ލައިލަތުލްޤަދްރި ވިލޭރޭ ޙާޞިލުކުރަން އެދޭމީހާ ސަމާލުކަންދޭންޖެހޭ 5 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 36ސ
ލައިލަތުލްޤަދްރި ވިލޭރޭ ޙާޞިލުކުރަން އެދޭމީހާ ސަމާލުކަންދޭންޖެހޭ 5 ކަމެއް!

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނެ އެއް ކަމަކީ ލައިލަތުލްޤަދަރިވިލޭރޭގެ ޘަވާބާއި ދަރުމަ ޙާޞިލުކުރެވޭ މީހަކު ކަމުގައިވުމެވެ. އެހެންކަމުން ވަރަށް ކުރުކުރުކޮށް މިފާހަގަކޮށްލަނީ ލައިލަތުލްޤަދްރިވިލޭރޭގެ ޘަވާބާއި ދަރުމަ ލިބިގަންނަން އެދޭ މީހާ ކޮންމެހެންވެސް ސަމާލުކަން ދިނުން ވަރަށް މުހިންމު 5 ކަމެކެވެ. 

1- ހަނދާނުގައި ބަހައްޓަންވީ ރޭ ފެށެނީ ޢިޝާ ނަމާދުންނޫންކަމާއި މަޣްރިބް ނަމާދުން ކަމެވެ. މިހެން ބުނަން މިޖެހެނީ ރަމަޟާން މަހުގެ ތިންބައިކުޅަ ދެބައި ފާއިތުވެގެންދިއައިރުވެސް ގިނަބައަކަށް ހީވެފައި އޮންނަނީ ރޭ ފެށެނީ އިރުއޮއްސުމުން ކާނެވަރަކަށް ކައި އެހެންވެސް ކަންކަންކޮށް ފެންވަރާ ހަދައިގެން ޢިޝާނަމާދަށް އަންނަ ހަމައިން ކަމަށެވެ. އިރު އޮއްސުމުން ރޭގަނޑަށް ފެށުނު ކަމާއި މަޣްރިބް ނަމާދުގެ ވަގުތު ފާއިތުވެގެން ހިނގައްޖެކަން އެމީހުންނަށް ނުވެސް އެނގޭ ފަދައެވެ. 

2- ރަމަޞާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި (ހިރި/އޮނަހިރި ބެލުމެއް ނެތި) ކޮންމެ ގޮތަކުން ނަމަވެސް ޢިޝާ ނަމާދާއި ފަތިސްނަމާދު ޖަމާޢަތުގައި ކުރާށެވެ! އެއިރުން މުޅި ރޭ ރޭޢަޅުކަންކުރި ކަމުގެ ޘަވާބު ދެއްވަވާނެކަމަށް ޙަދީޘްފުޅުގައި އޮތުމުންނެވެ. މިސްކިތް އެތައް ކިލޯމީޓަރެއް ދުރުގައި ހުންނާތީ މިސްކިތަސް ނައުދެވޭނަމަ ގޭގެ އަހުލުވެރިންގެ މެދުގައި، އަވަށްޓެރި އެކުވެރިންގެ މެދުގައި ޖަމާޢަތް ހަދައިގެން ނަމަވެސް ޖަމާޢަތުގައި ޢިޝާ ނަމާދާއި ފަތިސްނަމާދު ކުރާށެވެ. 

ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ ލައިލަތުލްޤަދްރިވިލޭރޭގެ ބަރަކާތުން ބައެއް ލިބިގެންފި ކަމަށް ބުނެވެއެވެ. ވީމާ އެހިސާބުން ހިތްވަރު އިތުރުކޮށް ވީހައި ގިނަ އަޅުކަންކުރަން މަސައްކަތްފަށަންވީއެވެ. 

3- އިމާމް މީހާ އާއިއެކު ތަރަވީޙްކޮށް ނިންމާށެވެ! 

4- ވީހައިގިނައިން ރޭއަޅުކަންކުރާށެވެ! ޛިކުރުކޮށް ދުޢާކުރާށެވެ! 

5- އެމީހަކަށް ކެރިކުޅަދާނަވީވަރަކުން ވީހައި ގިނައިން ޞަދަޤާތްކުރާށެވެ. ލައިލަތުލްޤަދްރި ވިލޭރޭގެ މަތިވެރިކަން އެނގޭ މީހާ އޭނާގެ ހުރިހާ ތަނަވަސްކަން ޤުރްބާންކުރަންވެސް ފަހެއް ނުޖެހޭނެއެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކަން

 

 

 

 

ލައިލަތުލްޤަދްރިވިލޭރޭ ލިބިގަތުމަށް ކޮންމެހެން ސަމާލުކަންދޭންޖެހޭ ބައެއް ކަންކަން-  ގިނަ ބައަކު ޘަވާބުން މަޙްރޫމްވަނީ ވަރަށް އިރާކޮޅު އަމިއްލައަށް!

 

ޢަބްދުއްލަޠީފް

 

މިއިން ރެއެއްގައި ލައިލަތުލްޤަދްރިވިލޭރޭ ހިމެނިގެންވާނެ ރޭތައް މިވަނީ އަހަރެމެންނާއި އަރައި ހަމަކޮށްފައެވެ. ހިތާމައަކީ ލައިލަތުލްޤަދްރި ވިލޭރޭ ޙާޞިލުކުރުމުގެ ފުރުޞަތު ލިބިގަންނަން އެކަށީގެންވާ ވަރަށް މަސައްކަތްނުކުރެވޭ ކަމެވެ. އަދި އެކަމަށް އެކަށީގެންވާ ވަރަށް މަސައްކަތްނުކުރެވޭތަނުގައި ލިބެން އޮތް ފުރުޞަތުވެސް ވަރަށް އިރާކޮޅު އެބަ ނަގައިލައެވެ.

