ނޭޝަނަލް ބޮޑީބޯރޑިންގ ލީގްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ނޭޝަނަލް ބޮޑީބޯރޑިންގ ލީގްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!

މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ނޭޝަނަލް ބޮޑީބޯރޑިންގ ލީގް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ. 

މިއަހަރުގެ ލީގް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކ. ތުލުސްދޫގައި ބޭއްވޭ ހަތަރު އިވެންޓެއްގެ މައްޗަށެވެ. މިގޮތުން 'ބުރުނު ޝިކާރު ބޮޑީބޯޑިންގ ޗެލެންޖް 2023' ގެ ނަމުގައި ލީގުގެ ފުރަތަމަ އިވެންޓް އޮންނާނީ ޖޫން މަހުގެ 17 އިން 23 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑުގައެވެ. އަނެއް ތިން އިވެންޓްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުއެވެ. 

"މޯލްޑިވްސް ނޭޝަނަލް ބޮޑީބޯރޑިންގ ލީގް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ބޮޑީބޯޑިންގ ކުރިއަރަމުން ގޮސް، ދިވެހި އެތުލީޓުން މި ކުޅިވަރުގެ ބައިނަލްއަގުވާމީ ފެންވަރުގައި ރޭންކް ކުރެވިފައިވާތަން ފެނުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް." ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވިއެވެ. 

"ރާއްޖޭގައި ބޮޑީބޯޑިން ކުރިއެރުވުމަށް ދިރާގުން ދެމުން ގެންދާ އެހީތެރިކަމަށް ޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި އެކުންފުނީގެ ޑިޖިޓަލް އެހީތެރިކަމާއި ހައި ސްޕީޑް ކަނެކްޓިވިޓީގެ ސަބަބުން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ އިވެންޓްތައް އެކިކަންކޮޅުތަކުގައި ތިބޭ ފަރާތްތަކަށް ގެނެސްދީ ވާދަވެރި ބޮޑީބޯޑިންގ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ގާއިމުކުރުމަށް މަގުފަހިވިކަމަށްޓަކައިވެސް އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން." އެމް.ބީ.ބީ.އޭގެ ރައީސް، އަބްދުالله އަރީފް ވިދާޅުވިއެވެ. 

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ތަފާތު ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ. 

މިއަދު އޮންލައިން