ޢީސާގެފާނު ވާހަކަ 4-: މަރްޔަމުގެފާނުގެ ބެލެނިވެރިކަން

ކިޔުމަށް ހޭދަވާނީ 8މ 24ސ
ޢީސާގެފާނު ވާހަކަ 4-: މަރްޔަމުގެފާނުގެ ބެލެނިވެރިކަން

ޢަލީ އިޙްޞާން ފިރާޤް

 

މަރްޔަމުގެފާނުގެ ބެލެނިވެރިކަން-: 

ޢިކްރިމާ ވިދާޅުވެފައިވާކަމަށް އިބްނު ޖަރީރު ރިވާކުރައްވައިފައިވެއެވެ. މަރްޔަމުގެފާނުގެ މައިކަނބަލުން އެކަމަނާއާގެން ރައްކައުވެވަޑައިގެން، އެދަރިކަނބަލުން ފޮތިކޮޅަކަށް ލައްވައި ބައިތުލްމަޤުދިސްގެ އަޚްބާރުންގެ އަރިހަށްވަޑައިގެންނެވިއެވެ. އެ އަޚްބާރުންނަކީ ހާރޫނުގެފާނުގެ ނަސަބުފުޅުން ވަޑައިގެންނެވި ބައެކެވެ. އެބޭކަލުންނަކީ އެ ޒަމާނުގައި ބައިތުލްމަޤުދިސް ބެލެހެއްޓުމާ ޙަވާލެވެވަޑައިގެން ތިއްބަވާ ދީނުގެ ޢިލްމުވެރިންނެވެ. މައްކާގެ މީސްތަކުން ކަޢުބާ ބަލަހައްޓަމުން ގެންދާ ފަދައިން އެބައިމީހުން ބައިތުލްމަޤުދިސް ބަލަހައްޓަމުން ގެންދެއެވެ.

މަރްޔަމުގެފާނުގެ މައިކަނބަލުން އެބައިމީހުންގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. [މިކުއްޖާއަކީ މިސްކިތުގެ ޚިދުމަތަށްޓަކައި އަޅުގަނޑު ނަދުރުގެންފައިވާ ކުއްޖެކެވެ. އަޅުގަނޑުވަނީ އެދަރިކަނބަލުން ދުނިޔަވީ އެންމެހައި މަސައްކަތްތަކަކުން މިނިވަންކޮށްފައެވެ. ހަމައެކަނި މިސްކިތުގެ ޚިދުމަތަށް ޚާއްޞަކޮށްފައެވެ. މިދަރިކަނބަލުން އަލުން އަނބުރާ ގެއަށް ރައްދު ކުރުމެއްނެތެވެ.]

އެކަމަނާގެ ވާހަކަފުޅު ނިމުމުން އަޚްބާރުންގެ މީސްތަކުން ބުންޏެވެ. [އެދަރިކަނބަލުންނަކީ އަހަރެމެންގެ އިމާމުގެ ދަރިކަނބަލުންނެވެ. އަހަރެމެންނާގެން އިމާމުވެވަޑައިގެން ނަމާދުފުޅު ކުރައްވަނީ އެދަރިކަނބަލުންގެ ބަފައިކަލުން ޢިމްރާނެވެ. ޤުރްބާންކުރުމުގެ ކަންތައްތަކާ ޙަވާލުވެވަޑައިގެން ހުންވަނީވެސް އެކަލޭގެފާނެވެ.]

އަޚްބާރުންގެ މީސްތަކުން މިވާހަކަ ދައްކަން ތިއްބާ زكريّا عليه السّلام ވަޑައިގެން ވިދާޅުވިއެވެ. [އެދަރިކަނބަލުން އަޅުގަނޑާ ޙަވާލުކުރައްވާށެވެ. އެދަރިކަނބަލުން  އެންމެ ޙައްޤުކަން ބޮޑުވެގެންވަނީ އަޅުގަނޑަށެވެ. އެހެނީ އަޅުގަނޑު ކާވެނިކޮށްގެން މިއުޅެނީ އެދަރިކަނބަލުންގެ މައިފުށެގެ ބޮޑުދައިތައާއެވެ.]

زكريّا عليه السّلام  މިހެން ވިދާޅުވުމުން ބައިތުލްމަޤުދިސް ބަލަހައްޓާ އަޚްބާރުން އެކަމަކަށް ނުރުހުނެވެ. އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. [ތިޔަގޮތާ ރުހުމަކީ އަހަރެމެންގެ ހިތްތަކަށް ފަސޭހަގޮތެއްނޫނެވެ. އެހެނީ އެދަރިކަނބަލުންނަކީ އަހަރެމެންގެ އިމާމުގެ ދަރިކަނބަލުންނެވެ.] ދެން އެބައިމީހުން ނިންމީ ޤުރުޢަތު ލުމަށެވެ. އެބައިމީހުން ތައުރާތު ލިޔާންގެންގުޅޭ ގަލަންތައް ބޭނުންކޮށްގެންނެވެ. އެބައިމީހުން އެ ޤުރުޢަތުލުމުން ޤުރުޢަތުން ހޮވިވަޑައިގެންނެވީ  زكريّا عليه السّلام އެވެ. ދެން زكريّا عليه السّلام، مريم ގެފާނުގެ ބެލެނިވެރިއެއްކަމުގައި ހަމަޖެހިގެންދިޔައެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ދެވަނަ ޖިލްދު ޞަފްޙާ 158}

މަރްޔަމުގެފާނުގެ ބެލެނިވެރިކަމާ ޙަވާލުވާނެ މީހަކާމެދު ޔަހޫދީންގެ އަޚްބާރުންގެ މެދުގައި އިޚްތިލާފު އުފެދުނުކަން ކީރިތި ޤުރްއާނުގެ ނައްޞުން ސާބިތުވެއެވެ. އާލު ޢިމްރާނު ސޫރަތުގެ 44 ވަނަ އާޔަތުގައި މާތް ވަޙީ ކުރައްވައިފައިވެއެވެ.

ذَٰلِكَ مِنْ أَنبَاءِ الْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَامَهُمْ أَيُّهُمْ يَكْفُلُ مَرْيَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ ﴿٤٤

މާނައީ: [އެއީ، غيب ގެ خبر ތަކުގެ ތެރެއިން، ކަލޭގެފާނަށް ތިމަންރަސްކަލާނގެ وحى ކުރައްވާ خبر ތަކެވެ. مريم ގެފާނު ބެލުމާ حوال ވާނީ، އެއުރެންގެ ތެރެއިން ކާކުތޯ ބެލުމަށްޓަކައި (قرعة ލުމުގެ ގޮތުން) އެއުރެންގެ قلم ތައް އުކި ހިނދު، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ. އަދި، އެއުރެން (އެކަމުގައި) ދެބަސްވެ خلاف ވީ ހިނދުގައިވެސް، އެއުރެންގެ ގާތުގައި ކަލޭގެފާނު ވަޑައިގެން ނުވަމުއެވެ].

އިތުރު އެހެން ރިވާޔަތެއްގައިވެއެވެ. ޢިކްރިމާ އާއި ސުއްދީ އާއި ރަބީޢު ބިން އަނަސު ވިދާޅުވެފައިވެއެވެ. އަޚްބާރުން ޤުރުޢަތު ލުމަށްޓަކައި ދިޔައީ އުރުދުންގެ ކޯރުކައިރިއަށެވެ. އެތަނަށް ގޮސް އެބައިމީހުންގެ ގަލަންތައް ކޯރުގެ ތެރެއަށް އުކާލިއެވެ. އެ ގަލަންތަކުގެ ތެރެއިން ކޯރުގެފެންގަނޑު މަތީގައި އޮންނަ ގަލަމުގެ ވެރިފަރާތަކީ މަރްޔަމުގެފާނުގެ ބެލެނިވެރިޔާއެވެ. ދެން އެބައިމީހުން ގަލަންތައް އުކާލުމުން އެންމެ ގަލަމެއް ފިޔަވައި އެހެން ހުރިހާ ގަލަމެއް އަޑިޔަށް ހިނގައްޖެއެވެ. މަތީގައި އޮތީ زكريّا عليه السّلام  ގެ ގަލަމެވެ. އެކަލޭގެފާނަކީ އެބައިމީހުންގެ ސާހިބާއެވެ. ކަންކަމުގައި ރަނގަޅުގޮތް ވިދާޅުވެދެއްވާ ޢިލްމުވެރިޔާއެވެ. އެބައިމީހުންނަށް ތެދުމަގު ބަޔާން ކޮށްދެއްވުމަށްޓަކައި ފޮނުއްވި ނަބިއްޔާވެސްމެއެވެ.{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ދެވަނަ ޖިލްދު ޞަފްޙާ 158}

زكريّا عليه السّلام، މަރްޔަމުގެފާނުގެ ކަފާލާތު ނުވަތަ ބެލެހެއްޓެވުމާއި ޙަވާލުވެވަޑައިގެންނެވުމަށްފަހު އެކަލޭގެފާނު އެކަމަނާއަށް ރަނގަޅު ތަރުބިޔަތެއް ދެއްވުމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވިއެވެ. އެކަލޭގެފާނަކީ މަރްޔަމުގެފާނުގެ މައިފުށުގެ ބޮޑުދައިތާފުޅުގެ ފިރިކަލުންނެވެ. އުޚުތުގެ ފިރިކަލުންކަމުގައިވެސް ބުނެވެއެވެ. މަރްޔަމުގެފާނު ވެވަޑައިގެންނެވީ ތަޤްވާވެރިކަމާއި އަޅުވެރިކަމުގައި މިސާލުޖެހެވޭ ފަދަ މާތް ބޭކަނބަލަކަށެވެ. ބަނީއިސްރާއީލުބާގައިގެ މީސްތަކުންގެ ތެރޭގައި އެކަމަނާގެ ތަޤްވާވެރިކަންވަނީ މަޝްހޫރުވެފައިވެއެވެ.

މަރްޔަމުގެފާނުގެ އަޅުވެރިކަމާއި ތަޤްވާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން އެކަމަނާގެ ފަރާތްޕުޅުން ކަރާމާތް ފާޅުވާންފެށިއެވެ. ކަރާމާތަކީ ރަސޫލުންގެ ރިސާލަތަށް ފުރިހަމައަށް ތަބާވެ ޢަމަލުކުރި ޞާލިޙު އަޅުންގެ އަތްމައްޗަށް ފާޅުޅުކުރައްވާ އާދަޔާ ޚިލާފުކަންތައްތަކެވެ. މަރްޔަމުގެފާނުގެ ފަރާތްޕުޅުން ފާޅުވި ކަރާމާތް އެންމެ ފުރަތަމަ ދެކެވަޑައިގެންނެވީ زكريّا عليه السّلام އެވެ. އެއީ ނުމޫސުމުގެ މޭވާ އަބަދުވެސް ތިޔާގިކަމާއެކު އެކަމަނާގެ އަރިހުގައި ލިބެން ހުރުމެވެ. މިކަމަށް އިޝާރާތް ކުރައްވާ އާލުޢިމްރާނު ސޫރަތުގެ 37 ވަނަ އާޔަތުގައި މާތްވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

فَتَقَبَّلَهَا رَبُّهَا بِقَبُولٍ حَسَنٍ وَأَنبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِيَّا الْمِحْرَابَ وَجَدَ عِندَهَا رِزْقًا ۖ قَالَ يَا مَرْيَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ اللَّـهِ ۖإِنَّ اللَّـهَ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ ﴿٣٧

މާނައީ: [ފަހެ، އެކަމަނާގެ ވެރިރަސްކަލާނގެ ރިވެތިވެގެންވާ قبول އަކުން އެކަމަނާ قبول ކުރައްވައިފިއެވެ. އަދި، ރިވެތިވެގެންވާ ބޮޑުކުރެއްވުމަކުން އެކަމަނާ ބޮޑުކުރެއްވިއެވެ. އަދި، زكرياّ ގެފާނާ، އެކަމަނާ ބެލެހެއްޓެވުން حوال ކުރެއްވިއެވެ. އެކަމަނާގެ އަރިހަށް محراب ގެ ތެރެޔަށް زكريّا ގެފާނު، ވެދެވަޑައިގަންނަވާ ކޮންމެފަހަރަކު، އެކަމަނާގެ އަރިހުގައި، ކާތަކެތިވާތީ، އެކަލޭގެފާނު ދެކެވަޑައިގެން ވިދާޅުވެތެވެ. އޭ مريم އެވެ! ކަމަނާއަށް މިތަކެތި ލިބިވަޑައިގަންނަވަނީ ކޮންތާކުންތޯއެވެ؟ އެކަމަނާ ވިދާޅުވެތެވެ. އެއީ، اللَّه ގެ حضرة ންނެވެ. ހަމަކަށަވަރުން، اللَّه އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެއްވެސް حساب އެއްނެތި رزق ދެއްވަތެވެ.]

މުޖާހިދާއި ޢިކްރިމާ އާއި ސަޢީދު ބުނު ޖުބައިރު ފަދަ ބޭކަލުން ވިދާޅުވެފައިވެއެވެ. زكريّا عليه السّلام އަށް މަރްޔަމުގެފާނުގެ އަރިހުން ފިނިމޫސުމުގައި، ހޫނުމޫސުމުގެ މޭވާ ހުންނަތަން ފެނިވަޑައިގަންނަވައެވެ. ހޫނުމޫސުމުގައި، ފިނިމޫސުމުގެ މޭވާ ހުންނަތަން ފެނިވަޑައިގަންނަވައެވެ.{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ދެވަނަ ޖިލްދު ޞަފްޙާ 151}

 

މިއަދު އޮންލައިން