ކަނބަލުން ސަމާލުވޭ! ފަހުދިހަ ފެށުނީ! ބަދިގޭގަ ހޭދަކުރާ ވަގުތު ބޮޑުތަނުން މަދުކޮށް އަޅުކަމުގަ ހޭދަކުރާ ވަޤުތު ބޮޑުތަނުން އިތުރުކުރޭ!

ކިޔުމަށް ހޭދަވާނީ 2މ 3ސ
ކަނބަލުން ސަމާލުވޭ! ފަހުދިހަ ފެށުނީ! ބަދިގޭގަ ހޭދަކުރާ ވަގުތު ބޮޑުތަނުން މަދުކޮށް އަޅުކަމުގަ ހޭދަކުރާ ވަޤުތު ބޮޑުތަނުން އިތުރުކުރޭ!

ލޮބުވެތި ކަނބަލުންނޭވެ! ފަހު ދިހަ ފެށުނީއެވެ! މިދައްކަނީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫނެވެ. ނަރަކައިން ސަލާމަތްވުމަށް ދެއްވަވާ ފުރުޞަތުގެ ފަހު ވަޤުތުކޮޅު ފެށިގެން ކުރިއަށްދާ ވާހަކައެވެ. އެހެންކަމަށްވާއިރު މިކަންކަމަށްވުރެ ބޮޑަށް ސަމާލުކަންދޭންއޮތީ ކޮންކަމެއް ހެއްޔެވެ؟  

ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ހިފާ ރޯދަ ރޯދައަކަށް ހެދުމަށެވެ. އެކަން ކުރެވޭނީ ވީހައި ގިނަ ބާވަތުގެ ކާބޯތަކެތި ތައްޔާރުކޮށްގެނެއް ނޫނެވެ. ދުވާލަކު 100 ބާވަތުގެ ކާބޯތަކެތި ތައްޔާރުކުރިނަމަވެސް އެތަކެތި ޞަދަޤާތްކުރުމުން މެނުވީ ރޯދައަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ވީމާ ގޭގައި ކާން ކިތަންމެ ގިނަ ބާވަތެއްގެ ކާބޯތަކެތި ތައްޔާރުކުރިނަމަވެސް އެކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. 

ލޮބުވެތި ކަނބަލުންނޭވެ! ރޯދަ ވީއްލުމަށާއި އެނޫން ވަގުތުތަކުގައި ކާނެ ތަކެތި ތައްޔާރުކުރަނީ ތިއަ ކަނބަލުންގެ ވަރަށް ބުރަ މަސައްކަތުންނެވެ! އެހެން މަސްތަކުގައި ވެސް ގޭތެރޭގައި ކުރާ މަސައްކަތްކުރަމުން ދަރިން ބަލަމުން އެހެން މަސްތަކަށްވުރެ މާގިނަ ވަގުތު ތިއަ ކަނބަލުން ބަދިގޭގައި ތިއަ ހޭދަކުރާކުރުމަށް ފަސްފަށުން ތައްރީފް ޙައްޤެވެ. 

އެހެންކަމާއިއެކުވެސް ބުނެލަން އޮތީ އެންމެ ބޮޑަށް ސަމާލުކަންދޭންވީ ހީފާ ރޯދަ ރޯދައަކަށް ހަދަން ކަމެވެ. ވީމާ ކޮންމެ ގޮތަކުން ނަމަވެސް އިރުއޮއްސުމުގެ 1 ގަޑިއިރުކުރިން ބަދިގެއިން ނުމެ ބަދިގެ ތަޅުލާށެވެ! އެހައިތަނަށް ތައްޔާރުކުރެވިފައި ހުރި މިންވަރަކީ އެދުވަހަށް އެންމެ ފުރިހަމަ މިންވަރުކަމަށް ކަނޑައަޅާށެވެ! 

މިހެންބުނާއިރުވެސް މަދުވެގެން ޝަކުވާކުރާނެ ބައަކު ގޭގައި ތިބޭނެކަން އެނގެއެވެ. އެމީހުންގާތު ބުނާށެވެ! މިއީ މިއަދަށްވީވަރެވެ. އިތުރަށް ބޭނުންނަމަ ބޭރުން ގަނެލައިގެން ގެނެސް ކައިލާށެވެ! ނޫނީ އަމިއްލައަށް ތައްޔާރުކޮށްލާށެވެ! ހުރިހާ ކަމަކަށްވުރެ އަހަރެންގެ ރޯދަ އަހަރެންނަށް މާ މުހިންމެވެ. އަހަރެން ހިފާ ރޯދަވެސް ރޯދައަކަށްވާނީ ގުޅުވައިގެން ކުރަންހުރި އަޅުކަންކުރުމުންނެވެ! 

ބަދިގެ ތަޅުލުމަށްފަހު ލުއި ގޮތަކަށް ގައިދޮވެލައި ތާޒާވެލާށެވެ! ދަރިން ތިބިނަމަ ދަރިންނާއިއެކު (ދަރިންވެސް ގޮވައިގެން) އަވަހަށް ޤުރްއާން ކިޔެވުން، ޛިކުރުކުރުން ފަދަ ހެޔޮ ޢަމަލުތައްކުރަން ފަށާށެވެ! ބަންގިގޮވަންދެން އެކަންކަމުގައި ވަގުތު ހޭދަކުރާށެވެ! 

ލޮބުވެތ ިކަނބަލުންނޭވެ! އިރުއޮއްސެންދެން ބަދިގޭގައި މަސައްކަތްކުރި ނަމަވެސް ގޭގެ އެންމެންގެ ރުހުމެއްވެސް ނުހޯދޭނެއެވެ. ކާބޯތަކެތި މަދުވެގެން އުޅޭ ފިރިންގެ ރުހުމެއްވެސް ނުހޯދޭނެއެވެ! ނަމަވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އަޅުކަންކޮށް ރޯދަހިފުމުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން