އަޅުގަނޑަށް މައިންބަފައިންގެ ރުޙުމުގަ ކައިވެނި ކުރެވެން އޮތީ ދެ ގޮތަކަށެވެ. ފުރަތަމަ ގޮތަކީ އެމީހުން ހޯދައިގެން އުޅޭ މީހަކާއި ކައިވެނިކުރުމެވެ. ދެވަނަ ގޮތަކީ އެމީހާއަށްވުރެ ތަނަވަސް މީހަކު ހޯދާފައި ދެއްކުމެވެ.
މިދެގޮތްވެސް އަޅުގަނޑަށް ކަމަކު ނުދެއެވެ. އަޅުގަނޑު ބޭނުންވަނީ ފަޤީރަކާއިއެކު ވަރަށް ސިންޕަލް ލައިފެކެވެ. އެހެންވީމާ އަޅުގަނޑުގެ މައިންބަފައިންނަށް އެކަން ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟
ތިރީގައި އެވަނީ ކީރިތި ޤުރްއާނުގައިވާ ވަރަށް މަތިވެރި ފިލާވަޅެއްގެ ވާހަކައެވެ. ބައްޕައަށް ޝެއާކޮށްލާފައި "އަޅުގަނޑު ވާން ބޭނުމީ ޝުޢައިބުގެފާނުގެ ދަރިކަނބަލުން ފަދަ އަންހެނަކަށް ކަމަށާއި ޝުޢައިބުގެފާނުފަދަ ބޭކަލަކަސް ވެލެއްވުމަށް ބައްޕަގެ ކިބައިން އެދޭކަމަށް ނިކަން ބުނެބަލާށެވެ.
ވަރަށް ގިނަ ޢަދަދެއްގެ މައިންބަފައިންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އޮންނަނީ އެމީހުންގެ ދަރިންގެ ކައިވެންޏަކީ އުފާވެރި ކައިވެންޏަކަށް ނުވުމެވެ. ކައިވެނި ރޫޅި ދަރިން ނިކަމެތިވުމެވެ. ޒުވާން އުމުރުގައި އެކަނިވެރި މައިންނަށްވާންޖެހުމެވެ
މިޙާލަތު މެދުވެރިވާ އެންމެ ޢާންމު ސަބަބަކީ ދަރިންގެ ކައިވެނިކޮށްދޭން ބަލާ "ޗެކްލިސްޓެވެ!" އެމީހަކީ "ފައިސާވެރިއެއްތޯ؟ ލިބެނީ ކިހައި ފައިސާއެއްތޯ؟ ދުއްވަނީ ކޮން މަރުކާއެއްގެ ކާރެއް؟" މިހެން ގޮސް އޭނާގެ ތަނަވަސްކަންހުރި މިންވަރަށް އެކަނި ބަލާތީއެވެ!
އެމީހާގެ ކިބައިގައި ﷲ ތަޢާލާއަށް ބިރުވެތިވުމާއި ތަޤްވާވެރިކަން ހުރި މިންވަރަށް ނުބަލާތީއެވެ! ﷲ ތަޢާލާއަށް އަޅުކަންކުރާ މިންވަރަށް ނުބަލާތީއެވެ! އޭނާގެ އަޚްލާޤަށް ނުބަލާތީއެވެ.
މިމޭރުމުން ވާހަކަދައްކާއިއިރު ދަލީލަކަށް (ބުނެވޭގޮތުން) ޝުޢައިބުގެފާނު، އެކަލޭގެފާނުގެ ދަރިކަނބަލުން މޫސާގެފާނާއި ކައިވެނިފުޅުކޮށްދެއްވެވިގޮތް ދައްކަނީ އެކަން ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާތީއެވެ. އެކަމުން ފިލާވަޅު ލިބިގަންނަން ޖެހޭތީއެވެ!
އެދުވަހު މޫސާގެފާނުގެ އަތްޕުޅުގައި އޮތީ ކޮން އެއްޗެއްތޯ ސުވާލުކުރެއްވިނަމަ ދައްކަވަން އޮތީ އަތްޕުޅުގެ އިނގިލިފުޅުތަކެވެ. އެހެން އެއްވެސް އެއްޗެއް ނެތެވެ. ޝުޢައިބުގެފާނު، މޫސާގެފާނާއި ދަރިކަނބަލުންގެ ކައިވެނިފުޅު ކޮށްދެއްވެވީ މޫސާގެފާނަކީ ކޮންބޭކަލެއްކަންވެސް އެނގިވަޑައިނުގަންނަވާ ޙާލުކޮޅުގައެވެ. އެހެން ޤައުމަކަށް، ޤަބީލާއަކަށް ނިޞްބަތްވާ މީހަކުކަންވެސް އެނގިވަޑައިގެން ހުންނަވައެވެ. އަތްޕުޅުގައި އެއްވެސް އެއްޗެއްވެސް ނެތްކަން އެނގިވަޑައި ހުންނަވައިގެންނެވެ. ހަމައެކަނި މޫސާގެފާނުގެ ކިބައިން ފެނިވަޑައިގެންނެވި ރިވެތި އަޚްލާޤުންނެވެ. އަޚްލާޤަށް ބައްލަވައިގެންނެވެ. އެފަދަ ފުރިހަމަ އަޚްލާޤެއް ލިބިވަޑައިގެންފައިވާނީ ތަްްވާވެރިކަން ހުރުމުންކަން އެނގިވަޑައިގަންނަވާތީއެވެ.
ވީމާ މައިންބަފައިން އެމީހުންގެ ދަރިން ކައިވެނިކޮށްދޭންވާނީވެސް އަދި އަންހެނުން ކައިވެނިކުރަން ރުހެންވާނީވެސް މީހަކު ދެކެ ލޯބިވާންވާނީވެސް ކީރިތި ޤުރްއާނުގައިވާ މިމަތިވެރި ފިލާވަޅުން ޢިބްރަތް ޙާޞިލުކޮށްގެންނެވެ! އެއިރުން އެކައިވެނީގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ! އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން