ﷲ ތަޢާލާ ފޮނުއްވަވާ "މެސެޖްތައް" ލިބޭ މީހަކަށްވެ ހުންނަން ކުރަންޖެހޭ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ﷲ ތަޢާލާ ފޮނުއްވަވާ "މެސެޖްތައް" ލިބޭ މީހަކަށްވެ ހުންނަން ކުރަންޖެހޭ ކަންތައް!

އަހުރެމެން އެކަމަށް ބޭނުންނުވިނަމަވެސް އަދި ލިބިގަންނަން މަސައްކަތް ނުކުރިނަމަވެސް ޝައިޠޯނާގެ ވަސްވާސްތައް އަބަދުވެސް ހުންނާނީ ލިބިލިބިއެވެ. ނަމަވެސް ﷲ ތަޢާލާގެ އެންގެވުންތައް އަހުރެމެންނަށް އެނގޭނީ ހޯދައި ބަލަން މަސައްކަތްކުރިވަރަކުންނެވެ. އެކަންކަން ހަނދާނުގައި ހުންނާނީ ހަނދާންކުރަން މަސައްކަތްކުރިވަރަކުންނެވެ. 

ހެޔޮ ޢަމަލުތައްކޮށް ﷲ ތަޢާލާގެ މަގުގައި ޘާބިތުވާން ތިމާ މަސައްކަތްކުރުމާއިއެކު އެހެން މީހުންނަށް ހަނދާންކޮށްދޭން ދީނުގައި އޮންނަނީވެސް މި ސަބަބަށްޓަކައެވެ. އެކަކު އަނެކަކަށް ހަނދާންކޮށްދިނުމަކީވެސް ޘަވާބު ދެއްވަވާ އަޅުކަމެއް ކަމުގައި ވަނީ ލައްވަވައިފައެވެ. އެކަންކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. 

ހަމައެޢާއިއެކު ވިސްނައިލާށެވެ! ﷲ ތަޢާލާގެ މަތިން ހަނދުމަނުކުރާނަމަ ތިބާގެ ސިކުނޑި ޝައިޠޯނާގެ ވަސްވާސްތަކުން ފުރިގެން ހިނގައިދާނެއެވެ. ހިތް ކަޅުވެ އަނދިރިވެދާނެއެވެ. އެކަމުން ސަލާމަތްވެ ހުރެވޭނެ ހަމައެކަނި ގޮތަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމެވެ. 

އަހުރެމެންނަށް ފާފައެއް ކުރެވެން އުޅެވޭނަމަ ނުކުރަން، އެމީހަކާއިއެކުގައިވާ މަލާއިކަތުން ހަނދާންކޮށްދެއްވަވާނެތެވެ. ނަމަވެސް މަލާއިކަތުން ދެއްވަވާ އެމެސެޖް ނުލިބެނީ ޝައިޠޯނާގެ ވަސްވާސްތަކުން ސިކުނޑި ފުރި ހިތް ކަޅުވެފައިވާތީއެވެ. ވީމާ ތިމާއަށް މަލާއިކަތުން ދެއްވަވާ މެސެޖްތައް ލިބިގަތުމަށްޓަކައިވެސް ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރާ މީހަކަށްވާންޖެހޭނެއެވެ. 

ﷲ ތަޢާލާއަށް ބިރުވެތިވާން ބޭނުން ނުވާ މުސްލިމަކު ނުހުންނާނެއެވެ. ނަމަވެސް ބިރުވެތި ނުވެވި ފާފަތައް ކުރެވެނީ އެކަން ނުކުރަން މަލާއިކަތުން ދެއްވަވާ މެސެޖްތައް ނުލިބޭތީއެވެ. ވީމާ ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ މަލާއިކަތުން ދެއްވަވާ މެސެޖްތައް ލިބޭނެ ޙާލަތުގައި ތިމާހުރުމެވެ. އެކަން ކުރެވޭނީ ކުރިން މިބުނި ފަދައިން ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރިވަރަކުންނެވެ. އިން ޝާ ﷲ 

- މަޢުލޫމާތު: ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން