލަން ދެވޭ ކޮންމެ މީހެއްގެ ކިބައިން އެމީހަކަށް (ދިންމީހާއަށް) ރޯދައެއްގެ ޘަވާބު ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ
މިކަންކަމަކީ ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ކޮންމެ މީހަކުވެސް ވިސްނަންވީ އަދި ޢަމަލުކުރަންވީ ކަންކަމެވެ.
- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން