ސްޕެޝަލް އޮލިމްޕިކް ވަރލްޑް ގޭމްސް ބަރލިން 2023ގައި ދިވެހިރާއްޖެއިން ބައިވެރިވި ޓީމް އިން ހޯދި ފަޚުރުވެރި ކާމިޔާބީ ދިރާގުން ފާހަގަކޮށްފިއެވެ. ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނިން ވަނީ ސްޕެޝަލް އޮލިމްޕިކް ވޯލްޑް ގޭމްސް ބަރލިން 2023 ގެ ރާއްޖޭގެ ޑެލެގޭޝަންއާއި ކުޅުންތެރިންގެ ބެލެނިވެރިންނަށް މަރުހަބާ ކިޔާފައެވެ.

މިއަހަރުގެ ވަރލްޑް ގޭމްސްގައި ރާއްޖޭގެ ހަ އެތުލީޓުން ވަނީ އެތުލެޓިކްސް އާއި ބެޑްމިންޓަންގައި ބައިވެރިވެ، ދެ ރަން މެޑަލާއި އެއް ބްރޯންޒް މެޑަލް ރާއްޖެއަށް ހޯދައިދީފައެވެ.
• އައިޝަތު މާނިޔާ އާދަމް – ބެޑްމިންޓަން (ޑިވިޝަން 1) އިން ރަން މެޑަލް
• އައިޝަތު ލައިކާ ހުސައިން – 100 މީޓަރު ސްޕްރިންޓް (ލެވެލް ބީ – ޑިވިޝަން F07) އިން ރަން މެޑަލް
• ޒާނާ އަލީ ޝަރީފް – 200 މީޓަރު ދުވުމުން ބްރޯންޒް މެޑަލް (ލެވެލް ސީ - ޑިވިޝަން F03) އިން ބްރޮންޒް މެޑަލް
ރާއްޖެ ޓީމްގެ ކާމިޔާބީ ފާހަގަކޮށް އެތުލީޓުންގެ އަގުވަޒަންކުރުމުގެ ގޮތުން ދިރާގުން ވަނީ ވަރލްޑް ގޭމްސް ބަރލިން 2023ގައި ބައިވެރިވި ހަ އެތުލީޓުންނަށްވެސް އެކުންފުނީގެ ފަރާތުން އިނާމު ހަވާލުކޮށްފައެވެ. އެގޮތުން ރަން އަދި ބްރޮންޒް މެޑަލް ހާސިލްކުރި ތިން އެތުލީޓުންނަށް އެކުންފުނިން ވަނީ އެއް އަހަރު ދުވަހަށް ހިލޭ ދިރާގު ފައިބަރ 100m ކަނެކްޝަންއެއް ދީފައެވެ. އަދި ޓީމުގެ އެހެން ކުޅުންތެރިންނަށް ވަނީ ސްޕޯޓްސް ގިފްޓް ވައުޗަރއެއް ހަދިޔާކޮށްފައެވެ.

މި އިވެންޓްގައި ވާހަކަދައްކަވަމުން ދިރާގުގެ ޗީފް ކޮމަރޝަލް އޮފިސަރ، އަލީ ރިޔާޒްވަނީ ޓީމުގެ ޝަރަފުވެރި ކާމިޔާބީއަށް އެތުލީޓުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ރާއްޖޭއަށް ރީތިނަން ހޯދާދީ ޤައުމަށް ކާމިޔާބީ ގެނެސްދިނުމަށް އެތުލީޓުން ކުރި މަސައްކަތަށް ފަޚުރުވެރިވާކަމަށާއި ކުރިއަށް އޮތްތާނގައިވެސް ގިނަ ވަނަތަށް ހާސިލްކުރާތަން ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް އަލީ ވިދާޅުވިއެވެ.
ދިރާގުގެ ސީ.އެސް.އާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުންން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އަދި އެކި އެންޖީއޯ ތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް އަންނަނީ އެއްބާރުލުންދެމުންނެވެ.