ޝައިޚްގެ މިވާހަކަފުޅަކީ ރަމަޟާންމަހާއި ވަރަށް ގުޅުން ބޮޑު ވާހަކަފުޅެކެވެ. ނުވަތަ ފިލާވަޅެކެވެ. ގިނަބައަކަށް މިއުޅެނީ މިބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތައް ފާއިތުވަމުންދާއިރުވެސް ފަހުދިހަ އަރައިހަމަކުރިއިރުވެސް މަސައްކަތް ބުރަވެ އަޅުކަން ނުކުރެވިގެންނެވެ. އެއްބައަކު އުޅެނީ ޖަމާޢަތަށް ނަމާދަށް ނުދެވިގެންނެވެ. އަނެއްބައަކު އުޅެނީ ސުންނަތް ކޮށްލައި ޤުރްއާން ކިޔަވާލައި ސުންނަތް ކޮށްލާނެ ވަޤުތުކޮޅެއްވެސް ނުވެގެންނެވެ. މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ދިއުމާއި ސުންނަތްކުރުމާއި ޛިކުރުކުރުން ފަދަ ކަންކަން ނުކުރެވޭ މީހުން ނިކަން މިވާހަކަ ކިޔާލަބަލާށެވެ! ފައިދާކުރާނެއެވެ! އިން ޝާ ﷲ
ރަމަޟާން މަސް ފެށުނީންސުރެހެން މިދެއްކެނީ އަޅުކަންކުރުމުގެ ވާހަކައެވެ. އެހެންވެ ކުޑަކޮށް މައުޟޫއު ބަދަލުކޮށްލުމުގެ ގޮތުން މިއަދު މިކިޔައިދެނީ ވަރަށް ޢިބްރަތްތެރި ކުރުވާހަކައެކެވެ. ކިތަންމެ ފަޤީރު ނަމަވެސް އެ މަސްވެރިޔާގެ ހުރި ވިސްނުން ހުރެއްޖެނަމަ އިން ޝާ ﷲ އަހަރެމެން އެންމެންވެސް ސުވަރުގެ ވައްދަވާނެތެވެ!
އެ މަސްވެރިޔާ ކޯރަށް ގޮސް އޭނާ ކޮންމެ ދުވަހަކު ބާނަނީ ދެމަހެވެ. ދެ މަސް ބޭނޭ އިރަށް މަސްބޭނުން ހުއްޓާލައި އެއްގަމަށް ދެއެވެ. އަދި 1 މަސް ބޭނުން ކުރަނީ ގޭގައި ކެއުމަށެވެ. އަނެއްމަސް ވިއްކައިލުމަށްފަހު ލިބޭ އާމްދީން ގޭގެ ޚަރަދުތައް ބަލަހައްޓަނީއެވެ.
ކޮންމެ ދުވަހަކު އޭނާ އެގޮތަށް ކަންތައް ކުރާތީ މީހަކު ސުވާލު ކުރިއެވެ. ތަންކޮޅެއް ގިނައިރު މަޑުކޮށްލައި އިތުރު މަސް ބާނަން މަސައްކަތް ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ސުވާލުގެ ޖަވާބުގައި މަސްވެރިޔާ ވެސް ކުރީ ސުވާލެކެވެ. އެއީ ކީއްކުރަންތޯއެވެ؟ ޖަވާބުގައި އޭނާ ބުނީ ގިނަ މަސް ބޭނުމަށް ކަމަށެވެ. އަނެއްކާވެސް މަސްވެރިޔާ ކުރީ ސުވާލެކެވެ. އެއީ ކީއްކުރަންތޯއެވެ؟ ޖަވާބުގައި އޭނާ ބުނީ ވިއްކައި އާމްދަނީ އިތުރުކުރުމަށް ކަމަށެވެ. އެ ޖަވާބާއި ގުޅިގެންވެސް މަސްވެރިޔާ ކުރީ ހަމަ އެ ސުވާލެވެ. އެއީ ކީއްކުރަންތޯއެވެ؟
އެގޮތަށް ފަހަރަކު ކަމެއް ކިޔައިދެމުން ގޮސް، ބާނާ މަސް އިތުރުވުމުން ލިބޭ އާމްދަނީ އިތުރުވެ އަމިއްލަ ދޯނި ފަހަރާއި ފަޅުވެރިން ގެންގުޅެވިދާނެ ކަމަށާއި އަދި މުއްސަނދިވަމުން ގޮސް މަސް ވިއްކާ ފިހާރަތައް ހުޅުވުމުގެ އިތުރުން ކާރުޚާނާތައް ވެސް ހުޅުވައި ބޮޑު މިލިއަނަރަކަށް ވެވިދާނެ ކަމަށްވެސް އޭނާ ބުންޏެވެ. އެހިސާބުންވެސް މަސްވެރިޔާ ކުރީ ހަމަ އެ ސުވާލެވެ. އެއީ ކީއްކުރަން ހެއްޔެވެ؟ ޖަވާބުގައި އޭނާ ބުނީ އެއިރުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށެވެ.
މަސްވެރިޔާ ބުންޏެވެ. އަހަރެން މިހާރުވެސް މިހުންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ. ވީއިރު ތިއަ ހުރިހާ ކަންކަން ކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަހަރެން މަސްބާނަން މިއަންނަނީ ފަތިސް ނަމާދުން ފައިބައިގެންނެވެ. 2 މަސް ބޭނުމުން އެނބުރި ގެއަށް ގޮސް ފެންވަރާލައިގެން މިދަނީ މިސްކިތަށެވެ. ޟުޙާ ނަމާދުކޮށްގެން ގޮސް ގޭތެރޭގައި ކުރަންހުންނަ ކަންކަން ކޮށްލުމަށްފަހު މިދަނީ މެންދުރު ނަމާދަށެވެ. ދެންހުރި ނަމާދުތައްވެސް ބަރާބަރަށް ކުރަމެވެ. ވަގުތު ޖެހުމުގެ މާކުރިން މިސްކިތަށް ދަމެވެ. ސުންނަތް ނަމާދުތައް ކޮށް، ކީރިތި ޤްރްއާން ކިޔަވަން ވަގުތު ހޭދަކުރަމެވެ. ތިއަ ބުނި ހުރިހާ ކަމެއް ކުރަން ވެއްޖެ ނަމަ މިކުރާވަރާއި ކައިރިއަކަށްވެސް އަޅުކަމެއް ނުކުރެވޭނެއެވެ! މިހާރު ލިބޭ ހިތްހަމަޖެހުމުގެ ބައިކުޅަ ބައެއްވެސް ނުލިބޭނެއެވެ. ވީމާ މި ބޮޑު ހިތްހަމަޖެހުން ދޫކޮށްލަންވީ ކީއްކުރަން ހެއްޔެވެ؟
މިކަން ކައުއިތުރު ރަސޫލާ މުޙައްމަދު (ﷺ) ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. ޙަދީޘްފުޅުގައިވަނީ މުއްސަނދި ކަމަކީ މުދަލާއި އެހެނިހެން ގޮތްގޮތުން ހޯދޭނެ އެއްޗެއް ނޫން ކަމަށެވެ. ހަޤީޤީ މުއްސަނދިކަމަކީ ހިތަށް ލިބޭ ހިތްހަމަޖެހުން ކަމަށެވެ. އަދި އެ މުއްސަނދިކަން ލިބޭނީ ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަން ޖެހޭ ގުޅުން ބަދަހިވީވަރަކުންކަން އެއީ ދުނިޔެ ފެށުނީންސުރެ ކުރަމުން އަންނަ ތަޖުރިބާއެކެވެ!
އެންމެ ރަނގަޅެވެ. މުޅި އުމުރުގައި މަސައްކަތްކޮށްގެން 30 ބުރިއަށް ވެސް ގެއެއް އެޅިދާނެއެވެ! އެ 30 ބުރީގައި ތިބާއަށް އުޅެވިދާނެ ހެއްޔެވެ؟ ނިދަން ބޭނުންވާނީ އާންމުގޮތެއްގައި 3 ފޫޓު 6 ފޫޓުގެ ޖާގައެއް ނޫން ހެއްޔެވެ؟ ވީމާ މުހިންމީ މުޅި އުމުރުގައި އަވަދި ނެތި މަސައްކަތްކޮށްގެން ބޮޑު ގެއެއް އެޅުން ހެއްޔެވެ؟ ނޫނީ ކޮންމެހެން ބޭނުންވާ ވަރުގެ ގެއެއް އަޅައި އެގޭގައި އުޅެމުން ޢާޚިރަތަށް ތައްޔާރުވުން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން