އިސްލާމް ދީނާއިމެދު މޮޅުވާހަކަ ދައްކައިގެން ދުނިޔޭގަ ކުރި ހޯދަން އުޅޭ މީޙުންގެ ވާހަކަ ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
އިސްލާމް ދީނާއިމެދު މޮޅުވާހަކަ ދައްކައިގެން ދުނިޔޭގަ ކުރި ހޯދަން އުޅޭ މީޙުންގެ ވާހަކަ ޤުރްއާނުން-

ﷲ ތަޢާލާގެ ވަހީބަސްފުޅުގައިވަނީ މިފދައިންނެވެ. 

"ދުންޔަވީ ޙަޔާތާމެދު އެމީހަކު ބުނާ ބަހުން ކަލޭގެފާނުގެ ހިތްޕުޅު ރުއްސާލައި، އަދި އޭނާގެ ހިތުގައިވާ ގޮތުގެ މައްޗަށް ﷲ ހެކިކޮށް ބުނާ މީހުން މީސްތަކުންގެ ތެރެއިން ވެއެވެ. އެހިނދު އެމީހާ ވަނީ، ދެކޮޅުވެރިކަން އެންމެ ބޮޑު މީހާ ކަމުގައެވެ." 

"އަދި އެމީހާ ފުރަގަސްދީ ހިނގައްޖެނަމަ، ބިމުގައި ފަސާދަ އުފެއްދުމަށްޓަކައި އަދި ދަނޑުފަނގާއި ދަރިފަސްކޮޅު ހަލާކުކުރުމަށްޓަކައި ބިމުގައި މަސައްކަތްކޮށް އުޅެތެވެ. ﷲ، ފަސާދަވެރިކަމަކަށް ލޯބިވެވޮޑިގެނެއް ނުވެއެވެ."

(އަލް ބަޤަރާ: 204،205) 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިމާމެންގެ ޙަޤީޤަތް ފޮރުވައިގެންތިބެ، ވާހަކަދައްކައިގެން މީސްތަކުންގެ ރުހުމާއި ތާއީދު ހޯދައި އެމީހުން ޙާޞިލްކުރަން ބޭނުންވާ ކަންކަން ޙާޞިލްކުރަން މަސައްކަތްކުރާ ބައަކު ރަސޫލް ގެ ޒަމާނުގައިވެސް އުޅުނުކަން މިއޮތީ ޤުރްއާނުން އެނގޭށެވެ. އެފަދަ ބައަކު އަބަދުވެސް އުޅޭނެއެވެ. 

މީސްތަކުންގެ ބަސް ޤަބޫލުކުރުމުގައާއި އެކުވެރިވެ އުޅުމުގައި ބަލަންވީ އެމީހުން ދައްކާ ވާހަކަތަކަކަށް ނޫނެވެ. އެމީހުން ކުރާ ޢަމަލުތަކަށެވެ. ނެރެން ބުނާ ނަތީޖާތަކަކަށް ނޫނެވެ. ނެރެފައިވާ ނަތީޖާ ތަކަށެވެ. 

އިސްލާމް ދީނަށް ނަޞްރު ދެއްވެވި ޞަޙާބީން ޢަމަލުފުޅު ކުރެއްވެވީ އެގޮތުގައެވެ. ބަސްމަދުކުރެއްވެވިއެވެ. ޢަމަލުތައް ގިނަކުރެއްވެވިއެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިވެވަޑައިގަތުމުގައި އިމެއް ނެތި މަސައްކަތްޕުޅު ކުރައްވަވައި ޢަމަލުން އެކަން ދެއްކެވިއެވެ. 

ވީމާ މިއަދުވެސް ހެޔޮލަފާ މީހުން ވަކިކޮށް ދެނެގަތުމުގައި ހިފަހައްޓަންވީ ހަމަ އެއުޞޫލުތަކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން