"ވެލިދޫ ޢީދު އުފާ" ގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
"ވެލިދޫ ޢީދު އުފާ" ގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު

މިއަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ނ. ވެލިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ވެލިދޫ ޢީދު އުފާ 1444' ގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު ސޮއިކޮށްފިއެވެ. 

ނ. ވެލިދޫ ރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި ޢީދު ފެސްޓިވަލްގައި ކޯޑި ކެނޑުން، މާލި ހެދުން އަދި ދަފި ނެގުން ފަދަ ޢީދުގަ ސަގާފީ ގިނަ ހަރަކާތްތަކެއް ހިމެނެއެވެ. އަދި ވާދެމުން، ފައިގަތަޅާ އަދި ބައިސްކަލް ސައިކްލް ރޭސް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހަވާއެރުވުމާއި ޢީދު މިއުޒިކް ޝޯއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޝޯގައި ރާއްޖޭގެ މަޝްހޫރު ފަންނާނުން ކަމަށްވާ ޑެޓިއުން ބޭންޑް އަދި ބިދަބިން ބޮޑުބެރު ގްރޫޕް ވެސް ބައިވެރިވާނެއެވެ. 

"މިފަދަ އިޖްތިމާޢީ އިވެންޓްތަކަށް ދިރާގުން އަބަދުވެސް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރަން. އަޟްޙާ ޢީދުގެ ހަރަކާތްތަކަކީ އަޅުގަނޑުމެންގެ ސަގާފަތުގެ ވަރަށް މުހިންމު ބައެއް. އެގޮތުން މިފަދަ ކުލަގަދަ ޙަފްލާއެއް މުޖްތަމަޢުއަށް ގެނެސްދިނުމަށް ދިރާގުން ވެދެއްވާ އެހީތެރިކަމަށްޓަކައި ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން،" ނ. ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވިދާޅުވިއެވެ. 

"މުޖުތަމަޢު ބާރުވެރިކުރުވުމަކީ އަޅުގަނޑުމެންގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ވަރަށް މުހިންމު ދާއިރާއެއެއް. އެގޮތުން 'ވެލިދޫ ޢީދު އުފާ 1444' ގެ ޑިޖިޓަލް ޕާޓްނަރަށްވެ، މި ކުލަގަދަ އިވެންޓަށް ސަޕޯޓްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ މި ޢީދަކީ ނ. ވެލިދޫގެ ރައްޔިތުންނާއި ރަށަށް ޒިޔާރާތްކުރާ ފަރާތްތަކަށް ފޯރިގަދަ ޢީދަކަށްވުން،" ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރުޝާން ހަސަން ވިދާޅުވިއެވެ. 

ދިރާގުން ބުނެފައިވަނީ އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިވާފަދަ މިކަހަލަ ތަފާތު ސަގާފީ އަދި އިޖްތިމާޢީ ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށްކަމަށެވެ.

 

މިއަދު އޮންލައިން