ދިރާގާއި މޯލްޑިވްސް ފުޑް ކަރނިވަލް ގުޅިގެން ފޯރިގަދަ ކާރނިވަލް ހަފްތާއަކަށް ތައްޔާރީތައްވަނީ ފަށާފައެވެ. އެގޮތުން ތިންކް އެސޯސިއޭޓްސް އާއި ޓޭސްޓް މޯލްޑިވްސްއިން އިންތިޒާމްކޮސް ބާއްވާ މި ކުލަގަދަ އިވެންޓްގެ މެއިން ސްޕޮންސަރގެ ގޮތުގައި ދިރާގު ވަނީ ސޮއިކޮށްފައެވެ.
މޯލްޑިވްސް ފުޑް ކަރނިވަލަކީ ތަފާތު ކާބޯތަކެއްޗާއި ކަލިނަރީ ޕްރޮޑަކްޓްތައް ދައްކާލުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި މިއުޒިކާއެކު ބާއްވާ 5 ދުވަހުގެ ކަރނިވަލެކެވެ. މި ކަރނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާރކްގައި 20 ން 24 ޖޫންގެ ނިޔަލަށެވެ. ކަރނިވަލުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި "ބިރުވެރި ހޮހަޅަ"، ތަފާތު ދިވެހި ފަންނާނުނާއި ލަވަކިޔުންތެރިންގެ ހުނަރު ދައްކާލުމަށް އޯޕަން ސްޓޭޖެއް އަދި ކަލިނަރީ މުބާރަތްތަކެއް ހިމެނެއެވެ. މީގެ އިތުރުން ގިނަ ކާބޯތަކެތި ވިއްކާ ފަރާތްތައްވެސް އެފަރާތްތަކުގެ ޕްރޮޑަކްޓްތައް ދައްކާލާ ވިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކަރނިވަލް ތެރޭގައި އަރޓިސަން މާކެޓް، ފުޑް ސްޓްރީޓް، ޓީ އެންޑް ކޮފީ ފެސްޓިވަލް އަދި ޓޭސްޓް ދަ ވޯލްޑް އަށް ބަހާލެވިގެން ސްޓޯލްތައް ހުންނާނެއެވެ.
"މޯލްޑިވްސް ފުޑް ކަރނިވަލްގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ސޮއިކޮށް، މި ކުލަގަދަ އިވެންޓް އާންމުނާއި ހަމައަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ދިވެހި އަދި ބޭރުގެ ތަފާތު ފަރާތްތަކުގެ ކާބޯތަކެތި ދިރާގު ފުޑް ސްޓްރީޓް އަދި އެހެނިހެން ސްޓޯލްތަކުންވެސް ލިބިވަޑައިގަންނަވާނެ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް 20 ން 24 ޖޫންގައި ހުޅުމާލެ ސެންޓްރަލް ޕާރކަށް ޒިޔާރަތްކޮށްލައްވާ،" ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވިއެވެ.
"ކުރިން ނުފެންނަ ފަދަ ތަފާތު ކާބޯތަކެތީގެ ތަޖުރިބާތަކެއް ތިޔަ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. އެގޮތުން އަޅުގަނޑުމެންގެ އުންމީދަކީ ދިރާގާއިއެކު އެކި ޗެފުންނާއި ވިޔަފާރިތަކާއި ދިވެހި ފަންނާނުންނާއި ފަންނުވެރިންގެ ހުނަރާއި އުފެއްދުންތައް ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުން،" ތިންކް އެސޯސިއޭޓްސްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ، އަދީލް އިސްމާއިލް ވިދާޅުވިއެވެ.
ދިރާގުން ބުނެފައިވަނީ އަބަދުވެސް މަސައްކަތްކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދޭފަދަ ތަފާތު މުނިފޫހިފިލުވުމާއި އިޖްތިމާޢީ ހަރަކާތްތަކަށް އެއްބާރުލުންދިނުމަށް ކަމަށެވެ.