ހިނައިގަތުމުގައި ރައްކައުތެރިވާންވީ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ހިނައިގަތުމުގައި ރައްކައުތެރިވާންވީ ކަންކަން-

ހިނައިގަތުމުގައި ދެގޮތެއްވެއެވެ. އެއީ: ފުދޭ މިންވަރާއި، ފުރިހަމަ މިންވަރެވެ.

ފުދޭމިންވަރަކީހިނައިގަތުމުގެ ސުންނަތްތައް ފިޔަވައި، ވާޖިބު ހުރިހާ ކަމެއް ފުރިހަމަކުރުމެވެ. އެގޮތުން މުޅި ހަށިގަނޑު އެއްކޮށް ޝާމިލްވާ ގޮތަށް ގަޔަށްފެންއެޅުމެވެ. މީގެ ތެރޭގައި އަގަޔަށް ފެންލުމާއި ނޭފަތަށް ފެންލުންވެސްހިމެނިގެންވެއެވެ.

ފުރިހަމަމިންވަރަކީ: ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރެއްވިގޮތަށްކުރުމެވެ. އެގޮތުން ފުރަތަމަ ދެއަތްތިލަ ދޮވެފައި، ކުރިމަތީފަރާތާއި މަނީގެއަޘަރުކޮށްފައި ހުރިތަންތަން ދޮވެ ސާފުކޮށްލާނީއެވެ. އެއަށްފަހު ފުރިހަމަވުޟޫ އެއްކޮށް، ފުރަތަމަ ބޮލަށް ފެންއަޅާ ދޮވެލާނީ އެވެ. އެއަށްފަހު މުޅިހަށިގަނޑު ދޮވެލާނީއެވެ.

ޖުނުބުވެރިކަމުންހިނައިގަތުމާއި ޙައިޟު ނިފާސްކަމުން ޠާހިރުވުމަށް ހިނައިގަތުމުގައިތަފާތެއް ނެތެވެ. އެހެންނަމަވެސް، ޙައިޟު ނިފާސް ކަމުން ޠާހިރުވުމަށްހިނައިގަތުމުގައި އިސްތަށިގަނޑު ތެރެއަށް ތަންކޮޅެއް ބޮޑަށް ފެންފާއްދާލުން އެދެވިގެންވެއެވެ. މީގެ އިތުރުން ލޭގެ އަޘަރުކޮށްފައިހުރިތަންތަނުގައި މީރުވަސްދުވާ އެއްޗެހިލައި ލޭގެ ވަސްފިލުވާލުންއެދެވިގެންވެއެވެ.

ޖުމްހޫރުޢިލްމުވެރިން ދެކިލައްވާ ގޮތުގައި ވުޟޫ ކުރުމުގެ ކުރިންނާއިހިނައިގަތުމުގެ ކުރިން ބިސްމިﷲ ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. ނަމަވެސްޙަންބަލީ މަޛްހަބުގައި އެއީ ވާޖިބުކަމެކެވެ.

އަނގަޔަށާއި ނޭފަތަށް ފެންލުމުގެ މައްސަލާގައި ޢިލްމުވެރިން ހަތަރު ގޮތަކަށް ވިދާޅުވެފައިވެއެވެ. އެއީ:

· ވުޟޫ ކުރުމުގައްޔާއި ހިނައިގަތުމުގައި އަނގަޔާއި ނޭފަތަށް ފެންލުމަކީސުންނަތެއް ކަމަށް ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވައެވެ.

· ވުޟޫ އާއި ހިނައިގަތުމުގައި އަނގަޔާއި ނޭފަތަށް ފެންލުމަކީވާޖިބެއްކަމަށާއި، އެޔާއި ނުލައި ވުޟޫ އާއި ހިނައިގަތުން ޞައްޙަނުވާނެކަމަށް ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ދެކިލައްވައެވެ.

· އަނގަޔާއި ނޭފަތަށް ފެންލުމަކީ ހިނައިގަތުމުގައި ވާޖިބެއްކަމަށާއި، ވުޟޫގައި ވާޖިބެއް ނޫންކަމަށް ޙަނަފީ މަޛްހަބުގެ ޢިލްމުވެރިންދެކިލައްވައެވެ.

· ވުޟޫގައްޔާއި ހިނައިގަތުމުގައި އަނގަޔަށް ފެންލުމަކީ ވާޖިބެއް ކަމަށާއި،ނަމަވެސް ނޭފަތަށް ފެންލުމަކީ ވާޖިބެއް ނޫންކަމަށް އިމާމުއަޙްމަދު-ރަޙިމަހުﷲ- ގެ ކިބައިން ރިވާވެފައިވެއެވެ. އަދި އިބްނުލްމުންޛިރު-ރަޙިމަހުﷲ- މިފަދައިން ވިދާޅުވެއެވެ.

ރާޖިޙްގޮތް: ފަޟީލަތުއް ޝައިޚް ޢުޘައިމީން-ރަޙިމަހުﷲ- ދެކިލައްވާ ގޮތުގައި މީގެތެރެއިން އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީ އަދި އެންމެ ރަގަޅު ގޮތަކީވުޟޫ އާއި ހިނައިގަތުމުގައިވެސް އަނގަޔަށާއި ނޭފަތަށް ފެންލުމަކީ ވާޖިބެއްކަމަށާއި އަދި އެޔާއި ނުލައި ވުޟޫ އާއި ހިނެއުން ޞައްޙަ ނުވާނެ ކަމަށް ބުނާބުނުމެވެ. 

ހިނައިގަތުމުގެ ކުރިން ކިޔާނެ ވަކީ ޚާއްޞަ ދުޢާ އެއް ނޯވެއެވެ. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

 

 

 

 

 

މިއަދު އޮންލައިން