ރަމަމާން މަހުގެ އެންމެ މުހިންމު އެއްބައަކީ ވީހައި ގިނައިން ޞަދަޤާތްކުރުމެވެ. ކޮންމެ އަތުގައި މިލިއަނުން ފައިސާ ނުހުރެދާނެ މީހެކެވެ. އެހެންކަމުން މިކިޔައިދެނީ އަތުގައި އެންމެ 1000 ރުފިޔާ އޮތްނަމަވެސް 3 މިލިއަން ރުފިޔާގެ ފައިދާ ހޯދިދާނެ ގޮތްކެވެ.
ބަރަކާތާއި ރަޙްމަތުން ފުރިގެންވާ ރަމަޟާން މަހުގެ ފަހު ދިހަ ފެށެނީއެވެ. ރަމަޟާން މަހުގެ ފަހު 10ގެ ރޭތަކުގައި 1000 ރުފިޔާ ބަހައިގެން 3 މިލިއަން ރުފިޔާ ޞަދަޤާތް ކުރުމުގެ ސަވާބު ހޯދޭނެ މަގު މިއޮތީއެވެ.
އަދި ކީއްހެއްޔެވެ! އެކަމަށް އެދެމީހާ 1000 ރުފިޔާ ބަހަންވާނީ އެއްފަހަރަކުން ނޫނެވެ! ބަހާނީ ކޮންމެ ރެއަކު 100 ރުފިޔާއެވެ. ސަބަބަކީ ކޮންމެ ގޮތަކުން ނަމަވެސް ލައިލަތުލްޤަދްރިވިލޭރޭ ޞަދަޤާތް ކުރަންޖެހޭތީއެވެ. އެރޭ އަތުލައިގަންނަން ޖެހޭނެތީއެވެ!
ރަމަޟާން މަހުގެ ފަހު ދިހައިގެ ކޮންމެ ރެއަކު 100 ރުފިޔާ ބަހައިފިނަމަ މާތްވެގެންވާ ލައިލަތުލްޤަދްރި ވިިލޭރޭ އޮންނާނީ 100 ޞަދަޤާތް ކުރެވިފައެވެ. ލައިލަތުލްޤަދްރް ވިލޭރޭ 100 ޞަދަޤާތް ކުރެވުމުން މިވާ ގޮތަކީ 1000 މައްސަރުގެ ކޮންމެ ރެއަކު 100 ރުފިޔާ ޞަދަޤާތްކުރުމުގެ ސަވާބު އެމީހަކަށް ލިބިގެންދާނެއެވެ. މަހަކީ 30 ދުވަސްކަމަށް ބަލައިފިނަމަ 1000 މައްސަރުގައި 30000 ރޭ އޮންނާނެއެވެ. 30000 ރޭ، ކޮންމެ ރެއަކު 100 ރުފިޔާ ބަހައިފިނަމަ އެބެހެނީ 3 މިލިއަން ރުފިޔާއެވެ.
(މިހާމަކުރީ މިސާލެކެވެ. އިސްލާމީ ކަލަންޑަރުގައި އަންނާނީ 30 ދުވަހާއި 29 ދުވަސް ހިމެނޭ ގޮތަށެވެ. އެހެންކަމުން 1000 މަހުގެ ތެރެއިން 500 މަސް ވާނީ 29 ދުވަސް ހިމެނޭ މަސްތަކަށެވެ. ވީމާ މިހިސާބުން 500 ދުވަސް އުނިކުރެވިދާނެއެވެ.)
ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ އެމީހަކު ބޭނުންނަމަ 1000 ރުފިޔާ ޖަމާކޮށް މި މަތިވެރި ޞަދަޤާތް ކުރުމަށްޓަކައި ޖަމާ ކުރެވޭނެ މީހުންނެވެ. އަދި ކީއްހެއްޔެވެ؟ ރެއަކު 1000 ރުފިޔާ ބެހޭނެ މީހުންވެސް ބައިވަރެވެ!
ހަމައެކަނި ޞަދަޤާތް ކުރުމެއްވެސް ނޫނެވެ. ރަމަޟާން މަހުގެ ފަހު 10 ގައި ރޭއަޅުކަންކުރުމާއި ކީރިތި ޤްރްއާން ކިޔެވުމާއި އެހެނިހެން ހެޔޮ އަމަލުތައް ކޮށްގެންވެސް ހަމަ މިނިޢްމަތް ހޯދުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް އެބައޮތެވެ. ވީމާ މަސައްކަތްކުރަންވީ އެ ފުރުޞަތުގެ ބޭނުން ހިފުމަށެވެ. އެކަކު އަނެކަކަށް ވާދަކުރަންވީ އަޅުކަންކުރުމުގައި ކުރިއަރައި ދިއުމަށެވެ. ޞަޙާބީން ވާދަ ކުރެއްވީ އަޅުކަން ކުރެއްވުމުގައި އެއް ބޭކަލަކު އަނެއް ބޭކަލަކަށްވުރެ ކުރިއަރައި ދިއުމަށެވެ.