ޢަލީ އިޙްޞާން ފިރާޤް
ޢާއިޝަތުގެފާނާއި ޞަފިއްޔަތުގެފާނު:
އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާއަކީ ބަނުއްނަޟީރުވަންހައިގެ ރަޢީސް ޙުޔައްޔު ބުން އަޚްތަބުގެ ދަރިކަނބަލުންނެވެ. މައިކަނބަލުންގެ ނަންފުޅަކީ ބައްރާ ބިންތު ޝަމްވީލެވެ. ޞަފިއްޔާ ރަޟިޔަﷲ ޢަންހާ ފުރަތަމަ ކާވަނިބައްލަވައިގެންނެވީ ސަލާމް ބުން މިޝްކަމު އޭކިޔުނު ޔަހޫދީންގެ ބޮޑަކާއެވެ. އޭރު އެކަމަނާގެ ޢުމުރުފުޅަކީ އެގާރަ އަހަރުފުޅެވެ. އޭނާ ދުވަސްކޮޅަކު ޞަފިއްޔަތުގެފާނާއެކު އުޅެފައި އެކަމަނާ ވަރިކުރިއެވެ. ދެން އެކަމަނާއާ ކާވެނިކުރީ ކިނާނަތު ބިން އަބުލްޙަޤީޤު އޭކިނު މީހެކެވެ. އޭނާއަކީ ޚައިބަރު ހަނގުރާމަ ހިނގި ދުވަހު އެންމެ ވަރުގަދައަށް މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރި އެކެކެވެ.
{މަޙްމޫދު އަޙްމަދު ޣައްޡަންފަރު، ގްރޭޓް ވިމެން އޮފް އިސްލާމް، ޞަފްޙާ 115}
ޞަފިއްޔާ ރަޟިޔަﷲ ޢަންހާ ވެވަޑައިގެންނެވީ ޚައިބަރު ހަނގުރާމައިގައި ހައްޔަރުކުރެވިގެން ގެނެވުނު އަސީރުންގެ ތެރެއިންނެވެ. ހަނގުރާމައިގެ ޣަނީމާ މުދާ ބެއްސެވިއިރު ޞަފިއްޔަތުގެފާނު ލިބިވަޑައިގެންނެވީ ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު އަށެވެ. ދިޙްޔަތުލް ކަލްބީ ރަޟިޔަﷲ ޢަންހު އަށް، ބަދަލެއްގެގޮތުން ހަތްއަޅުން ދެއްވުމަށްފަހު އެކަލޭގެފާނުގެ އަތްޕުޅުން ޞަފިއްޔަތުގެފާނު މިނިވަންކުރައްވައި ކައުއިތުރު ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއެވެ.
މަދީނާއަށް ވަޑައިގެން ރަސޫލާ صلّى اللّـه عليه وسلّم، އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާ އެންމެ ފުރަތަމަ ބޭންދެވީ ޙާރިޘަތު ބުނުއް ނުޢުމާނު ރަޟިޔަﷲ ޢަންހުގެ ގެކޮޅުގައެވެ. މާތް ރަސޫލާ، ޞަފިއްޔަތުގެފާނާ ކާވެނިބެއްލެވި ޚަބަރު ލިބިވަޑައިގެން އެކަލޭގެފާނުގެ އެހެން އަނބިއަނބިކަނބަލުން، އެކަމަނާ ދެކެވަޑައިގެންނެވުމަށް ވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނާއި ޖުވައިރިއްޔަތުގެފާނާއި ޒައިނަބު ބިންތި ޖަޙުޝް ހިމެނިވަޑައިގަންނަވައެވެ. އެބޭކަނބަލުން ވަޑައިގެންނެވީ މޫނުބުރުގާ ތުރުކުރައްވައި، މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އެއީ އެބޭކަނބަލުންކަން ދެނެނުގަނެވޭފަދަ ގޮތްތަކަށް ފޭރަން ތުރުކުރައްވައިގެންނެވެ.
އެބޭކަނބަލުން އެނބުރި ވަޑައިގެންނެވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم، ޢާއިޝަތުގެފާނުގެ އަރިހަށް ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. [ޞަފިއްޔަތުގެފާނާމެދު ދެކެވަޑައިގަންނަވަނީ ކިހިނެތްތޯއެވެ؟] ޢާއިޝަތުގެފާނު ވިދާޅުވިއެވެ. [އަޅުގަނޑު ޔަހޫދީ އަންހެނަކު ދުށީމެވެ.] ޙަދީޘް ކުރެއްވިއެވެ. [ތިޔަހެން ވިދާޅުނުވާށެވެ. ޞަފިއްޔާއަކީ ތެދުހިތްޕުޅަކުން އިސްލާމްވެވަޑައިގެން އިންނެވި މުސްލިމެކެވެ. މިހާރު އެކަމަނާއަކީ ޔަހޫދީއެއް ނޫނެވެ].
ޞަފިއްޔަތުގެފާނަކީ އިސްކޮޅުފުޅުން ކުރު ބޭކަނބަލެކެވެ. އެއްފަހަރަކު ޢާއިޝަތުގެފާނު، ޞަފިއްޔަތުގެފާނުގެ އިސްކޮޅުފުޅުކުރު ކަމުގެ މައްޗަށް މަލާމާތް ރައްދުކުރެއްވިއެވެ. މިކަމާ މާތް ރަސޫލާ صلّى اللّـه عليه وسلّم ކޯފާ އިސްކުރެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. [ކަމަނާ ތިޔަ ވިދާޅުވި ބަސްތައް ގެންގޮސް ކަނޑަށް އެއްލަވައިލެއްވި ނަމަ އެ ކަނޑުގެ ލޮނުގަނޑުވެސް ފާސިދުވެއްޖައީހެވެ.]
{ސުނަނު އަބޫދާއޫދު، ޙަދީޘް ނަންބަރު 4875}
އިސްވެދެންނެވުނު ދެ ހާދިސާއަކީ ޢާއިޝަތުގެފާނު، ޞަފިއްޔަތުގެފާނާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން އިންނަވައި އެއްޗެއް ވިދާޅުވެފައިވާ ދެ ހާދިސާއެވެ. ނަމަވެސް އެކަމަނާވަނީ ފަހުން ޞަފިއްޔަތުގެފާނާމެދު އޮތް ކިލަނބުކަން ސާފުކޮށްލައްވައިފައެވެ. ޢާއިޝަތުގެފާނު، ޞަފިއްޔަތުގެފާނާމެދު ތާރީފު ކުރައްވަމުން ވިދާޅުވެފައިވެއެވެ. [ޞަފިއްޔާއަށްވުރެ މީރުކޮށް ކައްކާ އެއްވެސް އަންހެނަކު އަހަރެން ނުދެކެމެވެ].
ޢުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރުގައި އެކަލޭގެފާނު، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންނަށް މުސާރަފުޅު ހަމަޖެއްސެވި ޖެއްސެވުމުގައި ޞަފިއްޔަތުގެފާނާއި، ޖުވައިރިއްޔަތުގެފާނަށް ދެއްވީ އެހެންބޭފުޅުންނަށްވުރެ ކުޑަ މުސާރަފުޅެކެވެ. ނަމަވެސް ޢާއިޝަތުގެފާނު ވިދާޅުވެގެން ޢުމަރުގެފާނު ފަހުން އެކަން އިޞްލާޙު ކުރެއްވިއެވެ. މި ވާހަކައިގެ ތަފްސީލު އަދި ފަހުން އެބައާދެއެވެ.
ދީންވެރި ތަޤްވާވެރި ދިރިއުޅުއްވުމެއް އުޅުއްވުމަށްފަހު އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާ އަވަހާރަވީ މުޢާވިޔަތުގެފާނުގެ ޚިލާފަތުގެ ދުވަސްވަރު ހިޖުރައިން ފަންސާސްވަނަ އަހަރުއެވެ. އޭރު އެކަމަނާގެ ޢުމުރުފުޅުން ފަސްދޮޅަސްފަސް އަހަރުފުޅެވެ. އެކަމަނާ އަވަހާރަވީ ތަރިކައިގެ ގޮތުގައި އެއްލައްކަ ދިރުހަމު ދޫކުރައްވައިފައެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި އެކަމަނާއަށް ބޮޑުދައިތަ ކިޔާ ޔަހޫދީއަކަށް ދިނުމަށް އެކަމަނާ ވަނީ ވަޞިއްޔަތް ކުރައްވައިފައެވެ. މީސްތަކުން އެބައި ނުދޭން އުޅުމުން، އެ ވަޞިއްޔަތާ އެގޮތަށް އަމަލުކުރެވުނީ ޢާއިޝަތުގެފާނު ބާރުއަޅުއްވައިގެންނެވެ.