ކޮންމެ އަހަރަކުވެސް ރަމަޟާން މަސް އައިސް ބައްދަލުކުރެއެވެ. މަސް ނިމިގެންވެސްދެއެވެ. ސުވާލަކީ ޙާޞިލުކުރެވުނީ ކިހައި މިންވަރެއް ހެއްޔެވެ؟ މި ރަމަޟާން މަހުގެ ފަހު ދިހަވެސް އައިސް އަރާހަމަކުރަނީއެވެ! މުސްލިމުން އެމީހުންގެ އަތްތައް އުފުލައި ދުޢާކުރާނެއެވެ! ސުވާލަކީ ތިބާގެ ޢަމަލުތައް ހުރީ ތިބާ އުފުލައިލާ އަތްތައް ﷲ ތަޢާލާ ފުރުއްވަވައިލައްވަވާނެ ގޮތަށް ހެއްޔެވެ؟
މީސްތަކުންނޭވެ! ތިބާ އުފުލައިލާ އަތް ފުރިގެން ދިއުމަށް އެދޭމީހާ ފުރަތަމަކަމަކަށް ފުރިހަމަ ތައުބާއަކުން ތައުބާވާށެވެ! ފާފަކުރުން ހުއްޓައިލާށެވެ! ފާފަކުރަމުން ދުޢާކުރުމަކީ ކިހިނަކުން ޤަބޫލުކުރެވޭނެ ކަމެއް ހެއްޔެވެ؟
ބައެއް ޞަޙާބީންނަށް އުހުދު ހަނގުރާމައިގައި ކުށެއް ކުރެއްވެވުނެވެ. އެކަމުގެ ހިތިކަން ވަގުތުން އައިސް ބައްދަލުކުރިއެވެ. އަދި އެއިގެފަހުން ދުވަހަކުވެސް ޞަޙާބީން އެފަދަކުށެއް ކުރައްވަވާފައެއް ނުވެއެވެ.
އަހަރެމެންވެސް ޢަމަލުކުރަންވީ ހަމައެގޮތަށެވެ! ﷲ ތަޢާލާގެ އަމުރުފުޅަކާއި ދެކޮޅަށް ހަމައެއްވެސް ކަމެއް ނުކުރަން ޢަޒުމް ކަނޑައަޅަންވީއެވެ! އެންމެ ފާފައެއްވެސް ނުކުރަން ޢަޒުމްކަނޑައަޅަންވީއެވެ. ތައުބާވުމަކީ އެއީއެވެ.
ރަމަޟާން މަސް މިހައި ހިސާބަށް އައިއިރުވެސް ފުރިހަމަ ތައުބާއަކުން ތައުބާ ނުވެވޭ އެތައް ބައަކު އެބަތިއްބެވެ! ވީމާ ފަހު ދިހަ ފެށުމުގެކުރިން ފުރަތަމަ ކުރާ ފުރަތަމަ ކަމަކަށް އިޚްލާޞްތެރި ތައުބާއަކުން ތައުބާވާށެވެ!
ބައެއް މުޖުތަމައުތަކުގައި ޢާންމުވެގެންވާ ބޮޑެތި ފާފަތައް އެބަކުރެވެއެވެ. ﷲ ތަޢާލާގެ ވަޙީބަސްފުޅު އެއްކިބާކޮށްފައި ކަންކަން އެބަކުރެއެވެ. އަމިއްލައަށް ޤާނޫނުތައް ހަދައިގެން އެބަ ފާފަތައް ކުރެއެވެ. މިފަދަ ކަންކަން ކުރުންވެސް ހުއްޓާލައި މުޅި މުޖުތަމައު އެބަ ތައުބާވާންޖެހެއެވެ. ﷲ ތަޢާލާގެ ރަޙްމަތް ޙައްޤުވާ އަޅުންނަށް ވެވޭނީ އެއިރުންނެވެ.
- އިމާމް ޢުމަރުސުލޭމާނުގެ ދަރުސަކުން