ޢާއިޝަތުގެފާނުގެ ސީރަތު: ޒައިނަބުގެފާނަށާއި ޖުވައިރިއްޔަތުގެފާނަށް ޢާއިޝަތުގެފާނުގެ ތާރީފު

ކިޔުމަށް ހޭދަވާނީ 5މ 26ސ
ޢާއިޝަތުގެފާނުގެ ސީރަތު: ޒައިނަބުގެފާނަށާއި ޖުވައިރިއްޔަތުގެފާނަށް ޢާއިޝަތުގެފާނުގެ ތާރީފު

ޢަލީ އިޙްޞާން ފިރާޤް

 

ޢާއިޝަތުގެފާނާއި ޒައިނަބުގެފާނު- 

އުއްމުލް މުއުމިނީން ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާއަކީ މާތް ރަސޫލާގެ ބޮޑުދައިތާފުޅު އުމައިމަތު ބިންތި ޢަބްދުލްމުއްޠަލިބުގެ ދަރިކަނބަލެކެވެ. ބައްޕާފުޅަކީ ޖަޙުޝް ބިން ރިއާބެވެ. ޢާއިޝަތުގެފާނާއި ޒައިނަބުގެފާނާ ދެބޭކަނބަލުން ދީނީ މުޢާމަލާތްތަކުގައި އެއްބޭފުޅަކު އަނެއްބޭފުޅަކާ ވާދަ ޖައްސަވާކަމުގައިވެއެވެ. ޢާއިޝަތުގެފާނު، ޒައިނަބުގެފާނުގެ ޚުލުޤުފުޅާ ބެހޭ ގޮތުން ވިދާޅުވެފައިވެއެވެ. [ زينب އަށްވުރެ ދީންވެރި، ތަޤްވާވެރި، ތެދުވެރި، ރަހިމުގެ ގުޅުން ޤާއިމުކުރާ، އަންހެނަކު އަހަރެން ނުދެކެމެވެ]. 

ޒައިނަބުގެފާނަކީ ވަރަށް ތަޤުވާވެރި ވަރަޢަވެރި ބޭކަނބަލެކެވެ. އެކަމަނާގެ އިވުމާއި ފެނުން އެންމެހައި ނުބައިކަންތައްތަކުން ދުރުކުރައްވާ މުރުއްވަތްތެރި ބޭކަނބެލެކެވެ. ޢާއިޝަތުގެފާނާ ބެހޭ ގޮތުން މުނާފިޤުން ދެއްކި ދޮގުވާހަކަ ތަޙުޤީޤު ކުރެއްވުމަށްޓަކައި މާތް ރަސޫލާ صلّى اللّـه عليه وسلّم  އެކަލޭގެފާނުގެ ގާތްބޭފުޅުންނާއި އަނބިއަނބިކަނބަލުންނާ މަޝްވަރާ ކުރެއްވެވިއެވެ. ޒައިނަބުގެފާނުގެ އަރިހުގައި ޢާއިޝަތުގެފާނާ   ބެހޭ ގޮތުން ސުވާލު ދެންނެވުމުން އެކަމަނާ ވިދާޅުވިއެވެ.  

[އޭ މާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑު އަޅުގަނޑުގެ އިވުމާއި ފެނުން ނުބައިކަންތައްތަކުން ރައްކާތެރުކުރަމެވެ. عَائِشَةُ އާ ބެހޭ ގޮތުން އަޅުގަނޑަށް ރަނގަޅު އެއްޗެއް ނޫނީ ދެންނެވޭކަށް ނެތެވެ.]  ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. [އަރަހުށި މާތް، ޒައިނަބުގެފާނުގެ ވަރަޢަވެރިކަމުގެ ސަބަބުން އެކަންތަކުން އެކަމަނާ ސަލާމަތްކުރެއްވިއެވެ.]{صحيح البخاري} 

ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. ނަބިއްޔާ صلّى اللّـه عليه وسلّم  އެއްފަހަރަކު ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނަށްފަހު، (އެބަހީ: އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވުމަށްފަހު) ތިޔަކަނބަލުންގެ ތެރެއިން ތިމަންކަލޭގެފާނާ އެންމެ އަވަހަށް ބައްދަލުވެވަޑައިގަންނަވާނީ، (އެބަހީ: އަވަހާރަވާނީ) ތިޔަކަނބަލުންގެ ތެރެއިން އެންމެ އަތްޕުޅު ދިގު ކަމަނާއެވެ.] 

ޢާއިޝަތުގެފާނު، ވިދާޅުވެއެވެ. [ތިމަންބޭކަނބަލުން އެއްގެއެއްގައި ބައްދަލުވާނަމަ، ދަނޑިގަނޑަކުން ތިމަންބޭކަނބަލުންގެ އަތްތަކުގެ މިންބަލައި، އެންމެ އަތްޕުޅު ދިގީ ކޮންބޭކަނބަލެއްތޯ ބަލައި ހަދަމެވެ. زينب ގެފާނު އަވަހާރަވަންދެން، ތިމަންބޭކަނބަލުން އެކަންތައް އެގޮތަށް ކުރިއަށް ގެންދިޔާމެވެ. زينب ގެފާނު އަވަހާރަވުމުން ތިމަންބޭކަނބަލުންނަށް އެ ޙަދީޘްގައި އެވިދާޅުވި، އަތްޕުޅު ދިގު ކަމުގެ މުރާދަކީ، ދީލަތިކަމާއި، މާތްﷲ ގެ މަގުގައި ހޭދަކުރުންކަން އެނގުނެވެ]. 

ޒައިނަބުގެފާނު އަވަހާރަވީ ހިޖްރައިން 20 ވަނަ އަހަރުގެ ތެރޭގައެވެ. އަމީރުލް މުއުމިނީން ޢުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރުގައެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ 53 އަހަރުފުޅެވެ. އެކަމަނާ އަވަހާރަވުމުން ޢާއިޝަތުގެފާނު ވަރަށް ހިތާމަފުޅު ކުރައްވާ ކީރިތި ކުރައްވާ އުޅުއްވިކަމަށް ރިވާވެގެން އައިސްފައިވެއެވެ. 

ޢާއިޝަތުގެފާނާއި ޖުވައިރިއްޔަތުގެފާނު: 

އުއްމުލް މުއުމިނީން ޖުވައިރިއްޔާ ރަޟިޔަﷲ ޢަންހާއަކީ، ބަނުލް މުޞްޠަލިޤު ވަހަންހައިގެ ރައީސްގެ ދަރިކަނބަލެކެވެ. މުސްލިމުންނާ މުޞްޠަލަޤުވަންހައާ ދެމެދުގައި ކުރެވުނު މުރައިސީޢު ހަނގުރާމައިގައި އެކަމަނާ މުސްލިމުގެ އަތްދަށުގައި ހައްޔަރުވެވަޑައިގެންނެވިއެވެ. އުއްމުލް މުއުމިނީން ޖުވައިރިއްޔާ ރަޟިޔަﷲ ޢަންހާ ގެ ވާހަކަ އެންމެ ތަފްސީލީ ގޮތެއްގައި ބަޔާންކޮށްދެއްވައިފައިވަނީ އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم މުސްޠަލިޤުވަންހައިގެ ހަނގުރާމައިން ލިބިވަޑައިގެންނެވި ޣަނީމާ މުދާ މުސްލިމުންގެ މެދުގައި ބެއްސެވިއެވެ. މި ބެއްސެވުމުގައި ޖުވައިރިއްޔާ ލިބިވަޑައިގަތީ ޘާބިތު ބިން ޤައިސަށެވެ. ނުވަތަ އޭނާގެ ބޮޑުބޭބެގެ ދަރިއަކަށެވެ. އެކަމަނާ އޭނާގެ ގާތުން މުކާތަބު އަޅަކަށް ވެވަޑައިގެންނެވިއެވެ. ޖުވައިރިއްޔާއަކީ މީސްތަކުންގެ ނަޒަރު ހުއްޓެވޭފަދަ ރިވެތި ބުރުސޫރަފުޅެއް ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. އެކަމަނާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. 

[އޭ މާތް ގެ ރަސޫލާއެވެ. އަޅުގަނޑަކީ ޖުވައިރިއްޔާ ބިންތު އަލްޙާރިޘެވެ. އަޅުގަނޑަށް ޖެހިފައިމިވާ މުޞީބާތް ކަލޭގެފާނަށް ވަންހަނާވެވަޑައިގެން ނުވެއެވެ. އަޅުގަނޑު މިހާރު އިންނަން ޖެހިފައިމިވަނީ ޘާބިތު ބިން ޤައިސްގެ އަޅުވެތިކަމުގައެވެ. އޭނާއާ ވާހަކަ ދައްކައިގެން އަޅުގަނޑު މުކާތަބު އަޅަކަށްވެއްޖައީމެވެ. އަޅުވެތިކަމުން މިންޖުވާން އަޅުގަނޑަށް ފައިސާ ބޭނުންވެއެވެ. މިކަމުގައި ކަލޭގެފާނުގެ އެހީތެރިކަމަށް އެދިގެން އައީމެވެ.] 

މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ތިޔަށްވުރެ މާ ރަނގަޅު ގޮތެއް އެބަ އޮތެވެ.] ޖުވައިރިއްޔާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. [އެއީ ކޮންގޮތެއްތޯއެވެ؟] ޙަދީޘް ކުރެއްވިއެވެ. [ކަމަނާގެ އަޅުވެތިކަމުގެ އަގު ތިމަންކަލޭގެފާނު އަދާކުރައްވާނަމެވެ. އެއަށްފަހު ކަމަނާއާ ކާވެނިބައްލަވައިގަންނަވާން ކަމަށެވެ.] ޖުވައިރިއްޔަތުގެފާނު ވިދާޅުވިއެވެ. [އަޅުގަނޑު ތިޔަކަމާ އެއްބަހެވެ.] 

ދެން މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނި ބައްލަވައިގެންނެވުމުން، ޞަޙާބީބޭކަލުންގެ އަތްދަށުގައި ތިއްބެވި މުޞްތަލަޤުވަންހައިގެ އެންމެހައި މީސްތަކުން މިނިވަންކުރެއްވިއެވެ. އެއީ މާތް ރަސޫލާ صلّى اللّـه عليه وسلّم އާ އެބައިމީހުންނާ އޮތް ޅިޔަންފަރިކަމުގެ ގުޅުމަށް ރިޢާޔަތްކުރައްވައެވެ. ޢާއިޝަތުގެފާނު ވިދާޅުވެއެވެ. [ޖުވައިރިއްޔަތަށްވުރެ އެކަމަނާގެ ޤައުމަށް ބަރަކާތްތެރި ބޭކަނބަލަކު އަހަރެން ނުދެކެމެވެ.] {އިބްނު ސަޢުދު، ޠަބަޤާތު، އަށްވަނަ ޖިލްދު، ޞަފްޙާ 92} 

ޖުވައިރިޔަތުގެފާނަކީ ވަރަށް ދީންވެރި ދީނީކަންތަށްތަކަށް ލޯބިހުރި ބޭކަނބަލެކެވެ. ވަރަށް ގިނައިން ތަސްބީޙަ އާއި ތަޙްލީލު ވިދާޅުވާ ބޭކަނބަލެކެވެ. ގިނަ ވަގުތު އަޅުކަން ކުރެއްވުމާއި، ސުންނަތް ރޯދަފުޅަށް ހުންނެވުމަކީ އެކަމަނާގެ ޚާއްޞަ އުފާފުޅެކެވެ. ދީންވެރި ދިރިއުޅުއްވުމެއް އުޅުއްވުމަށްފަހު އުއްމުލް މުއުމިނީން ޖުވައިރިއްޔާ ރަޟިޔަﷲ ޢަންހާ އަވަހާރަވީ،  އަމީރު މުޢާވިޔަތުގެފާނުގެ ޚަލީފާކަމުގައި ހިޖުރައިން 50 ވަނަ އަހަރުގެ ރަބީޢުލްއަވަލް މަހުގެ ތެރޭގައެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ 65 އަހަރުފުޅެވެ.  އެކަމަނާ ފަސްދާނުވެޑުވިފައިވަނީ މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ.

{މަޙްމޫދު އަޙްމަދު ޣަޡަންފަރު،ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 107-111}

މިއަދު އޮންލައިން