- ފާޠިމަތު ނަޢީޝާ
ރަމަޟާންމަހަކީ ތަޢުބާވެ ހެޔޮ ޢަމަލުގެ ތިލަފަތް ބަރުކުރުމަށް ތިބާއަށް ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ.
ރަމަޟާންމަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:
· މިއީ ތިބާގެ އެންމެ ފަހު ރޯދަމަސްކަމުގައި ހީކުރާށެވެ.
އަންނަ އަހަރުގެ ރަމަޟާން މަސް އަންނަންދެން ދިރިހުންނާނެކަމުގެ ޔަޤީންކަމެއްނެތެވެ. ތިބާ މަރާއި ބައްދަލުވާނީ ކޮންދުވަހަކުކަން އެންމެ މޮޅަށް ދެނެވޮޑިގެންވާނީ އެކަލާނގެއެވެ. ގިނަގިނައިން މަރު ހަނދުމަކޮށް މިއީ ތިބާގެ އެންމެ ފަހު ރޯދަމަސްކަމުގައި ބަލައިގެންފިނަމަ އެކަލާނގެއަށް ގިނަވަގުތު އަޅުކަންކުރުމަށް ތިބާއަށް ހިތްވަރުލިބޭނެއެވެ.
· ރަމަޟާންމަހު ހާސިލްކުރަންބޭނުންވާ ކަންތައްތައް ކަނޑައަޅާށެވެ.
މިސާލަކަށް ތިބާ ބޭނުންވަނީ މިރޯދަމަހު އެއްފަހަރު ޤުރުޢާން އެއްކޮށް ކިޔުންކަމުގައިވާނަމަ، އެކަން ހާސިލްކުރުމަށް ކޮންމެ ދުވަހަކުވެސް ކިޔަންޖެހޭނީ ކިތައް ޞަފްޙާތޯ ބަލައި ރާވާށެވެ. އަދި ތިބާއަށް ކުރެވެނީ ރޭވުނު މަސައްކަތުގެ ކިހާވަރެއްތޯ ބަލާ ނަފްސު ހިސާބުކުރާށެވެ.
· ރަމަޟާންމަހުގެ އަޅުކަންތަކުން ފޯކަސްގެއްލޭފަދަ ކަންތައްތަކުން ދުރުހެލިވުން
ރޯދައިގެ އަޅުކަންތައްތަކުން އަހަރެމެންގެ ފޯކަސް ގެއްލުވާލާ ކަންތައްތަކަކީ އެކަންކަމުގެ ސަބަބުން އަހަރެމެންގެ ވަގުތު ބޭކާރުވެ މާތްﷲ ހަނދުމަކުރުމުން ދުރުހެލިކުރުވާ ކަންތައްތަކެވެ. އޭގެ ތެރޭގައި ބޭކާރުގޮތުގައި ޓީވީ ބެލުމާއި ސޯޝަލް މީޑިއާގައި ވަގުތުތައް ހޭދަކުރުން ހިމެނެއެވެ.
· ނިކަމެތިންނަށް ކާންދިނުން
ތަޤުވާވެރިވުމުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ކެވޭމިންވަރާމެދު ހޭލުންތެރިވުމާއި އަހަރެމެންނަށްވުރެ ފުދުންތެރިކަންކުޑަ ފަރާތްތަކަށް އެހީވުމެވެ. އެފަދަ ފަރާތްތަކައް އެހީވުމަކީ ތިބާއަށް ކުރެވޭނެ އެންމެ ދީލަތި އެއްކަމެވެ. އަދި އިސްރާފްކުރުމުން ދުރުހެލިވާށެވެ.
· ރަމަޟާންމަހުގެފަހު 10 ގައި އިތުރު ހިތްވަރެއްލައިގެން މަސައްކަތްކުރާށެވެ.
ލައިލަތުލް ޤަދްރުވަނީ ފަހު ދިހައިގެ ދުވަހަކުން ދުވަހެއްގައިކަން ހަނދާންކޮށް އަޅުކަމުގައި ގިނަވަގުތު ހޭދަކުރުމާއިއެކު ގިނަގިނައިން ދުޢާ ކުރާށެވެ. އަދި ޒިކުރުކުރުންމަތީ ދެމިތިބޭށެވެ. އެރޭގެ ޘަވާބު 83 އަހަރުގެ އަޅުކަމުގެ ޘަވާބާއި އެއްފަދައެވެ. ތިބާއަށް ކުރެވޭނެ އެންމެ މުހިއްމު އެއް ނަމާދަކީ ދަމުނަމާދެވެ.
އަދި ކޮންމެ ނަމާދަކަށްފަހުވެސް ދުޢާކުރާށެވެ. ތިބާ ބޭނުންވާ ހުރިހާކަމެއްވެސް ގަނޑެއްގައި ލިޔެ، ދުޢާކުރާއިރު ފެންނަ ހިސާބުގައި ބޭއްވުމުން ފަސޭހަވާނެއެވެ. އެކަލާނގެއީ ހުރިހާކަމެއްވެސް އެންމެ މޮޅަށް އައްސަވާވޮޑިގެންވާ، ރަޙްމާންވަންތަ އަދި ރަޙީމްވަންތަ ރަސްކަލާންގެއެވެ،
މިއީ ތިބާއަށް ކާމިޔާބު ރަމަޟާންމަހެއް ކަމުގައި ލައްވާށި، އާމީން!
https://productivemuslim.com/ramadan-series-how-to-make-this-your-best-ramadan-ever/