ލައިލަތުލްޤަދްރިވިލޭރޭ ލިބޭނީވެސް ރަމަޟާންމަހުން އެއްވެސް ފައިދާއެއް ކުރާނީވެސް ހިތުން ޝައިޠޯނާއަށް އެއްވެސް ވަރެއްގެ ޖާގައެއް ނުދީ ހިފަހައްޓާލެވިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ލައިލަތުލްޤަދްރިވިލޭރޭ ލިބޭނީވެސް ރަމަޟާންމަހުން އެއްވެސް ފައިދާއެއް ކުރާނީވެސް ހިތުން ޝައިޠޯނާއަށް އެއްވެސް ވަރެއްގެ ޖާގައެއް ނުދީ ހިފަހައްޓާލެވިގެން!

ޝައިޠޯނާއަކީ އިންސާނުންގެ މައްޗަށް ހުރި ބޮޑުވެގެންވާ ޢަދުއްވެއްކަމަށް ﷲ ތަޢާލާ ވަނީ އަންގަވައިފައެވެ. އަހުރެމެންގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ އާއި އަހުރެމެން އެއްވެސް ގުޅުމެއް ބާއްވައި އެއްވެސް ފުރުޞަތެއްދީފިނަމަ ދެން ކަންކަން ވެގެންދާނެ ގޮތް ހިތަށް ގެންނާށެވެ. 

މިމޭރުމުން ވިސްނައިލާށެވެ! ބޭރުން މީހަކު އައިސް ދޮރުގައި ޓަކިޖެހިނަމަވެސް އެމީހަކަށް ދޮރުން އެތެރެއަށް ވަދެވޭނީ ތިބާ ދޮރުހުޅުވައިދިން ނަމައެވެ. ނުވެއްދިނަމަ ނުވަދެވޭނެއެވެ. ވިސްނަންވީ ކަމަކީ ޝައިޠޯނާ އަބަދުވެސް ހުންނާނީ ތިބާގެ ހިތުގެ ތެރެއަށް ވަންނަން ބޭނުންވެގެން ޓަކިޖަހަޖަހަކަމެވެ. ކިރިޔާވެސް ފުރުބަތެއް ދީފިނަމަ ވަދެގަންނާނެއެވެ. 

ތިބާގެ ގެއަށް ބޭކާރު މީހުން ނުވައްދާނަމަ ތިބާގެ ގޭތެރޭގެ ކަންކަން އިންތިޒާމުކުރެވިފައި ހުންނާނީ ތިބާ ބޭނުންވާ ގޮތަށެވެ. ނަމަވެސް ބޭކާރުމީހުން ވައްދާނަމަ ގޭތެރޭގެ އިންތިޒާމުތަކަށް ފާޑުކިޔައި ތިބާގެ ހިތުގައި ޝައްކުތައް އުފުއްދާނެއެވެ. މިވެނިގޮތް އެއީ މާރަނގަޅު ގޮތެއްކަމަށް ވިސްނައިދީ އެމީހުން ބޭނުންވާ ގޮތަށް ގޭތެރޭގެ ކަންކަން ބަދަލުކުރުވާނެއެވެ. 

ކިތަންމެ ކުޑަ ޖާގައެއް ލިބިގެން ނަމަވެސް ތިބާގެ ހިތުގެ ތެރެއަށް ޝައިޠޯނާއަށް ވަދެވިއްޖެނަމަ ހާލިހަދާނެއެވެ. ހުރިހާ ރަނގަޅު ކަންކަން އެއީ ގޯސްކަންކަންކަމުގައި ވިސްނައިދޭންފަށާނެއެވެ. ފުރަތަމަ ކުރުވަން ފަށާނީ ކުދި ފާފަތަކެވެ. އިސާހިތަކު ބޮޑެތި ފާފަތައް ވެސް ކުރުވަން ފަށާނެއެވެ. 

ޝައިޠޯނާއަށް އެބާރު ލިބިގެންދަނީ ތިބާ އެބާރު ދިނުމުންނެވެ. އެއްވެސް ޙާލެއްގައި ޝައިޠޯނާއަށް އެބާރު އަތުލައެއް ނުގަނެވޭނެއެވެ. އެހެނީ އެއްވެސް މީހަކު ލައްވައި އެއްވެސް ކަމެއް ކުރުވުމުގެ ބާރު ﷲ ތަޢާލާ ޝައިޠޯނާއަށް ދެއްވަވާފައެއް ނުވެއެވެ. 

ޝައިޠޯނާއަށް ތިބާގެ ހިތުގައި ހާލިހަދައިގެން އުޅެވެނީ ތިބާ އެފުރުޞަތުދޭތީއެވެ. އަޢޫޛްބިﷲ ކިޔާށެވެ! އަސްތަޣްފާރުކުރަން ފަށާށެވެ. ޝައިޠޯނާއަށް ޖެހޭނީ ނުކުމެގެންދާށެވެ! 

މީސްތަކުންނޭވެ! ބަރަކާތްތެރި ރަމަޟާންމަހުން މިހާރު މިވަނީ ފަހު ދިހަ ފެށިފައެވެ. ހިތުގައި ޝައިޠޯނާ ގެންގުޅެމުން ﷲ ތަޢާލާއަށް އަޅުކަމެއް ނުކުރެވޭނެއެވެ. ވީމާ ފުރަތަމަ ކަމަކަށް ހިތުން ޝައިޠޯނާ ބޭރުކޮށްލާށެވެ! ކުރާ އަޅުކަމުން ފައިދާކުރާނީވެސް ލައިލަތުލްޤަދްރި ވިލޭރޭ ލިބިގަނެވޭނީވެސް ހިތުން ޝައިޠޯނާ ބޭރުކޮށްލެވިގެންނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން