ބުއްދިވެރިންނަކީ ރަމަޟާން މަހަށް ޚާއްޞަ "ޝޮޕިންގ ލިސްޓް" ތައްޔާރުކޮށް ފޮރުވައިގެން ހުރެ ﷲ ތަޢާލާ އަށް ދަންނަވަމުން ގެންދާ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ބުއްދިވެރިންނަކީ ރަމަޟާން މަހަށް ޚާއްޞަ "ޝޮޕިންގ ލިސްޓް" ތައްޔާރުކޮށް ފޮރުވައިގެން ހުރެ ﷲ ތަޢާލާ އަށް ދަންނަވަމުން ގެންދާ މީހުން!

ރަމަމާން މަހަށް ތައްޔާރުވުމުގެ ގޮތުން އެއް ބައަކު އެންމެ ބޮޑު ސަމާލުކަމެއް ދިނީ ބޭނުންވާ ހުރިހާ ކަންކަން ލިޔެ ލިސްޓް ހެދުމަށެވެ. އެއީ އޭނާގެ ޝޮޕިންގ ލިސްޓެވެ. ދެން އޭނާ އެލިސްޓް ހިފައިގެން މީސްމީހުންގެ ގާތަށް ހިނގަނީއެއް ނޫނެވެ. އޭނާގެ ލިސްޓް އޮންނަނީ ފޮރުވައިފައެވެ. ލިސްޓް ނަގަނީ ދަމުނަމާދުގެ ވަޤުތުގައެވެ. ރޭގަނޑުގެ 3 ބައިން ފަހުބައިގައެވެ. ލިސްޓް ނަގައި އެންމެންނަށް ސިއްރުން ދަންނަވަނީ ﷲ ތަޢާލާއަށެވެ.

އެފަދަ މީޙުންނަކީ އެންމެ ކާމިޔާބު މީހުން ކަމުގައި ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ދެން ރަނގަޅަށް އަޑުއަހާށެވެ!

ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވަނީވެސް އަދި މާޔޫސްވަނީވެސް މީހަކު ކަމެއްކޮށްނުދިނުމުންނެވެ. ޚާއްޞަކޮށް ތިމާގެ އެންމެ ގާތް މީހަކު ނުވަތަ ގާތް ތިމާގެ މީހަކުގެ ގާތުގައި ކަމަކަށް އެދުމުން އެކަމެއް ކޮށްނުދީފިނަމަ ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. މާޔޫސްވެސްވެއެވެ.

މިއީ މިކަން މެދުވެރިވާނެ ގޮތްވެސް މެއެވެ. ނަމަވެސް ކަމުގެ ޙަޤީޤަތަށް ބަލައިލަމާ ހެއްޔެވެ؟

ތިބާއަކީ އެހީތެރިކަމަށް ބޭނުންވެފައިވާ މީހަކަށްވެދާނެއެވެ. ތިބާ މީހެއްގެ ކިބައިން އެހީތެރިކަމަކަށް އެދުމުންވެސް އެމީހެއްގެ އެހީތެރިކަން ނުލިބުނު ނަމަ އެމީހާ އާއިމެދު ވިސްނަން ވަގުތުތައް ބޭކާރުކޮށްނުލާށެވެ. ﷲ ތައާލާގެ ޙަޟްރަތުން އެހީތެރިކަމަށް އެދުންމަތީގައި ދެމިހުންނާށެވެ! ﷲ ތަޢާލާ ތިބާ ހުސްއަތާ ދޫކޮށެއް ނުލައްވަވާނެތެވެ.

މީހަކު ހަމަ އެއްވެސް ކަމެއް ތިބާއަށް ކޮށް ނުދިނުމަކީ އެއް ގޮތަކަށްވެސް ދެރަވެ މާޔޫސްވާނަ ޖެހެންވީ ކަމެއް ނޫނެވެ. ކޮށް ދިނުމާއި ނުދިނުމަކީ އެމީހެއްގެ އިޚްތިޔާރުގައި އޮތް ކަމެކެވެ. އެހެންކަމުން މީހަކު ކަމެއްކޮށް ނުދިނުމުން އެކަމާއިމެދު ދެރަވެ އެއްވެސް ޝަކުވާއެއް ކުރުމުގެ ބޭނުމެއްވެސް ނެތެވެ. އެހެނީ މުސްލިމުން ދިރިއުޅުން ބިނާކުރަން ޖެހޭނީ މީހަކު ކަމެއް ކޮށްދޭނެ ކަމަށް ބަލައިގެނެއް ނޫނެވެ. މުސްލިމުންގެ ޢަޤީދާއަކަށް ވާންޖެހޭނީ ބޭނުންވާ ހުރިހާ ކަމެއް ﷲ ތަޢާލާ ފުރިހަމަކޮށްދެއްވަވާނެ ކަމެވެ.

ރޯދަ މަހަކީ ދުޢާ ކުރުމަށް އޮތް އެންމެ މުހިންމު މޫސުމެވެ. އެންމެ ރަނގަޅު ފުރުޞަތެވެ. ވީމާ ފުރަތަމަ ކަމެއްގެ ގޮތުން ވެސް އެމީހަކު އެދޭ ކަންކަމުގެ ފުރިހަމަ ލިސްޓެއް ތައްޔާރުކުރާށެވެ! އަދި ﷲ ތައާލާ އަންގަވާފައިވާ ގޮތުގައި ރޯދަ ހިފަމުން އެލިސްޓުގައިވާ ކަންކަން ފުރިހަމަކޮށްދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ގިނަގިނައިން ދަންނަވާށެވެ! ﷲ ތަޢާލާ ތިބާ މާޔޫސްވާން ދޫކޮށެއް ނުލައްވަވާނެތެވެ! ނަމަވެސް މަޤްޞަދު ޙާޞިލު ކުރެވޭނީ ޢަޤީދާ އާއި ތަޤްވާވެރިކަން އެފެންވަރަށް މަތިކޮށްގެންނެވެ. އެއީ އަހަރެމެން ފުރިހަމަކުރަންޖެހޭ ބައެވެ. އެބައި އަހަރެމެން ފުރިހަމަކުރުމުން އަހަރެމެން ބޭނުންވާ ބައި ﷲ ތަޢާލާ ފުރިހަމަކޮށް ދެއްވަވާނެތެވެ!

ޚުލާޞާއަކީ މުސްލިމުންނަކީ އެއްވެސް މީހަކަށް ބަރޯސާވާން ޖެހޭ ބައެއް ނޫންކަމެވެ. ހަމައެކަނި ﷲ ތަޢާލާ އިން ފުދޭ ކަމަށް ނިންމައިގެން ހުންނަ މީހަކަށް އެއްވެސް ކަމެއް ނުފުދިގެން އުޅޭކަށް ހަމަ އެއްގޮތަކަށްވެސް ނުޖެހޭނެއެވެ. ޔަޤީން ކުރަންވީ އެކަމެވެ. ﷲ ތަޢާލާ އަހަރެމްނެގެ ހުރިހާ ބޭނުންތަކެއް ފުއްދަވައި ދެއްވަވާނެ ކަމެވެ.

ރޯދަމަހަކީ މީސްތަކުންގެ ދުޢާ އެންމެ ގިނައިން ޢިޖާބަކުރައްވަވާ މައްސަރެވެ! އެންމެ ގިނަބައަކަށް ރަޙްމަތް ލައްވަވާ މައްސަރެވެ! ވީމާ އެއްވެސް މީހަކަށް ބަރޯސާނުވެ ދުޢާކުރުމުގެ ސާބިތުވެއްޖެ މީހާގެ ބޭނުންތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

ރޯދަމަހު ދުޢާކުރުން ގިނަ ކުރުމުގެ މުހިންމުކަމުގެ ވާހަކަ މިހާރުވެސް ވަރަށް ގިނައިން ދެކެވިއްޖެއެވެ. އެހެންކަމާއިއެކުވެސް ހަނދާންކޮށް މިދެނީ ރޯދަ މަސް ދިއުމުން އެ ފުރުޞަތު ގެއްލިގެންދާނެތީއެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން