ކޮންމެ މީހަކުވެސް ރޯދަ ހިފަނީ ވަރަށް ބޮޑު ޤުރްބާނީތަކެއް ވެގެންނެވެ. ވީމާ ރޯދަހިފުމުން ލިބެންއޮތް އެންމެ ބޮޑު ފައިދާއެއް ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރަންވާނެއެވެ! މަސައްކަތްކުރުމާއިއެކު ހިފާ ރޯދަ ޤަބޫލުފުޅު ކުރެއްވެވުން އެދި ދުޢާކުރަންވާނެއެވެ!
ނިޔަތްގަތުމާއިއެކު ފަޖުރުލީންސުރެ އިރުއޮއްސިއްޖައުމަށްދާންދެން ރޯދަގެއްލޭ ކަންކަމުން ދުރިހެލިވެ ހުރެއްޖެނަމަ އެމީހަކަށް ރޯދައެއް ހިފުނީކަމަށް ބެލިދާނެއެވެ. ނަމަވެސް އެ ރޯދަ ފުރިހަމަވާން އޮތީ ކުރަންޖެހޭ ހެޔޮ ޢަމަލުތައްވެސް ކޮށްގެންނެވެ! ރޯދައަށް ފައިދާކުރާނެ ކަންކަން ވީހައިގިނައިން ކުރުމުންނެވެ. ވީމާ ރޯދައަށް ހުރެ ރޯދައަށް ފައިދާކުރާނެ ވީހައި ގިނަ ހެޔޮ ޢަމަލުތައް ކުރަމުން ގެންދާށެވެ!
ރޯދަވެރިންނަށް ޘަވާބުދެއްވެވުމުގައި ﷲ ތަޢާލާގެ ދީލަތިވެވޮޑިގަތުން އެހެން ހުރިހާ ޢަމަލުތަކަށްވުރެ މާބޮޑެވެ. އެކަމުގައި ވަކިމިންވަރެއްވެސް ނެތްކަން އޮތީ ޤުރްއާނާއި ޙަދީޘްފުޅުތަކުން އެނގޭށެވެ.
ރަމަޟާން މަސް ފެށުނީންސުރެ މުސްލިމުން ރޯދަ ހިފައެވެ. އެކަމަކު ނިކަން ބުނެބަލާށެވެ. ދެވަނަ 10 ނިމެން ގާތްވެފައިވާއިރު ޚުދު ތިމާއަށް ހިތްހަމަ ޖެހުން ލިބޭފަދަ އެންމެ ރޯދައެއް ހިފިއްޖެހެއްޔެވެ؟ އެކަމުގެ ހިތްހަމަޖެހުން ލިބިފައިވާނަމަ އެމީހަކަށް އެވަނީ މަސައްކަތްކުރެވިފައެވެ. ނޫންނަމަ ދެން އޮތް ދުވަސްކޮޅުގައިވެސް އެންމެ ފުރިހަމަ ގޮތުގައި ރޯދަހިފަން ގަދައަޅައި މަސައްކަތްކުރާށެވެ! ރަމަޟާން މަހުގެ ފައިދާ ލިބިގަނެވޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން