ނަމަނަމަ ފަރުވާކުޑަކޮށްނުލާތި! ލައިލަތުލްޤަދްރިވިލޭރޭ އަޅުކަންކުރުމުން ދެއްވަވާނީ ކިތައް އަހަރު އަޅުކަންކުރިކަމުގެ ޘަވާބުކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ނަމަނަމަ ފަރުވާކުޑަކޮށްނުލާތި! ލައިލަތުލްޤަދްރިވިލޭރޭ އަޅުކަންކުރުމުން ދެއްވަވާނީ ކިތައް އަހަރު އަޅުކަންކުރިކަމުގެ ޘަވާބުކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ!

މިއަހަރުގެ ރަމަޟާން މަހުގެ އޮނަހިރި ރޭތައް ދެނެގަތުން ވަރަށް ފަސޭހައެވެ. އޮތީ ތައްޔާރުވެ އެ ރޭތައް ލިބިގަންނަން މަސައްކަތްކުރުމެވެ. 

ފުރަތަމަ އޮނަހިރި ރެއަކީ ރަމަޟާން މަހުގެ ވިހިވަނަ ދުވަހުގެ ރޭ ނުވަތަ އެކާވީސްވިލާރެއެވެ. އެ ރޭ މިދިމާވަނީ އޭޕްރިލްމަހުން 11 ވަނަ ދުވަހުގެ ރެއަށެވެ. ދެން ބަލަންވީ 23،25،27 އަދި 29 ދުވަހުގެ ރެއަށެވެ. 

ކިތަންމެ ބުރަ މަސައްކަތެއް ކޮށްގެން ނަމަވެސް ލައިލަތުލްޤަދްރިވިލޭރޭ ޙާޞިލްކުރެވިއްޖެނަމަ އެމީހަކަށް އެއޮތީ ދުނިޔެއާއި އާޚިރަތް ކާމުޔާބުކުރެވިފައެވެ. އިން ޝާ ﷲ އެހެނީ އެރޭ ކުރާ ކޮންމެ އަޅުކަމަކުންވެސް 1000 މައްސަރަށްވުރެ ގިނަ ދުވަހު އެއަޅުކަން ކުރިކަމުގެ ޘަވާބު ދެއްވަވާނެތީއެވެ. އެއީ 84 އަހަރުކަމަށް ނިންމައިލެވޭކަށްވެސް ނެތެވެ. ސަބަބަކީ އެރޭގެ ޘަވާބާއި ދަރުމައިގެ އިމެއް އެނގެން ނެތުމެވެ. ހަމައެކަނި އެނގެން އޮތް މިންވަރަކީ 1000 މައްސަރަށްވުރެ ގިނަ ކަމެވެ. ގިނަވެގެން އެއީ ކިހައިދުވަހެއްކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.

ވީމާ މިފަދަ އަގުހުރި ފުރުޞަތެއް ނަގާލަން ހެޔޮނުވާނެ ނޫންހެއްޔެވެ؟ ވިސްނާށެވެ! ބައެއް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ލައިލަތުލްޤަދްރި ވިލޭރެއަކީ ކޮންރެއެއްކަން އެނގެން ނެތްއިރު އެރެއަކީ ކޮންމެ އަހަރަކު އެއް ރެއަކަށް ނުވެދާނެއެވެ. ހަމައެކަނި އެގެން އޮތް މިންވަރަކީ އޮނަހިރި ރޭތަކުގެ ތެރެއިން ރެއެއްކަމެވެ. ވީމާ އެރެއަކީ 27 ވިލޭރޭ ނުވަތަ އެނޫންވެސް އޮނަހިރި ރެއެއް ކަމަށް ބަލައި ނިންމާލައިގެން ނުވާނެއެވެ. 

ދުޢާއަކީ މިއަހަރުގެ ލައިލަތުލްޤަދްރިވިލޭރޭގެ ބަރަކާތް ފުރިހަމަ ގޮތުގައި ލިބިގަންނަން ފަދައަޅައި މަސައްކަތްކުރުމުގެ ހިތްވަރު ދެއްވެވުމެވެ! އަދި އެރޭގެ ބަރަކާތް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާ އެންމެހައި މުސްލިމުންނަށް މިންވަރުކުރެއްވެވުމެވެ! އާމީން 

މިއަދު އޮންލައިން