އެންމެ ލަސްވެގެން ފަތިސްނަމާދަށް ޤަމަތް ދިނުމުގެ 5 މިނިޓްކުރިން މިސްކިތަށް ނުދެވޭނަމަ އެނަގައިލެވެނީ ހާދަ މުހިންމު އަޅުކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެންމެ ލަސްވެގެން ފަތިސްނަމާދަށް ޤަމަތް ދިނުމުގެ 5 މިނިޓްކުރިން މިސްކިތަށް ނުދެވޭނަމަ އެނަގައިލެވެނީ ހާދަ މުހިންމު އަޅުކަމެކެވެ!

ރަމަޟާން މަސް ފެށުމުން އެހެން ނަމާދުތައް ކުރާ މީހުން ގިނަވާ ފަދައިން ފަތިސްނަމާދުކުރާ މީހުންވެސް ގިނަވެއެވެ. އެއީ އުފާކުރަންޖެހޭ ކަމެކެވެ. ހިތާމައަކީ ބައެއް މީހުންނަށް އިހު ސުންނަތްކޮށްލެވޭހައި އިރު ހުއްޓައި މިސްކިތަށް ނުދެވޭކަމެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ.

ބައެއް މީހުންނަށް ހޭލެވޭލެއް ލަސްވަނީއެވެ. އަނެއް ބައަކު ގިނައިން ހާރުކާން ހަދައިގެން ވަގުތުތައް ގެއްލެނީއެވެ. އަނެއްބައަކު ބަންގީގެ އަޑުއިވެންދެން ސިގިރެޓްބުއިމުގައި ހުންނަން ބޭނުންވަނީއެވެ. މިއީ ހާދަހައި ހިތާމަހުރި ކަންކަމެވެ.

ރަވާތިބު ސުންނަތްތަކުގެ ތެރެއިން އެންމެ މުހިންމުކަން ބޮޑުވެގެންވަނީ ފަތިސްނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެ ދެރަކްޢަތުގެ މަތިވެރިކަން ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ބޮޑުވެގެންވާކަމަށް ރަސޫލް (ﷺ) ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.

ރަސޫލް (ﷺ) ދަތުރުފުޅެއްގައި އުޅުއްވެވި ނަމަވެސް ފަތިސް ނަމާދުގެ އިހު ސުންނަތުގެ 2 ރަކްޢަތް ދުލެއް ނުކުރައްވަވައެވެ. އަދި ޢައިޝަތުގެފާނުގެ ބަސްފުޅުން އެނގޭ ގޮތުގައި މި ދެ ރަކްޢަތް ކުރެއްވެވީ ވަރަށް ލުއިކޮށެވެ. އަދި އެންމެ ލުއިކޮށް ކުރެއްވެވީވެސް މި 2 ރަކްޢަތެވެ.

ސުވާލަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވެގެންދާއިރު މިފަދަ މަތިވެރިކަން ލިބިގެންވާ 2 ރަކްއަތް ކުރީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ ކިތައް ދުވަހު ހެއްޔެވެ؟ ތިބާއަކީ ފަތިސް ނަމާދުގެ އިހުސުންނަތަށް މިހައިތަނަށް ސަމާލުކަން ނުދެވޭ މީހަކު ނަމަ ހަމަ މިރެއިން ފެށިގެންވެސް އެ ދެ ރަކްޢަތް ދޫކޮށްނުލާށެވެ! ސުންނަތް ކޮށްލެވޭހައި ވަގުތު އޮއްވައި މިސްކިތަށް އަރާށެވެ! ޙައްލަކީ ކޮންމެ ގޮތަކުން ނަމަވެސް ފަތިސްނަމާދުގެ ބަންގިގޮވާއިރު މިސްކިތުގައި ހުރުމެވެ!

ރަމަޟާން މަހު އެކަމަށް އާދަކުރެވިއްޖެނަމަ އެއިގެ ފަހުންވެސް އެއީ ބުރަކަމަކަށް ނުވާނެއެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން