މީހަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ ކޮބައިކަމާއިމެދު ސުވާލުކުރެވިއްޖެނަމަ ޚިޔާލުތަފާތުވެ ބޮޑު ބަހޫސެއްވެސް ކޮށްފާނެއެވެ. ޒުވާބަކަށްވެ އަރައިރުންވާންވެސް ފަށައިފާނެއެވެ. މިކަންކަން އެނގިހުރެ އަހުރެންގެ ޚިޔާލު ފައުޅުކޮށްލާނަމެވެ.
މީހަކަށް ކޮސްދެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ ނުރަގަޅު ބައިވެރިއަކާއި ކައިވެނިކުރަންއުޅޭނަމަ އެކަން އޭނާއަށް ވިސްނައިދީ އެކަމުން އޭނާ ސަލާމަތްކުރަން މަސައްކަތްކުރުމެވެ. ސަބަބަކީ ނުރަނގަޅު ބައިވެރިއަކު އިޚްތިޔާރުކުރެވިއްޖެނަމަ އޭނާގެ މުޅި ދިރިއުޅުން އެކަމުގެ ސަބަބުން ހަލާކުވެގެން ހިނގައިދާނެތީއެވެ.
މިޘާލަކަށް:
- ތަނަވަސްކަން ގެއްލި ފަޤީރުވެދާނެއެވެ.
- ދީނީ ކަންކަމަށްދޭ ސަމާލުކަން ކުޑަވެގެން ހިނގައިދާނެއެވެ.
- އަބަދު އޭނާ އާއިމެދު ވިސްނަންޖެހި ދިރިއުޅެން ކުރަންޖެހޭ މަސައްކަތްތަކުން ފޭލްވެދާނެއެވެ.
- މީސްތަކުންގެ ތެރޭގައި ފަޟީޙަތްވެ ނިކަމެތިވެދާނެއެވެ.
- ބޮލުގައި ކާޅެއްހެން ކޮށައި ސިކުނޑި ގޮއްވާލައިވެސްފާނެއެވެ.
މިވަރަކުންވެސް ނުނިމެއެވެ.
- ސިކުނޑި ރަނގަޅުކުރަން އަބަދު މަސްތެއްގައި ހުންނަންޖެހުމުން އެތެރެހަށީގެ ގުނަވަންތައް ފޭލްވެ ޢުމުރުކުރުވެދާނެއެވެ.
އަދި މިނޫންވެސް އެތައް ޙާލަތުތަކެއް ކުރިމަތިވެދާނެއެވެ. ދެން ނިކަން ބުނެބަލާށެވެ! މިޙާލަތުތަކުން މީހަކު ސަލާމަތްކުރުމަށްވުރެ އޭނާއަށް ކޮށްދެވޭނެ ބޮޑު ހެޔޮކަމަކީ ކޮބައިހެއްޔެވެ؟ ޖުމުލަކޮށްލާފައި ބުނާނަމަ މީހަކަށް ނުރަނގަޅު ބައިވެރިއަކު އިޚްތިޔާރުކުރެވުމަށްވުރެ ލިބޭނެ ބޮޑު ދެރައަކީ ކޮބައިހެއްޔެވެ؟
މިއީ އަހުރެންގެ ވިސްނުމެވެ. މިވާހަކަ މިގޮތަށް މިބުނީ ނުބައި ބައިވެރިއަކު އިކްތިޔާރުކުރެވިއްޖެނަމަ މިފަދަ ހުރިހާ ގެއްލުންތަކެއް ލިބޭކަން ދުނިޔޭގެ އެންމެން ތަޖުރިބާކުރަމުން ގެންދާތީއެވެ.
- އަލަފް / މިއަދުނޫސް