ޘަވާބް ނުލިބޭނެ ކަންކަމުގެ އަވާގަ ޖެހި ރޭ އަޅުކަމުން މަޙްރޫމްވެގެން ތިބެން ހެޔޮ ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ޘަވާބް ނުލިބޭނެ ކަންކަމުގެ އަވާގަ ޖެހި ރޭ އަޅުކަމުން މަޙްރޫމްވެގެން ތިބެން ހެޔޮ ނުވާނެ!

ތިމާއަށް އެއްވެސް ފައިދާއެއް ނެތް، ޘަވާބު ނުލިބޭނެ ކަންކަން ކުރުމުގައި، އެފަދަ ޓީވީ ޕްރޮގްރާމްތަކުގެ އަވާގައި ޖެހި ރޭ އަޅުކަމުން މަޙްރޫމް ވެގެން ތިބެން ހެޔޮ ނުވާނެއެވެ. އެފަދަ މީހުންނަށް ލިބޭނީ ކޮން ރަމަޟާން މަހެއް ހެއްޔެވެ؟ ރޭއަޅުކަމާއި ނުލައި ރަމަޟާން މަސް ލިބިގަނެވޭނީވެސް ކިހިނަކުން ހެއްޔެވެ؟

ރަމަޟާން މަހުގެ ރޭތައް ފާއިތުވެގެންދަނީއެވެ. އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު ވަނީ ޣާފިލުކަމުގައެވެ. ރޭއަޅުކަމުގައި ބައިވެރިވަނީ މަދު ބައެކެވެ. އެންމެ ކުޑަމިނުން ތަރާވީޙް ނަމާދުކުރަނީ ވެސް މަދުބައެކެވެ. ތަރާވީޙް ނަމާދަށް ދާ މީހުންގެ ތެރެއިން އިމާމާ ނިންމަންދެން މަޑުކުރަނީ ވެސް މަދު ބައެކެވެ. ގިނަ ބައަކު ވަކި ހިސާބަކުން ފައިބައިގެންދަނީއެވެ. މުޅި ރޭ އަޅުކަންކުރިކަމުގެ ސަވާބު ލިބޭނީ އިމާމާ ނިންމަންދެން އިޤްތިދާވެގެން ހުރެއްޖެ މީހަކަށްކަން އެނގެން އޮއްވައިވެސްމެއެވެ.

ރޭގަނޑު ނުނިދައި މަޑުކުރާނަމަ މަޑުކުރަންވީ ފައިދާއެއް ނެތް ޕްރޮގްރާމްތައް ބަލާކަށް ނޫނެވެ. ޓީވީތަކުން ފޮނުވާ ޕްރޮގްރާމްތަކުގައި ބައިވެރިވާކަށް ނޫނެވެ. ސޯޝަލް މީޑިއާގައި ވަގުތު ހޭދަކުރާކަށް ނޫނެވެ. ގޭމްތަކާއި ކުޅިވަރު ކުޅުމަކަށް ނޫނެވެ. ކުރަން އޮތް ކަމަކީ ތިމާއަށް ފައިދާ ކުރާނެ ކޮންމެވެސް ކަމެއް ކުރުމެވެ. މާނައަކީ ﷲ ތަޢާލާ ސަވާބު ދެއްވަވާނެ ކޮންމެވެސް އަމަލެއް ކުރުމަށް ނޫނީ ހޭލައި ނުތިބޭށެވެ!

ފާއިތުވި ރަމަޟާން މަހުގެ ހަނދާންތައް އިއްޔެވީކަމެއްހެން ހަނދާނުގައި ހުއްޓައި އަހަރެއް ފާއިތުވެ އަނެއްކާވެސް ރަމަޟާން މަހެއް މިވަނީ ބައްދަލުކޮށްފައެވެ. 365 ދުވަސް ފާއިތުވެގެން ދިއަކަން ނުއެނގުނު ފަދައިން ނުވެސް އެނގި ތިއްބައި ރަމަޟާން މަހުގެ ދުވަސްތައް ވެސް ފާއިތުވެގެން ހިނގައިދާނެއެވެ. ވީމާ ރަމަޟާން މަހުގެ 30 ދުވަހަކީ މާ ގިނަ ދުވަސްތަކެއް ކަމަށް ބަލައިގެން އެންމެ ވަގުތުކޮޅެއް ވެސް ބޭކާރު ނުކުރާށެވެ! ކިތަންމެ ކުޑަ ވަގުތުކޮޅެއްގެ ބޭނުންވެސް ތިމާގެ އާޚިރަތަށް ފައިދާކުރާނެ ގޮތަށް ހިފާށެވެ! ރަމަޟާން މަސް ލިބިގަނެވޭނީ އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން