ބައެއް އަންހެނުންނަށް މައްސަރުކަންތައް ޖެހުމުން 10 ދުވަހަށްވެސް ދެމިގެންދެއެވެ. އެދުވަސްތަކުގައި ރޯދަ ނުހިފޭތީ ގިނަ ބައަކު ވަރަށް ދެރަވެއެވެ. ނަމަވެސް އަހުރެން ބުނާނީ ދެރަނުވެ އުފާކުރުމަށެވެ.
އުފާކުރަންޖެހޭ ކަމަކީ އުފާވެރިކަން ގުޅެންޖެހޭނީ ﷲ ތަޢާލާގެ އަމުރުފުޅު ތަންފީޛުކުރަން ކަމަށްވާތީއެވެ. ރަމަޟާން މަހު ރޯދަ ހިފަނީ ﷲ ތަޢާލާ އެކަމަށް އަމުރުފުޅު ކުރައްވަވާފައިވާތީއެވެ. ޙައިޟްވުމުން ރޯދަ ނުހިފަން އަމުރުފުޅު ކުރެއްވެވީވެސް ހަމަ ﷲ ތަޢާލާއެވެ. ވީމާ ޙައިޟުވުމުން ރޯދަ ނުހިފަނީވެސް ހަމަ ﷲ ތަޢާލާގެ އަމުރުފުޅަކަށެވެ. އެހެންކަމަށްވާއިރު ދެރަވެ ހިތާމަކުރަންވީ ކީއްވެގެން ހެއްޔެވެ؟
ޙައިޟްވުމަކީ އަންހެނުން އަމިއްލައަސް ކުރިމަތިކުރުވާ ޙާލަތެއް ނޫނެވެ. ﷲ ތަޢާލާ ކުރިމަތިކުރައްވަވާ ޙާލަތެކެވެ. ޙައިޟުވުމުން ރޯދައެއް ނުހިފޭނެއެވެ. އަދި ނަމާދެއްވެސް ނުކުރެވޭނެއެވެ. އެދުވަސްވަރު ގެއްލޭ ނަމާދުތައް ޤަޟާކުރުމެއްވެސް ނެތެވެ. ރޯދަ ގެއްލުމުން އޮތީ ފަހުން ޤަޟާކުރުމެވެ.
ރޯދަ ނުހިފޭތީ ހިތާމަކުރެވެނީ ރޯދަހިފަން ޝައުޤުވެރިވެވޭ ވަރުބޮޑުކަމުންނެވެ. ވީމާ އެޝައުޤުވެރިކަން ދައްކަން ކުރަން އޮތް ކަމަކީ ރަމަޟާން މަސް ނިމުމުން ގެއްލުނު ރޯދަތައް ޤަޟާކުރަން އަވަސްވެ ގަތުމެވެ.
ދެން ބުނެލަން ބޭނުންވަނީ ޙައިޟުގެ ދުވަސްވަރު ރޯދަ ނުހިފުނަސް އަދި ނަމާދު ނުކުރެވުނަސް ޛިކުރުކުރެވޭނެއެވެ. ދުޢާވެސް ކުރެވޭނެއެވެ. އެކަންކަން ކުރަމުން ގެންދާށެވެ.
- މުފްތީ މެންކުގެ ދަރުސަކުން