ރަމަޟާން މަހު މި 2 ވަގުތު ދުޢާކުރުން ދޫކޮށްނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ރަމަޟާން މަހު މި 2 ވަގުތު ދުޢާކުރުން ދޫކޮށްނުލާށެވެ!

ރަމަޟާން މަސް ފެށިގެން ކުރިއަށްދާއިރު އެންމެ މުހިންމު ދެ ވަގުތުގައި ދުޢާކުރަން ގިނަ ބައަކު މިވަނީ ކަންނެތްވެފައެވެ. ނުވަތަ ހަނދާން ނައްތައިލެވިފައެވެ. ނުވަތަ އިހްމާލެވެވިފައެވެ. ވީމާ އެކަން ހަނދާންކޮށްލައިދޭނަމެވެ. 

ފުރަތަމަ ވަގުތަކީ ހަމައެހެން މަސްތައް ފަދައިން ރޭގަނޑުގެ ފަހުބައެވެ. އެބައިގައި އަޅުކަންކޮށް ދުޢާކުރަން ފަރުވާކުޑަކޮށްލައިގެންނުވާނެއެވެ. ޚާއްޞަކޮށް ރަމަޟާން މަހުގައެވެ. އެވަގުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް ފުރަތަމަ ކަމަކަށް ހާރުކެއުން ލުއިކުރާށެވެ! މާގިނައިން ކައިފިނަމަ ކަންނެތްވެ ނިދަންބޭނުންވާނެއެވެ. 

އެވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފަން ބޭނުންވާ މީހާއަށް ރަމަޟާންމަހު އެކަން ވަނީ ވަރަށް ބޮޑަށް ފަސޭހަވެފައެވެ. އެއީ އަހަރެމެން ހާރުކާން ހޭލާތީއެވެ. ހާރުކެއުން ސުންނަތުގައި އޮތީ ވީހައި ފަސްކޮށެވެ. ވީމާ މަސައްކަތްކުރަންވީ ހާރަށްފަހު ފަޖުރުލުމުގެ ކުރިން ނަމާދުކޮށް ޤުރްއާން ކިޔަވާލައި އަދި ޛިކުރުކޮށް ދުޢާކުރެވޭތޯއެވެ! 

އެވަގުތުގެ މުހިންމުކަމުގެ ވާހަކަ އަބަދުވެސް ދެއްކޭތީ މާބޮޑު އިތުރުތަފްޞީލަކަށްދާކަށް ނެތީމެވެ. ޤަބޫލުކުރަންވީ އެވަގުތުގައި އަޅުކަންކޮށް ދުޢާކުރުމުން ﷲ ތަޢާލާ ޢިޖާބް ކުރައްވަވާނެކަމެވެ. އަދި އެއީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އެއް ޢަމަލުކަމެވެ. 

ރޯދަވެރިޔާއަށް ދުޢާކުރަން ދެވަނައަށް ލިބޭ އެންމެ މުހިންމު ވަގުތަކީ ރޯދަވީއްލާ ވަގުތެވެ. ނަމަވެސް އެވަގުތުގެ ބޭނުން ހިފައި ދުޢާކުރަނީ ވަރަށް މަދު މީހެކެވެ. ގިނަބައަކު އެވަގުތުގެ ބޭނުން ހިފަނީ ރޯދަކުރުކުރަން ކޮންމެވެސް ކަމެއް ކުރުމަށެވެ. އަޅުކަމާއި ދުޢާކުރުން ނޫން ކަމެއްގައި އެވަގުތު ހޭދަކޮށްލާ މީހުން އެނަގައިލަނީ އެމީހުންނަށް ﷲ ތަޢާލާ ދެއްވެވި އެންމެ މުހިންމު އެއް ފުރުޞަތެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން