ބެލުންތައް ތިރިނުކުރެވުމުން މިސްކިތުގަ ޒިނޭކުރެވުނު 2 އަޅުވެރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ބެލުންތައް ތިރިނުކުރެވުމުން މިސްކިތުގަ ޒިނޭކުރެވުނު 2 އަޅުވެރިއެއްގެ ވާހަކަ-

ލޮބުވެތި ކަނބަލުންނޭވެ! މަސައްކަތުގެ މާޙައުލުގައިވެސް އަދި އެހެންތަނެއްގައިވެސް ހިލޭ ފިރިހެނުންނާއި މުޢާމަލާތުކުރާނަމަ ބެލުންތައް ތިރިކުރާށެވެ! ޚާއްޞަކޮށް އެކަނި ހުރެ މުޢާމަލާތުކުރާނަމަ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. 

ކުޑަ ޙާދިސާއެއް ކިޔައިދޭނަމެވެ. އެއީ އޮފީހެއްގައި ހުރި ނަމާދުކުރާ ތަނެކެވެ. ފިރިހެނުންނާއި އަނހެނުންގެ ބައި ވަކިކޮށްފައި ހުންނަނީ ސްކްރީނަކުންނެވެ. އެއްވެސް ތަނަކީ ނަމާދުކުރަން ޚާއްޞަކޮށްފައި ހުރިތަނެއް ނމަ އެތަނެއްގެ ދަރަޖައަކީ މިސްކިތެއްގެ ދަރަޖައެވެ. އެތަނަށް މިސްކިތަކަށްކުރާ އިހްތިރާމްކުރަންވާނެއެވެ. 

އެފަދަ ތަނެއްގައި އަޅުކަމުގައި ފިރިހެނަކު އިންދައި އަންހެނަކު ގޮސް ސުވާލުތަކެއް ކުރިއެވެ. ފިރިހެން މީހާ ބެލުންތައް ތިރިކޮށްގެން އިނދެ އޭނާއަށް ޖަވާބުދިނެވެ. ޖަވާބު ދިނުމުން އޭނާ ނުކުމެގެންދިއައެވެ. 

ޝައިޠޯނާ އެވަރަކުން ދުލެއް ނުކުރިއެވެ. އަންހެންމީހާގެ ބޮލަށް އިތުރު ސުވާލުތަކެއް ވައްދުވާފައި އަލުން އޭނާގެ ގާތަށް ފޮނުވިއެވެ. އެފަހަރު ދެމީހުންގެ ދެމެދަށް ޝައިޠޯނާ ކުރިއަށްވުރެ ބޮޑަށް ވަދެގަތެވެ. ނަތީޖާއަކަށްވީ ދެމީހުންގެ 4 ކަޅި ބައްދަލުވުމެވެ. އެކަމުގެ ނަތީޖާއަކަށްވީ އެކިވާހަކަތައް ދެއްކެމުން ގޮސް އެންމެފަހުން އެމިސްކިތުގައި ދެމީހުންނަށް ޒިނޭކުރެވުމެވެ. 

ޝައިޠޯނާ އެވަރަކުންވެސް ދުލެއް ނުކުރިއެވެ. އޮފީހުގައި އުޅޭ ބައަކަށް ވަސްވާސްދީގެން ގެންގޮސް އެތަން ދައްކައި ދެމީހުން ފަޟީޙަތްކޮށްލިއެވެ. އޮފީހުގައި އެންމެ ތަޤްވާވެރިން ކަމުގައި ފާހަގަކުރެވެމުން އައި ދެމީހުން ފަޟީޙަތްވެ ނިމުނީއެވެ. ނަތީޖާއަކަށްވީ ގަތް ލަދުން ދެމީހުންވެސް ވަޒީފާއިން ވަކިވުމެވެ. 

އެދެމީހުންނަކީވެސް ތަޤްވާވެރިންކަމުގައިވުމުން ކުރެވުނު ފާފައާއިމެދު ހިތާމަކުރިއެވެ. ތައުބާވިއެވެ. އަދި އެޙާލަތުގައި ދެމީހުންނަށްވެސް އޮތް އެންމެ ރަނގަޅު ގޮތަކީ ކައިވެނިކުރުން ކަމަށް ނިންމައި ދެމީހުންވެސް ކައިވެނިކުރިއެވެ.

މީސްތަކުންނޭވެ! ކޮންމެ ދުވަހަކުހެން މިފަދަ އެތައް ބައިވަރު ކަންތައްތަކެއް ދަނީ ހިނގަމުންނެވެ. ހިނގާ ކަންތައްތަކުގެ ތެރެއިން މީސްތަކުންނަށް ހާމަވަނީ މަދު ކަންތައްތަކެކެވެ. ބުނެލަން ބޭނުންވަނީ ފިރިހެނުންވެސް ބެލުންތައް ތިރިކުރާށެވެ! ބެލުންތައް ތިރިނުކުރެވޭނަމަ މިފަދަ ކަންކަން ހިނގުން އޮންނާނީ ދާދިގާތުގައެވެ. 

މިހުންނަނީ ވަރަށް ޢިބްރަތްތެރި ވާހަކަތަކެވެ. އަހުރެމެންނަށް ފައިދާކުރާނީ ވިސްނައި ޢިބްރަތް ޙާޞިލްކުރުމުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން