ބެންކޮކްގަ ހުއްޓަސް ތިއަހުރީ ﷲ ތަޢާލާގެ ބިމުގައެވެ! ރޯދަ ނުހިފާ ދޫކޮށްނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ބެންކޮކްގަ ހުއްޓަސް ތިއަހުރީ ﷲ ތަޢާލާގެ ބިމުގައެވެ! ރޯދަ ނުހިފާ ދޫކޮށްނުލާށެވެ!

ކޮންމެ މުސްލިމަކުވެސް މަސައްކަތް ކުރާނީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ. ތަޤްވާވެރިކަމުގެ މާނައަކީ ކޮންމެ ވަގުތަކު ކޮންމެ އަމަލެއް ކުރި ނަމަވެސް އެމީހަކު ކުރާ އަމަލު ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ޤަބޫލުކުރުމުގައި ދެމިހުރުމެވެ. ﷲ ތައާލާއަށް ބިރުވެތިވުމެވެ.

ރޯދައަކީވެސް ﷲ ތަޢާލާ އާއި އެމީހަކާއި ދެމެދުގައި އޮތް ސިއްރެކެވެ. ނަމާދުކުރުމާއި ޙައްޖުގެ އަޅުކަން އަދާކުރުމާއި އެހެނިހެން އަޅުކަންތައްތައް ކުރާއިރު މީސްތަކުންނަށް އެމީހާ އެކަންކަން ކުރާތަން ފެނެއެވެ. ނަމަވެސް ރޯދަވެރިއަކު ރޯދައަށް ހުންނައިރު އެކަން އެހެން މީހަކަށް އެނގޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެ ސިއްރު ދަމަހައްޓަނީ އެމީހެއްގެ ހިތުގައިވާ ތަޤްވާވެރިކަމުގެ ސަބަބުންނެވެ.

މުސްލިމް ޤައުމުތަކުގެ ބައެއް މީހުންނަކީ މުސްލިމް ނޫން ޤައުމުތަކުގައި ދިރިއުޅޭ މީހުންނެވެ. އަނެއްބައި މީހުންނަކީ ތަފާތު ބޭނުންތަކުގައި ބޭރު ޤައުމުތަކަށް ދަތުރުކުރާ މީހުންނެވެ. ކަންކަން ދިރިއުޅެންކުރާ މަސައްކަތުގެ ގޮތުން ރޯދަމަސް އަންނައިރު ކޮންމެ ފަދަ ޤައުމެއްގައިވެސް ހުންނަންވެސް މެދުވެރިވެދާނެއެވެ.

މިކެޓަގެރީ ތަފާތުކޮށް ރޯދައަށް ފިލަން ބޭރު ޤައުމުތަކަށް ދަތުރުކުރާ މީހުންވެސް އުޅެއެވެ. އެފަދަ މީހުންނަށް ބުނެލަން އޮތީ ކިތަންމެ ދުރުގައި އޮތް ޤައުމަކަށްވެސް ދަތުރުކުރެވިދާނެއެވެ. ކޮޓަރި ތަޅުވެސް ލެވިދާނެއެވެ. ބޭރުގައި ފާރަވެރިއަކުވެސް ބެހެއްޓިދާނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް އެއްވެސް ކަމެއް ސިއްރެއް ނުކުރެވޭނެއެވެ. ތަޤްވާވެރިކަމަކީ އެކަން ޤަބޫލުކޮށް ޢަމަލުކުރުމެވެ. ތަޤްވާވެރިވުމަކީ އެމީހާ ވީ ކޮންމެ ތަނެއްގައިވެސް ﷲ ތަޢާލާއަށް ބިރުވެތިވުމެވެ.

ތިމާ ހުރީ ކިތަންމެ އެކަހެރި އަދި އަނދިރިތަނެއްގައި ނަމަވެސް ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަމަކަށް އަރައިގަންނައިރު ލަދުވެތިވާނެޖެހެއެވެ. އެހެނީ ކިތަންމެ އެކަހެރި ތަނެއްގައި، ކިތަންމެ އަނދިރި ތަނެއްގައި ކަމެއް ކުރި ނަމަވެސް އެކަން ﷲ ތަޢާލާ ވަގުތުން ބައްލަވައި ވޮޑިގެންވެއެވެ. ވީމާ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަމަކަށް އެއްވެސް ތަނެއްގައި ހުރެ އަރައި ނުގަތުމަކީ ތަޤްވާވެރިކަމެވެ.

ދަތުރުވެރިންނަށް ރޯދަ ދޫކޮށްލުން ހުއްދަވަނީވެސް ޝަރުޠުތަކަކާއިއެކުގައެވެ. ރޯދައަށް ފިލަން ދިއުމުން އޮންނާނީ ކޮން ޝަރުޠެއްހެއްޔެވެ؟ މިކަންކަމަށް ވިސްނައިލާށެވެ!

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން