ޝައިޠޯނާ ތިބާއާ އަޅައިވެސް ނުލާނެ ޙާލަތާ ވައިރޯޅިއެއް ފަދައިން ތިބާގެ ގާތަށް އަންނާނެ ޙާލަތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ޝައިޠޯނާ ތިބާއާ އަޅައިވެސް ނުލާނެ ޙާލަތާ ވައިރޯޅިއެއް ފަދައިން ތިބާގެ ގާތަށް އަންނާނެ ޙާލަތު-

ތިބާއަކީ ފާފަތައް ކުރަމުން ގެންދާ މީހަކު ކަމުގައިވެއްޖެނަމަ ޝައިޠޯނާ ތިބާ އާއި އަޅައިވެސް ނުލާނެއެވެ. ބުނާނެއެވެ.! "އޭނާ އާއި އަޅައިވެސްލާނެ ކަމެއް ނެތެވެ! އޭނާ އާއި އަޅައިނުލި ނަމަވެސް އޭނާ ކުރަމުން ގެންދާނީ ފާފަތަކެވެ. ވީމާ ފާފަ ނުކުރާ މީހަކު ލައްވައި ފާފައެއް ކުރުވޭތޯ ބަލާށެވެ!" 

އެކަމަކު ތިބާ ހެޔޮކަމެއް ކުރަން އުޅޭނަމަ އެންމެ ބާރަށް ދަތުރުކުރާ ވައިރޯޅިއެއް ފަދައިން ތިބާގެ ގާތަށް އަންނާނެއެވެ. އައިސް އެކަމެއް ނުކުރަން ވަސްވާސްދޭނެއެވެ. ކުރަން އުޅޭ ހެޔޮކަން ކުރިއަ ނުދޭން މަސައްކަތްކުރާނެއެވެ. އަދި އެ ހެޔޮކަން ކުރަން ފަށައިފިނަމަ ސިކުނޑިއަށް ވަސްވާސްތައް ދީގެން ވިސްނުމުން ﷲ ތަޢާލާ ދުރުކުރުވަން މަސައްކަތްކުރާނެއެވެ. 

ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭ އެންމެ ބޮޑު ސަބަބަކީވެސް ހަމައެއީއެވެ. ތިބާއަށް ޝައިޠޯނާ ދޭ ވަސްވާސްތަކުގެ ސަބަބުންނާއި ދައްކާ ހުވަފެންތަކުގެ ސަބަބުން ނަމާދުގެމަތިން ހަނދާންވެސް ނެތެނީއެވެ. ނަމާދުގައި ކިޔާ ތަކެއްޗަށް ދޭންޖެހޭ ސަމާލުކަން ގެއްލުވައިލަނީއެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަކުރުމުން މީހާ މުޅިން ދުރުހެލިކޮށްލުވަނީއެވެ. ޝައިޠޯނާ ވަނީ އެމަސައްކަތް ކުރުމަށް ޚާއްޞަ ޝައިޠޯނަކުވެސް ކަނޑައަޅައިފައެވެ. 

އަދިވެސް ކުރިމަތިވާ ކަމެއް ފާހަގަކޮށްލާނަމެވެ. މައިންބަފައިންނަށް ޒިޔާރަތްކުރަން އުޅޭނަމަ އެކަން މާދަމާވެސް ކުރެވިޑާނެކަން ވިސްނައިދީ އެކަމަށް ހުރަސްއަޅާނެއެވެ. މައިންބަފައިންނަށް މިއަދު ޒިޔާރަތް ނުކުރިނަމަވެސް ފުދޭނެކަމާއި މިވެނި އެވެނި ކަމެއް ކުރުމުން މާބޮޑަށް ފައިދާކުރާނެކަން ވިސްނައިދޭނެއެވެ. އެއީ އެކަމުން ތިބާއަށް ލިބެން އޮތް ޘަވާބު ލިބުނަ ނުދިނުމަށްޓަކައެވެ. 

ވީމާ ކޮންމެ މުސްލިމަކުވެސް ފަށަމުން ފާހަގަ މިކުރި ދެ ޙާލަތަށް ވިސްނާށެވެ! ފާފަކޮށް ޝައިޠޯނާގެ އަޅަކަށް ނުވާށެވެ! އަދި ކުރަން އުޅޭ ހެޔޮ ޢަމަލުތައް ކުރަން ޝައިޠޯނާ އަޅާނެ ހުރަސްތަކަށް ވިސްނައި ރައްކައުތެރިވާށެވެ! އާޚިރަތް ދުވަހު އުފާވެރިކަން ލިބޭނެ މީހަކު ކަމުގައި ވެވޭނީ އެއިރުންނެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން