"ޝައިޚް ޒަމްޒަމް ފާރިޝް ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް" ބަލާކަމަށް މީޑިއާތަކުގައި ޚަބަރުތައް ޢާންމުވުމާއި ގުޅިގެން އެއީ ޝައިޚް އާއި ކިހައިވަރެއްގެ ގުޅުމެއް ހުރި މައްސަލައެއްތޯ؟ މިއަދުނޫހުން ޝައިޚް އާއި ސުވާލުކުރުމުން ޝައިޚް ވިދާޅުވީ އެއީ "މިހާތަނަށް އެއްވެސް ފަރާތަކުން އިޝާރާތެއްވެސް ކޮށްފަ ނުވާ މައްސަލައެއް!" ކަމަށެވެ. އަދި އެފަދަ ތުހުމަތެއްގައި އެއްވެސް ފަރާތަކުން މިއަދާއި ހަމައަށްވެސް އެއްވެސް ސުވާލެއްވެސް ކޮށްފައިނުވާ މައްސަލައެއް ކަމަށެވެ.
ޝައިޚް ވިދާޅުވީ:
"އެއީ އެއްވެސް އަސްލެއް ނެތް ވާހަކައެއް. އެއީ އަޅުގަނޑު ފްރޭމް ކުރަން ބަޔަކު ކޮށްގެން އުޅޭ ކަމެއް. ސްކޫލު ތެރެއިން ވެސް، އެޑިއުކޭޝަނުން ވެސް، ޖެންޑާއިން ވެސް، އަދި އެނޫން ތަނަކުން ވެސް ތިފަދަ މައްސަލައަކާ ގުޅޭ ގޮތުން އިޝާރާތެއްގެ މިންވަރު ވެސް އަޅުގަނޑަށް ކުރައްވާފައެއް ނެތް.
ތިފަދަ ހުތުރުކަން ބޮޑު ޖަރީމާއެއްގެ މައްސަލައެއް އޮތް ނަމަ ވަގުތުން އަޅުގަނޑު ވަޒީފާއިން އެކަހެރި ކުރީސް ނޫންތޯ؟ އެބުނާ ގޮތުން މިދިޔަ ސަރުކާރުން އަޅުގަނޑުގެ މައްސަލައެއް ހުށައަޅާފައި އޮންނަތާ މަސްދުވަސް މިވަނީ.
އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ ދައުލަތުގެ މިދެންނެވި މުއައްސަސާތަކަކީ އެހާ ޒިންމާދާރުކަން ކުޑަ ތަންތަން ކަމުގައެއް. ތިހާ ބޮޑު ކަމެއް ޙަޤީޤަތުގައި ވެސް އަޅުގަނޑުގެ ފަރާތުން ވެފައިވާނަމަ އެބޭފުޅުންގެ ޒިންމާ އަދާ ނުކުރައްވާ މިހާދުވަހު މަޑެއް ނުކުރައްވާނެ. އެހެންވެ އަޅުގަނޑު މި ދަންނަވަނީ ބަޔަކު އަޅުގަނޑަށް ޙަސަދަ ފިލުވާލަން މުސްތަޤްބަލު ހަލާކުކޮށްލައި އަޅުގަނޑު ބޭޒާރު ކުރަން ކޮށްފައި އޮތް ކަމެކޭ ތިއީ. މިއީ ސައުންޑް މައިންޑެއް ހުރި ކޮންމެ މީހަކަށް ވެސް ސާފު ކަންކަން ދެއްތޯ؟ މާތްﷲގެ ރަޙްމަތްފުޅުން، އަޅުގަނޑަކީ އެފަދަ ކުށުގެ ބޮޑުކަމާއި އޭގެ އަދަބާއި އޭގެ ކޮންސިކުއެންސް ނޭނގޭވަރުގެ މީހެއް ނޫން." ކަމަށެވެ.
މިބާވަތުގެ މައްސަލައެއް ހުށަހެޅުމުން އެއްވެސް ވަރަކަށް މައްސަލަ ނުބަލައި، ރައްދުވާ ފަރާތާއި ސުވާލެއްވެސް ނުކޮށް އަދި އަލަންޖެހޭ އެއްވެސް ފިޔަވަޅެއްވެސް ނާޅައި މައްސަލަ ބަލާކަމަށް ބުނެ މަޢުލޫމާތު މީޑިއާތަކަށް ޙިއްޞާކުރުމަކީ ޒިންމާދާރު ގޮތެއްކަމާއިމެދު ސުވާލުއުފެދެއެވެ. ޚާއްޞަކޮށް ދީނީ ޢިލްމުވެރިންގެ އިތުބާރު ގެއްލިގެންދާނެ ގޮތަށް ކަންކަން ކުރާއިރު މިކަންކަމަށް ވިސްނާލަން ނުޖެހޭނެބާވައެވެ!