ފުރަތަމަ މިވާހަކަކޮޅު ވިސްނުންތެރިކަމާއިއެކު ކިޔައިލާށެވެ!
މިހާރަކަށް އައިސް ފިރިމީހާ ގެއަށް އަންނަނީ ވަރަށް ލަހުންނެވެ. އާންމުކޮށް ގެއަށް އަންނަ ވަޤުތަށްވުރެ 2 ގަޑިއެއްހައިއިރުފަހުންނެވެ. އެހެންވެ އަނބިމީހާ ރުޅިގަދަވެ ނޯޓެއް ލިޔުނެވެ.
"ކޮންމެ ދުވަހަކު އެހައިލަހުން ގެއަށް ތިއައަންނަނީ އަހުރެން ދެކެ ފޫހިވެގެންކަން އެނގެއެވެ. ކޮންމެ ދުވަހަކު އިންތިޡާރުކޮށްކޮށް ވަރުބަލިވެއްޖެއެވެ. އެހެންވެ އަހުރެން މިދަނީއެވެ. އަހުރެން ހޯދަން ނުއުޅޭށެވެ."
ފިރިމީހާ ގެއަށް އައުމުން ފެންނާނެ ގޮތަށް ކޮޓަރީގައި ނޯޓް ބާއްވާފައި އަނބިމީހާ ހުރީ ކޮޓަރީގައި ފިލައެވެ. ފިރިމީހާ ގެއަށް އައިސް ނޯޓް ކިޔާފައި އެއިގެ ފުރަގަހުގައި އެއްޗެއް ލިޔުނެވެ. ލިޔެފައި ފޯނުކޯލެއްކޮށް އަނބިމީހާ ގެއިން ހިނގައްޖެކަމަށާއި ދެމީހުން އުފަލުގައި އެކުގައި އުޅެން މިހާރު އެއްވެސް ހުރަހެއް ނެތްކަމަށާއި އިރުކޮޅަކުން ބަލައިދާނެކަމަށް ބުންޏެވެ. އެހެން ބުނެފައި ނުކުމެގެން ދިއައީއެވެ.
އަނބިމީހާ ވީދެރައިން ރޮމުން ފިލައި ހުރިތަނުން ނުކުމެ ނޯޓުގައި ފިރިމީހާ ލިޔެފައި އޮތް އެއްޗެއް ކިޔައިލިއެވެ.
"އަހުރެންގެ ލޯބިވާ އަނބިމީހާއެވެ! އަހުރެންގެ ފޯނު މޭޒުމަތީގައި އެއޮތީއެވެ. އެއިގައި ހުރި ވީޑިއޯތައް ބަލައިލާށެވެ. ގެއަށް އައުން ލަސްވަނީ ކޮން މަސައްކަތެއް ކުރާތީކަން އެނގޭނެއެވެ. ދެރައީ އަހައިވެސް ނުލައި ހުރެފައި ތިއަފަދަ ވިސްނުމެއް ވިސްނީތީއެވެ. އެއީވެސް މައްސަލައެއް ނޫނެވެ. ނުބެނެވޭކަން އެއީ އަހުރެންގެ ކުށެވެ. އެކަމަށް މާފަށް އެދެމެވެ.
ވަރުބަލިވެފައި ހުރިވަރުން ގެއަށް މިއާދެވުނީ ތިބާގެ ބޭސް ނުގަނެއެވެ. ވީމާ ފާމަސީއަށް ގޮސް ބޭސް ގަނެލައިގެން ވަރަށް އަވަހަށް އެބަ އަންނަމެވެ. "ޓޭކް ކެޔަރ!"
މިފަދަ ކަންކަން ވަރަށް ގިނައިން ކުރިމަތިވެއެވެ. ދެމަފިރިންގެ މެދުގައި ކަންބޮޑުވާންޖެހޭ އެއްވެސް މައްސަލައެއް އޮތްނަމަ އެކަމަކާއިމެދު ވާހަކަދައްކާށެވެ. މަޝްވަރާކުރާށެވެ! އޮޅުން ނުފިލުވައި އެކަމާއިމެދު ވިސްނަން ފަށައިފިނަމަ އެކަން ވެގެންދާނީ ތިމާ އަމިއްލައަށް ތިމާ ލިބިގަންނަ އަނިޔާއަކަށެވެ.
- އަލަފް / މިއަދުނޫސް