 

ބައެއް މީހުން ރޯދަވީއްލަން މޭޒުދޮށުގައި އިށީނދެފައި ތެދުވަނީވެސް އެ ފުރުޞަތު ނަގާލައިގެންނެވެ. މިބުނަނީ ރުޅިވެރިކަމާއިއެކު ބަސްބުނުމާއި ނެތިމޮށުމާއި މީހުންނަށް އެއްޗެތި ގޮވުން ފަދަ ޢަމަލުތައް ކުރުމުގެ ވާހަކައެވެ!

 

ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ލައިލަތުލްޤަދްރި ވިލޭރޭ ޙާޞީލުކުރަން އެދޭމީހާ އެ ރޭ އެއްވެސް ފާފައެއް ކޮށްގެންނުވާނެއެވެ! ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެއެވެ.

 

ވީމާ އެއްވެސް މީހެއްގެ ނުބައި ވާހަކަ ނުދައްކާށެވެ! ޣީބަ ނުބުނާށެވެ! އަދި އެންމެ ކުޑަމިނުން އެއްވެސް މީހެއްގެ ހިތުގައި ޖެހޭފަދަ ބަހެއްވެސް ނުބުނާށެވެ! ކިތަންމެ ކުޑަ ޢަމަލެއް ވެސް ނުކުރާށެވެ! ހަމައެއާއިއެކު ވީހައި ޚުލްޤް ރަނގަޅު މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! ވީހައި ދީލަތި، އޯގާތެރި މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

 

މިދެއްކީ ލައިލަތުލްޤަދްރި ވިލޭރޭ ޙާޞިލުކުރަން ކުރަންހުރި އަޅުކަމުގެ ޥާހަކައެއް ނޫނެވެ. އެރޭގެ މަތިވެރި ޘަވާބާއި ދަރުމަ ލިބުމުން މަޙްރޫމްވެގެން ހިނގައިދާނެ ބައެއް ކަންކަމުގެ ވާހަކައެވެ!

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިޖެހުނީ މާޔޫސް ނުކުރައްވަވާނެ ކަމުގެ ޔަޤީންކަމުގަ ހިތްތަކާ އަތްތައް އިންތިހާއަށް ހުޅުވާލަންވީ ވަގުތު! ހިތްތައް އުފަލުން ފުރުއްވަވައި ލައްވަވާނެ!

 

ޢަބްދުއްލަޠީފް

 

ފަހުދިހައިގެ ރޭތައް ކުރިއަށް އަންނަމުން އައިސް ބައްދަލުކޮށް ފަހު ދިހައިގެ ރޭތައް މިވަނީ ފެށިފައެވެ. މިރޭތަކުގައި އެންމެ މުހިންމު މަސައްކަތަކަށް އޮތީ ލައިލަތުލްޤަދްރި ވިލޭރޭ ޙާޞިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. އެކަމަށް އެދިގެން ކުރަން އޮތް އެންމެ މަތިވެރިދުޢާއަކީ ރަސޫލް ، ޢައިޝަތުގެފާނަށް އުނގަންނަވައިދެއްވެވި މިދުއާއެވެ.

 

--ދުޢާ – ކުރީ ރޭ ހެދި ފޮޓޯ ލީމަ އޯކޭވާނެ

 

ދެން ކުރަން އަހަރެންނަށް ފެންނަ ދުޢާއަކީ މިދުޢާއެވެ.

 



رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

 

މިދުޢާގެ މުހިންމުކަން އިތުރުވެގެންދަނީ އެއީ ޠަވާފްކުރާއިރުވެސް ކިޔަން އޮތް ދުޢާކަމުގައިވުމުންނެވެ. ޠަވާފްކުރާއިއރު ކިޔަންޖެހޭ ދުޢާއެއްގެ ގޮތުގައި އާދައިގެ ދުޢާއެއް ނުއޮންނާނެތީއެވެ.

 

ދެން ބުނެލަން އޮތީ ތިމާ އެދޭ ކަންކަމަށް އެދި ދަންނަވާނެ ގޮތުގެ ވާހަކައެވެ. އޮތީ ވީހައި ގިނައިން ދެންނވުމެވެ. ސަޖިދައިގައިވެސް ދުޢާކުރާށެވެ! ޤުރްއާންކިޔަވަމުން ވެސް ދުޢާކުރާށެވެ! ޛިކުރުކުރަމުންވެސް ދުޢާކުރާށެވެ!

 

އަހުރެން ބުރަވަނީ އަމިއްލަ ބޭނުންތަކަށް ދުޢާކުރާއިރުވެސް ވީހައި ކުރުކޮށް ކުރުމެވެ. އަދި ގިނަގިނައިން ދުޢާކުރުމެވެ. އެހެނީ ގިނަގިނައިން ދުޢާކުރުމުން އެނގިގެން އެދަނީ އެމީހަކު ﷲ ތަޢާލާމަތިން ގިނަގިނައިން ހަނދުމަކުރާކަމެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން